ދައުލަތުގެ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑް (އެސްޑީއެފް) ބެލެހެއްޓުމުގެ އެންމެހާ ބާރުތައް ރައީސުލްޖުމްހޫރިއްޔާއަށާއި ފިނޭންސް މިނިސްޓަރަށް ލިބޭ ގޮތް ހެދުމަށް މާލިއްޔަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނެސް ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި މި އިސްލާހު މަޖިލީހުން ފާސްކުރީ، އެވަގުތު މަޖިލީހުގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ.

އެމްއެމްއޭގެ ބެލުމުގެ ދަށުން އެސްޑީއެފް މިހާރު ބަލަހައްޓަމުން ގެންދާ ސޮވްރިން ޑިވަލޮޕްމަންޓް ފަންޑަކީ ފަހަށް ފައިސާ ރައްކާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.

މަޖިލީހުން މިއަދު ފާސްކުރި އިސްލާހުގައި އެސްޑީއެފްއަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތްތައް ދެން ނިންމާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަނީ ހިމަނާފައެވެ. އެމްއެމްއޭގެ އަތުން އެ ފަންޑު ނަގައި، އެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ފާސްވުމާ ގުޅިގެން އެސްޑީއެފްއަކީ މާލިއްޔަތު ގާނޫނުގައިވާ ވަކި އުސޫލުތަކެއްގެ ދަށުން ބަލަހައްޓަން ޖެހޭ ފަންޑެއްގެ ގޮތުގައި ހަމަޖެހިގެންދާނެއެވެ. އެގޮތުން އެސްޑީއެފްގެ ފައިސާ ބަހައްޓަން ޖެހޭނީ އެމްއެމްއޭގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވައިގެން ކަމަށާއި ޕަބްލިކް ބޭންކް އެކައުންޓާއި އެސްޑީއެފް އެއްކޮށްގެން ނުވާނެ ކަމަށާއި ސޮވަރިން ފަންޑް އިންވެސްޓް ކުރާނެ ގޮތްތައް ނިންމުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެއެވެ.

އެ ކޮމިޓީ އެކުލަވާލަން ޖެހެނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަމަށާއި އެސްޑީއެފް ހިންގާނެ އުސޫލުތައް މާލިއްޔަތު ގަވާއިދުގައި ލިޔެ، އޮޑިޓްކޮށް ހިސާބުތައް ތައްޔާރުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.