ރާއްޖޭގައި މިއަދު ފެށި ފޯނޭޝަންސް ކަޕްގެ އަންހެން ޑިވިޝަންގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި މެލޭޝިއާ ކައިރިން ހަނި ގޮތަކަށް ބަލިވެއްޖެއެވެ.

މިއަދު ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި ކުޅުނު ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓު މެލޭޝިއާއިން 25-20 އިން ގެންގޮސްފައި ވަނިކޮށް، ފަހަތުން އަރައި ރާއްޖެއިން ޖެހިގެން އައި ދެ ސެޓު ގެންދިޔައީ 22-25 އަދި 23-25 އިންނެވެ. ތިންވަނަ ސެޓު އަނެއްކާވެސް މެލޭޝިއާއިން 25-21 އިން ގެންގޮސް، ޓައި ބްރޭކް ސެޓް ގެންދިޔައީ 16-14 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފެށިގެން ރަނގަޅަށް ކުޅެމުން ދިޔައީ މެލޭޝިއާއިންނެވެ. ރާއްޖެއަށް ރަނގަޅަށް މެޗަށް ނުވަދެވިގެން އުޅެނިކޮށް މެލޭޝިއާއިން ރަނގަޅު ލީޑެއް ނަގައި ހިފަހައްޓަމުން ދިޔަ ނަމަވެސް، އައިޝަތު މާޖިދާ އާއި ޝަހާ ޝާމިންގެ ރަނގަޅު އެޓޭކްތަކަކާއެކު 15-14 އަށް ރާއްޖެއިން ސެޓުގެ ފަރަގު ކުޑަކުރިއެވެ. އެހެން ނަމަވެސް އަނެއްކާވެސް މެލޭޝިއާއިން ރަނގަޅަށް ކުޅެ، ސެޓު ގެންދިޔައެވެ. މެލޭޝިއާއިން ސެޓު ގެންދިޔައީ މުހިއްމު ވަގުތުގައި ނެގި ޓައިމް އައުޓަކާވެސް އެކުގައެވެ.

ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ފެނުނީ ތަފާތު ރޫހެއްގައި ކުޅެމުން ދިޔަތަނެވެ. މެލޭޝިއާއިން ލީޑަކާއެކު ފެށި ނަމަވެސް 10-10 އިން އެއްވަރުކޮށް، ރާއްޖެއިން ފަހަތުން އަރައި ދެ ޕޮއިންޓްގެ ލީޑެއްވެސް ނެގިއެވެ. ޝަހާ އާއި ކެޕްޓަން ހައްވާ ރާޝިދާ އަދި މާޖިދާގެ ބާރު އެޓޭކްތައް ފެނިގެން ދިޔަ އިރު، ރާއްޖެއިން ސެޓުގެ ފަހުކޮޅަށް ގޮސް، ހަތަރު ޕޮއިންޓްގެ ލީޑެއްވެސް ނެގިއެވެ.

އެ ލީޑާއެކު ރާއްޖެއިން މެޗު ނިންމާލަން ދަނިކޮށް މެލޭޝިއާއިން ފަހަތުން އަރައި 22-23 އަށް ސްކޯ ގާތް ކުރުމުން ރާއްޖޭގެ ކޯޗު އިބްރާހީމް ނިޒާރު (ބޮޑޭ) ވަނީ ޓައިމް އައުޓެއް ނަގައި، މެޗުގެ އޮއިވަރު ބަދަލުކޮށްލައިފައެވެ. ފަހު ދެތިން ޕޮއިންޓްގައި ރާއްޖޭގެ ސެޓަރު ޖޫޒާން ޒަރީރުގެ ތަފާތުވެސް ފެނިގެން ގޮސްފައިވެއެވެ.

މެޗުގެ ތިންވަނަ ސެޓުވެސް ރާއްޖެއިން ފެށީ ރަނގަޅަށެވެ. ފުރަތަމަ ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ރާއްޖެއިން ނެގި ނަމަވެސް މެލޭޝިއާއިން ފަހަތުން އަރައި އަނެއްކާވެސް ލީޑު ނެގިއެވެ. ސެޓުގެ މެދުތެރެއިން ދާދި ހަމަހަމަކޮށް ގޮސްފައިވާ އިރު، ގިނަ ވަގުތު ލީޑު ކުރަމުން ދިޔައީ މެލޭޝިއާއިންނެވެ.

މެލޭޝިއާއިން ރަނގަޅަށް ކުޅެމުން ދަނިކޮށް، ރާއްޖެއިން އޮއިވަރު ބަދަލުކޮށްލީ ފަހު ފަސް ޕޮއިންޓްގެ ތެރެއިންނެވެ. ސެޓު ފަހުކޮޅުގައި ފަހަތުން އަރައި 22-21 އިން ރާއްޖެއިން ލީޑު ނެގުމާއެކު މެލޭޝިއާއިން ޓައިމް އައުޓެއް ނެގި ނަމަވެސް، ޓައިމް އައުޓަށް ފަހުވެސް ރާއްޖެއިން ހިތްވަރުކޮށް ތިންވަނަ ސެޓު ގެންދިޔައެވެ.

