މީގެ ހަތް އަހަރު ކުރިން، 20 މާޗް 2015ގެ ރޭ ހިންގި މާރާމާރީއެއްގައި ލ. މުންޑޫ/ ނޫވިލު، އަލީ ޒިޔަދަމް މަރާލި މައްސަލައިގައި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ)ގެ މައްޗަށް އެކަން ސާބިތުވެފައިވާތީ އޭނާގެ މެރުމަށް އަދި ޒިޔަދަމް މަރައިލުމުގެ ކުށް އެރަށު ބީޗް ވިލާ އަލީ ސިފާމްގެ މައްޗަށް ސާބީތުވެފައިވާތީ އޭނާ އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކުރިން ކަނޑައަޅައިފައެވެ. މި މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޒިޔަދަމްގެ ހުރިހާ ވާރިސުން ވަނީ ޝަނޫންގެ ކިބައިން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި ހުކުމް ކުރުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އިސްމާއިލް ޝަފީއު ވަނީ، ޒިޔަދަމްގެ ވާރިސުން ގިސޯސް ހިފަން ބޭނުންވާތީ ޝަނޫންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައިފައެވެ.
ސިފާމަށް އުމުރު ދުވަހުގެ (25 އަހަރު)ގެ ޖަލު ހުކުމެއް އިއްވީ ޒިޔަދަމް މަރާލުމުގައި އޭނާ އެހީތެރިވެފައިވާކަމާއި ޒިޔަދަމްއާ މަރާމާމާރީ ހިންގުމުގެ އިތުރުން، އޭނާ މަރުވެގެންދިޔަ އަމަލުތައް ހިންގުމުގައި މަގުފަހި ކޮށްދީފައިވާކަން ޝަރީއަތަށް ހުށައެޅިފައިވާ ހެކިތަކުން ސާބިތުވާތީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާތީއެވެ.
ޒިޔަދަމްގެ މަަރުގެ މައްސަލައިގައި މަރަން ހުކުމްކުރި ޝަނޫންގެ މައްޗަށް ބިރުދެއްކުމާއި މާރާމާރީގެ ދައުވާވެސް ދައުލަތުން ކޮށްފައިވެއެވެ.
މާރާމާރީ ހިންގުމުގެ ދައުވާ ކުރަނީ ޒިޔަދަމްގެ ހަށިގަނޑު ހިފައިގެން ހޮސްޕިޓަލަށް ބަޔަކު ދަނިކޮށް އޭގެ ތެރެއިން މީހަކަށް ޝަނޫން ހަމަލާދިން ކަމަށް ބުނެއެވެ. ބިރު ދެއްކުމުގެ ދައުވާ ކުރަނީ ޒިޔަދަމް މަރާލި ފަހުން ހޮސްޕިޓަލް ކައިރީގައި ހުރި މީހަކަށް ބިރު ދެއްކި ކަމަށް ބުނެއެވެ. މި ދެ ދައުވާގެ ހުކުމްވެސް މިއަދު އިއްވާނެ އެވެ.
ޒިޔަދަމްގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުންނާއި ޒިޔަދަމް ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށާއި މަރުވި ޒިޔަދަމަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު