މިހާރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި، އިބްރާހިމް ރިޒާ މިމަހު 22 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެން ހުސްވެފައިވާ ގޮނޑިއަށް ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓް ކަނޑައެޅުމަށްޓަކައި ބާއްވާ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީގެ ސެކްރެޓޭރިއަޓުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަދު މިއަދުން ފެށިގެން 2 މާޗް 2023 ވާ ބުރާސްފަތި ދުވަހުގެ 16:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެހެންކަމުން މިޕްރައިމަރީގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން އެބޭފުޅަކު ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާކަން ހާމަކޮށްދޭ 100 މެންބަރުންގެ ތާއީދުފޯމާއިއެކު ކަމާބެހޭ ފޯމް ފުރިހަމަކުރުމަށް ދަންނަވާ ކަމަށްވެސް ބުނެފައިވެއެވެ.

ކ. ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާތީ، އެ ދާއިރާއަށް މެންބަރަކު އިންތިހާބުކުރަން ބާއްވާ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފައެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް ވިދާޅުވީ، ގުރައިދޫ ދާއިރާއަށް ވާދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. ކުރިމަތިލާން ދޭނީ ދެ ހަފުތާގެ މުއްދަތެއް ކަމަށްވެސް ވިދާޅުވިއެވެ.