ފޯރިއާއެކު ކުޅެ ރާއްޖެއިން ގެންދިޔަ ސެޓުގައިވެސް މާޖިދާ އާއި ކެޕްޓަން ހައްވަ އަދި ޝަހާގެ ބާރު އެޓޭކްތައް ފެނުނު އިރު، މެލޭޝިއާ ޓީމު ފެނުނީ ތަންކޮޅެއް ބޮޑަށް ވަރުބަލިކޮށެވެ. ރާއްޖޭގެ ޑިފެންސިވް ޒޯނުގައި ޒުވާން ކުޅުންތެރިން ކަމަށްވާ ހައްވާ ނާޒިމާ އާއި ނަރީމާ އިދުރީސްގެ ކުޅުންވެސް ތަފާތުކޮށް ފާހަގަކޮށްލެވުނެވެ.

ހަތަރު ވަނަ ސެޓަށް ރާއްޖެއިން ނުކުތީ ހިތްވަރާއެކު މެޗު ކާމިޔާބު ކުރުމަށެވެ. އެ ހިތްވަރު ސެޓުގެ ކުރީކޮޅުގައި ފެނުނު އިރު، ޝަހާ އާއި ހައްވަގެ ބާރު އެޓޭކްތަކާއެކު ރާއްޖެއިން ފުރަތަމަ ކޮޅުގައި ފެށީ ރަނގަޅު ލީޑަކާއެކުގައެވެ. ހަ ޕޮއިންޓްގެ ލީޑެއްވެސް ރާއްޖެ އޮތް އިރު، މަޑުމަޑުން މެލޭޝިއާއިން ދިޔައީ ކުޅުމަށް ވަންނަމުންނެވެ.

މެލޭޝިއާއިން ފަހަތުން އަރައި ލީޑު ނަގައި މެޗުގެ އޮއިވަރު ބަދަލުކޮށްލާފައިވާ އިރު، ރާއްޖެއިން ދިޔައީ ފަހު ޕޮއިންޓާ ޖެހެންދެންވެސް ހިތްވަރު ކުރަމުންނެވެ. 21-19 އަށް ރާއްޖެއިން މެލޭޝިއާއާ ގާތް ކުރި ނަމަވެސް ފަހުކޮޅުގައިވެސް ލީޑެއް ނުނެގުނެވެ. ވަރުބަލިކަމުގެ އިހުސާސް ބައެއް ކުޅުންތެރިންގެ ފަރާތުން ފެނުނު އިރު، ސެޓު މެލޭޝިއާއިން ގެންދިޔުމާއެކު މެޗު ދިޔައީ ޓައި ބްރޭކް ސެޓަށެވެ.

ޓައިބްރޭކެ ސެޓު ދާދި ގާތް ގާތުގައި ގޮސްފައިވާ އިރު، މެލޭޝިއާއިން ދިޔައީ ހަނި ގޮތަކަށް ލީޑު ކުރަމުންނެވެ. އެހެން ދަނިކޮށް ރާއްޖެއިން ވަނީ 9-9 އިން ސެޓު އެއްވަރު ކޮށްފައެވެ. ހައްވަގެ ތަޖުރިބާގައި ތަފާތު ދައްކާފައިވާ އިރު، ރާއްޖެއިން 11-10 އިން ލީޑު ނެގުމާއެކު މެލޭޝިއާއިން ޓައިމް އައުޓް ނެގިއެވެ.

ޓައިމް އައުޓަށްފަހު މެލޭޝިއާއިން ދެ ޕޮއިންޓްގެ ލީޑެއް ނެގި ނަމަވެސް 13-13 ގައި އަނެއްކާވެސް ސެޓު އެއްވަރުވެ ރާއްޖެއަށް އުންމީދެއް ލިބުނެވެ. 14-14 ގައިވެސް ސެޓު އެއްވަރުވެ، ޓައި ބްރޭކްގެ ފަހު ޕޮއިންޓްވެސް އެއްވަރުކޮށް ގޮސް، މެލޭޝިއާއިން ފަހު ދެ ޕޮއިންޓާއެކު ސެޓު ގެންދިޔައެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖެ އާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރަނީ ސިންގަޕޫރުންނެވެ. އަންހެން ޑިވިޝަންގެ ތިން ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެއްވަނަ ޓީމު ދާނީ ފައިނަލަށެވެ. ދެވަނަ އާއި ތިންވަނަ ޓީމު، ސެމީ އެއް ކުޅެ، މޮޅުވާ ޓީމަކަށް ފައިނަލްގެ އަނެއް ޖާގަ ލިބޭނެއެވެ.

ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މާދަމާ ހަވީރު 4:30 ގައި ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.