ރާއްޖޭގައި އިއްޔެ ފެށި ފޯ ނޭޝަންސް ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމުން ކުޅުނު ދެވަނަ މެޗުގައި މިރޭ ސިންގަޕޫރު ކައިރިން ސީދާ ތިން ސެޓުން މޮޅުވެއްޖެއެވެ.
ފުރަތަމަ މެޗުގައި ރޭ މެލޭޝިއާ ކައިރިން ބަލިވެފައި އޮތް ރާއްޖެއިން މިރޭ ކުޅުނު މެޗުގައި ރާއްޖޭން ސިންގަޕޫރު ކައިރިން ސެޓުތައް ގެންދިޔައީ 26-24، 25-20 އަދި 25-21 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު ރަނގަޅަށް ސިންގަޕޫރުން ލީޑު ދަމަހައްޓައި ކުޅުނެވެ. ސިންގަޕޫރުން ރަނގަޅު އެޓޭކްތަކެއް ކުރަމުން ގޮސް ސެޓުގެ ފަހު ފަސް ޕޮއިންޓާ ހަމައަށް ދިޔަ އިރުވެސް ދިޔައީ ލީޑު ކުރަމުންނެވެ. ރާއްޖެއިން މެޗުގެ އޮއިވަރު ބަދަލުކޮށްލީ ފަހު ކޮޅަށް ގޮސް ކުރި ރަނގަޅު އޭޓޭކްތަކަކުންނެވެ. ހަސަން ނިލާމް (ޕާޓޭ) އާއި ކެޕްޓާން ހުޒާމް އަލީ (ހުޒަންޓެ) ގެ ރަނގަޅު އެޓޭކްތަކެއް ފެނިގެން ދިޔަ އިރު، 20-20 ސްކޯ އެއްވަރުކޮށް ރާއްޖެއިން ފަހަތުން އަރައި ލީޑު ނެގިއެވެ.
އެ ލީޑާއެކު ރާއްޖެއިން ވަނީ ރަނގަޅު ފޯމެއްގައި ސެޓު ގެންގޮސްފައެވެ.
ދެވަނަ ސެޓުވެސް ރާއްޖެއިން ފެށީ ރަނގަޅު ފޯމެއްގައެވެ. ރަނގަޅު ލީޑެއްގައި ކުޅުން ފެށި އިރު، ހުޒަންޓެގެ ފަރާތުން ބާރު ހަމަލާތަކެއް ފެނިގެން ދިޔައެވެ. އަދި ހަމައެއާއެކު ރާއްޖެއިން ޑިފެންސިވްލީވެސް ކުޅުން ރަނގަޅުކޮށް، ރަނގަޅު ބްލޮކްތަކެއްވެސް ކުރިތަން ސެޓުގައި ފެނިގެން ދިޔައެވެ. އާދަމް ފައިރޫޒްގެ ރަނގަޅު ބްލޮކްތަކެއްވެސް ފެނިގެން ދިޔަ ސެޓު ރާއްޖެއިން ގެންދިޔައީ 20-25 އިންނެވެ.
ތިންވަނަ ސެޓުގައި ރާއްޖޭގެ ކުޅުން އިތުރަށް ރަނގަޅުކުރިތަން ފެނިގެން ދިޔައެވެ. ރަނގަޅު ފޯމެއްގައި ބޮޑު ލީޑެއް ދަމަހައްޓަމުން ދިޔަ އިރު، ރާއްޖޭގެ އެޓޭކްތައް ވަރަށް ފުރިހަމަކޮށް ފެނިގެން ދިޔައެވެ. ފައިރޫޒުގެ އިތުރުން ހުޒަންޓެ އާއި ބަދަލަކަށް ކުޅެން އެރި ހުސައިން ރަޒާންގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ރަޒާންގެ ފަރާތުން ބްލޮކްތަކާއި އެޓޭކްތައް ފެނިގެން ދިޔައެވެ.
ރާއްޖެއިން ސެޓު ފަހު ކޮޅަށް ގޮސް، ހަތަރު ޕޮއިންޓްގެ ލީޑެއްގައި އޮއްވައި ކޮންމެވެސް ވަރަކަށް ސިންގަޕޫރުން ކުޅުން ރަނގަޅު ކުރުމާއެކު ބްރެޒިލްގެ ކޯޗު ސާޖިއޯ ވެލޯސޯ ވަނީ ސެޓަރު ހުސެއިން ވިޝާމް (ބުޅިކޭ) ގެ ބަދަލުގައި ހުސައިން ޝާހިދު (ޝާޑު) ކުޅެން ނެރެފައެވެ. ޝާޑު ކުޅެން އަރައި ދެވަނަ ސެޓާއި ތިންވަނަ ސެޓުގައިވެސް ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ. ހާއްސަކޮށް ބްލޮކްތަކުގައި އޭނާގެ އެހީތެރިކަން ފެނިގެން ގޮސްފައިވެއެވެ.
ފަހު ޕޮއިންޓްތައް ހޯދުމުގައި އެންމެ ބޮޑަށް ތަފާތު ދެއްކީ މުޅި މެޗުގައިވެސް ރާއްޖެއިން އެންމެ ރަނގަޅަށް ކުޅެ، އެޓޭކްތައް ކުރި ޕާޓޭއެވެ. އޭނާގެ ފަރާތުން މުޅި މެޗުގައިވެސް ފެނިގެން ދިޔައީ ރަނގަޅު އެޓޭކްތަކެކެވެ.
ރާއްޖެއިން ދެން މުބާރާތުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. ރޮބިން ރައުންޑްގައި ރާއްޖެއިން ކުޅޭ ފަހު މެޗުގައި މާދަމާ ރޭ އަފްގާނިސްތާނާ ދެކޮޅަށް ނުކުންނާނީ 8:30 ގައި އޮންނަ މެޗުގައެވެ. އެ މެޗުން މޮޅުވެ، ސީދާ ފައިނަލަށް ދިޔުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ.
ފޯ ނޭޝަންސް ޓޯނަމެންޓް
ފޯ ނޭޝަންސް ޓޯނަމެންޓް