ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޒަކާތުފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހޮވިފައިވާ ކުދިންގެ ތެރެއިން ބައެއް ކުދިން ފަރުވާއަށް ނުދެވި ލަސްވަމުންދާކަމަށްބުނެ އެކުދިންގެ ބެލެނިވެރިން ކަންބޮޑުވުންފާޅުކޮށްފިއެވެ.

ތެލެސީމިއާ ކުދިންގެ ތެރެއިން ޑޯނަރުން ހަމަޖެހި ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް 2015 އަހަރު 34 ކުއްޖަކު ވަނީ ހޮވިފައެވެ. އޭގެ ތެރެއިން ބެޗުތަކަށް ބަހާލައިގެން ކުދިން އިންޑިއާއާއި ސްރީލަންކާއަށް ފޮނުވައި 19 ކުއްޖަކު ވަނީ ބޯންމެރޯ ހަދާފައެވެ. ނަމަވެސް އޭގެ ތެރެއިން ދެ ކުދިން ވަނީ ބޯންމެރޯއަށްފަހު ދިމާވި ސިއްހީ މައްސަލަތަކެއްގެ ސަބަބުން މަރުވެފައެވެ.

ބާކީތިބި 15 ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކަށް ފުރޭ ގޮތް ވެފައި ނުވާ ކަމަށް "ވަން" އާ ވާހަކަ ދެއްކި ބައެއް ބެލެނިވެރިން ވަނީ ބުނެފައެވެ.

އެގޮތުން ބޯންމެރޯ ހެދުމަށް ހޮވިފައިވާ ކުއްޖެއްގެ ބެލެނިވެރިޔަކު "ވަން" އަށް މިއަދު ބުނީ، 2015 އަހަރު އޭނާގެ ދަރިފުޅު ބޯންމެރޯ އަށް ހޮވުނު ފަހުން ބަރާބަރަށް ޑޮކްޓަރަށް ދައްކައި ހުރިހާ ޓެސްޓުތައް ހަދަމުންދިޔަ ކަމަށެވެ. އަދި އެކި ފަހަރު މަތިން މާލެ އައުމަށް އެންގުމުން މާލެ އައިސްވެސް ޓެސްޓުތަކެއް ހަދާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އޭރު އަޅުގަނޑުމެންނަށް ފުރޭ ގޮތެއްނުވި. އެއީ އެކި ބެޗުތަކަށް ބަހާލައިގެން ވީމަ. އެކަމަކު އޭރުވެސް އަންގަމުންދިޔައީ ބޯންމެރޯ ހެދުމަށް ސެލެކްޓުވެފަ ތިބި ކުދިންނަށް ފުރޭނެޔޭ. އެހެންވެ އެ އިންތިޒާރުގަ އަޅުގަނޑުމެން މިތިބީ. އެތައް ފަހަރަކު މާލެވެސް ގެންގޮސްފި. މާލެ ގެނެސްފަ ބުނަނީ ފުރަން ރެޑީވާން ހަދަން ޖެހޭ ޓެސްޓުތައް ހަދަންވެގެންނޭ. ޓެސްޓުތައް ހަދާ ނިންމާފަ ބުނަނީ ވަކި އެއްޗެއް އަންގާނަމޭ. އެކަމަކު އޭގެ ފަހުން ހަބަރެއް ނުވޭ. އަޅުގަނޑުމެން ގުޅީމަ ބުނަނީ ވަރަށް އަވަހަށް ފުރާ ދުވަހެއް އަންގާނަމޭ." އޭނާ ބުންޏެވެ.

އެހެން ބެލެނިވެރިޔަކު ބުނީ ތެލެސީމިއާ ކުދިންގެ ގައިގައި ހުންނަ ދަގަނޑުބައި 1500 އަށްވުރެ ދަށް ކުރުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އެންގި ކަމަށާއި އެމީހުންގެ އެންގުމާ އެއްގޮތަށް އެބައި ދަށްކުރި ކަމަށެވެ. ނަމަވެސް އަދިވެސް ފުރޭނެ ގޮތްނުވާ ކަމަށް އޭނާ ބުންޏެވެ.

"ދަގަނޑުގެ ބައި ދަށްކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ވަރަށް ވޭންހުރި ކަމެއް މިއީ. އެކަމަކުވެސް ގިނަ ފަހަރު 500 އިން ދަށުގަ މި ބަހައްޓަނީ ފުރޭނެ ކަމުގެ އުއްމީދުގަ. ކޮންމެ ދުވަހަކުވެސް އެހީމަ ބުނަނީ މަސައްކަތް ކުރަމުންދާ ކަމަށް. އެކަމަކު ކުރަމުން އަންނަ މަސައްކަތެއް ދުވަހަކު ނުބުނޭ. މާދަމާ ފުރޭނެޔޭ. އަންނަ ހަފުތާގަ ފުރޭނެޔޭ، އަންނަ މަހު ފުރޭނެޔޭ މިކިޔަނީ. 8 އަހަރު ވެއްޖެ އަޅުގަނޑުމެން މިހެން ތަޅުވާތާ. މިއީ ލާމު އަތޮޅު. މި އަތޮޅުން ސެލެކްޓުވެފަ ތިބި ކުދިންގެ ތެރެއިން ފުރޭގޮތް ނުވެ ހުއްޓާ ދެ ކުއްޖަކު މަރުވެސް ވެއްޖެ." އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން "ވަން" އިން މޯލްޑިވްސް ބްލަޑް ސާވިސްގެ ބަހެއް ހޯދުމަށް ގުޅުމުން ވިދާޅުވީ އެތަނުގެ ޑިރެކްޓަރު ގުޅާނެ ކަމަށެވެ. ނަމަވެސް ހަބަރު ޝާއިއު ކުރުމާ ހަމަޔަށްވެސް ގުޅާފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް އެ ސާވިސް އިން ނުދެއެވެ.

އޭގެ އިތުރުން މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިސަރު އިސްމާއިލް އަފްރާހު އަށް އިއްޔެ "ވަން" އިން ގުޅުމުން ވިދާޅުވީ ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ހޮވިފައި ތިބި ކުދިން ނުފުރި ލަސްވަނީ ކީއްވެކަން ޗެކް ކޮށްލާފައި ގުޅާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އިއްޔެ އާއި މިއަދުވެސް އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށްވެސް "ވަން" އިން ގުޅީމެވެ. އެހެން ނަމަވެސް ފޯނަށް ޖަވާބު ދެއްވާފައިނުވާތީ އެކަމުގެ މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.