Close
ފާތިމަތު ދީމާ އަލީ

ޕޯޗުގަލްގައި ކުރިއަށްދާ ދުނިޔޭގެ ޔޫތު ކޮންޓެންޑާ މުބާރާތުގައި ދީމާއަށް ބޮޑު ކުރިއެރުމެއް

މިހާރު ޕޯޗުގަލްގެ ވިލަ ރެއާލްގައި ކުރިއަށްދާ ދުނިޔޭގެ ޔޫތު ކޮންޓެންޑާސް ޓީޓީ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފާތިމަތު ދީމާ އަލީ، 18 އަހަރުން ދަށުގެ ސިންގަލްސްގެ ގަދަ 16 ގައި ކުޅެ، 17 އަހަރުން ދަށުގެ ދެވަނަ ބުރުގައި ކުޅެ ތާރީހީ ކުރިއެރުމެއް ހޯދައިފިއެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔޫތު ކުޅުންތެރިން ވާދަކުރާ މުބާރާތުގައި އުމުރުން 15 އަހަރުގެ ދީމާ ވާދަކޮށްފައި ވަނީ 19 އަހަރުން ދަށުގެ ސިންގަލްސް އިވެންޓްގައެވެ.

އެ އިވެންޓްގެ ފުރަތަމަ ބުރުގައި ދީމާ ގްރޫޕް 10 ގައި ކުޅެފައިވާ އިރު، އެ ގްރޫޕްގައި ފުރަތަމަ ކުޅުނީ ޖަރުމަނުގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ އެއިރީން ކަލައިޓްޒީޑޫއާ ދެކޮޅަށެވެ. އެ މެޗު 3-1 އިން ޖަރުމަނު ކުޅުންތެރިޔާ ކާމިޔާބު ކުރި ނަމަވެސް، ދެން ކުޅުނު މެޗުގައި ދީމާ ވަނީ ބްރެޒިލްގެ ލައުރާ ވަޓަނާބޭ ސީދާ ތިން ސެޓުން ބަލިކޮށްފައެވެ.

ބްރެޒިލްގެ ކުޅުންތެރިޔާއަކީ ދުނިޔޭގެ ސީނިއާ ޓީޓީ ރޭންކިންގެ ގަދަ 200 ގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. މެޗުގައި ދީމާ ސެޓުތައް ގެންދިޔައީ 12-10، 11-3 އަދި 13-11 އިންނެވެ.

އެ މެޗުން މޮޅުވެ ގަދަ 32 ކުޅުންތެރިންގެ ބުރަށް ކޮލިފައިވެ، ދީމާ ނުކުތީ ޔުކްރެއިންގެ އަނަސްޓޭޝިއާ ބޫޑްނާރާ ދެކޮޅަށެވެ. އެ މެޗު ދީމާ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު 11-9 އަދި 11-2 އިން ދީމާ ގެންދިޔަ އިރު، ތިންވަނަ ސެޓު އަނަސްޓޭޝިއާ ގެންދިޔައީ 11-6 އިންނެވެ. ތިންވަނަ ސެޓު ގެއްލުނު ނަމަވެސް، އަލުން ހިތްވަރުކޮށް ދީމާ ވަނީ ފަހު ސެޓު 11-6 އިން ގެންގޮސް ގަދަ 16 އިން ޖާގަ ހޯދައިފައެވެ.

ގަދަ 16 ގައި ދީމާ ވާދަކުރީ ޕޯޗުގަލްގެ ވަރުގަދަ ކުޅުންތެރިއެއް ކަމަށްވާ އިނޭސް މާޓޯސްއާ ދެކޮޅަށެވެ. އެމެޗުގައިވެސް ދީމާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުން 3-1 ސެޓުން ބަލިވި ނަމަވެސް ސެޓުތަކުގައި ދީމާ ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ފުރަތަމަ ދެ ސެޓު ދީމާއަށް ގެއްލުނީ 11-6، 11-9 އިންނެވެ. ތިންވަނަ ސެޓު ދީމާ 12-10 އިން ގެންދިޔަ އިރު، ފަހު ސެޓު ގެއްލުނީ 8-11 އިންނެވެ.

ހަތާރު އަހަރުން ދަށުގެ ބައިގައި ދީމާ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއެވެ. އޭނާ ދެވަނަ ބުރަށް ދިޔައީ ގްރޫޕްގެ ދެވަނަ ހޯދައިގެންނެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ބީޓްރިޒް ފިއޮރޭ އަތުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-9، 13-11، އަދި 11-3 އިންނެވެ. ދެވަނަ މެޗުގައި ޕޯޗުގަލްގެ މާތާ ސިލްވާއާ ވާދަކޮށް ދީމާ މެޗު ކާމިޔާބުކުރީވެސް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދީމާ ގެންދިޔައީ 11-7، 11-5، އަދި 11-3 އިންނެވެ. ފަހު މެޗުގައި ރުމޭނިއާގެ އަންދްރިއާ ޖިފްކޫ އަތުން 3-1 ސެޓުން ދީމާ ބަލިވި އިރު، ދެވަނަ ބުރުގައި ދީމާ ނުކުތީ ޖަރުމަންގެ ލީސާ ވަންގްއާ ދެކޮޅަށެވެ. އެމެޗުން ދީމާ ބަލިވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 10-12، 11-9، 9-11 އަދި 7-11 އިންނެވެ.

ދީމާ ވަނީ މިދިޔަ އަހަރުވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަނގަޅު ކުރިއެރުންތަކެއް ހޯދައިފައެވެ. އުމުރުން 15 އަހަރުގައި، މިދިޔަ އަހަރު ދީމާ ގައުމީ ޓޭބަލް ޓެނިސް ޗެމްޕިއަންކަން މިލްކް ކޮށްފައިވާ އިރު، މިދިޔަ އަހަރު ސާކް ރީޖަންގެ ކޮލިފިކޭޝަންގައި ދީމާ ވަނީ ކާމިޔާބު ހޯދައިފައެވެ. އޭގެ އިތުރުން ރާއްޖޭގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގައި ކެޑޭޓް ސިންގަލްސް އަންހެން ފައިނަލުގައި ދީމާ ކުޅެ، އެ މުބާރާތުން އޭނާ ވަނީ ރިހި މެޑަލް ހޯދައިފައެވެ.

ދީމާ މިވަގުތު ތަމްރީނު ވަމުންދަނީ ފްރާންސްގައެވެ. އެއީ އޮލިމްޕިކް ސްކޯލާޝިޕެއްގެ ދަށުންނެވެ.

ދީމާ ވަނީ ވޯލްޑް ކޮންޓެންޑާ ސީރީސްގެ ބައެއް މުބާރާތްތަކުގައި މިދިޔަ އަހަރުވެސް ވާދަކޮށްފައެވެ. އޭގެ ތެރޭގައި އޮމާންގެ ވެރިރަށް މަސްކަޓުގައި އޮތް މުބާރާތުގެ 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލުން އޭނާ ޖާގަ ހޯދި އިރު، ޓިއުނީޝިއާގައި އޮތް މުބާރާތުގައިވެސް އޭނާ ވާދަކުރިއެވެ. ޕޯޗުގަލްގައި އޮތް މުބާރާތަށް މިދިޔަ އަހަރު އޭނާއަށް ނުދެވުނީ ވިސާ ހަމަނުޖެހުމުގެ ސަބަބުންނެވެ.