މިމަހު 22 ގައި ނިޔާވި ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރިޒާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގައި ސުކޫތެއް ގެނެސްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ، 28 މެއި 2009 އިން ފެށިގެން 27 މެއި 2014 ގެ ނިޔަލަށް، 28 މެއި 2014 އިން ފެށިގެން 27 މެއި 2019 ނިޔަލަށް، އަދި 10 ޖޫން 2019 އިން ފެށިގެން 22 ފެބްރުއަރީ 2023 ގެ ނިޔަލަށް މެންބަރު ރިޒާ ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރުގައި މެންބަރުކަން ކުރައްވާފައިވާ ކަމަށެވެ.
މަޖިލީހުގައި މުހިއްމު މަސައްކަތްތަކެއް ރިޒާ ކުރައްވާފައިވާކަން ފާހަގަ ކުރައްވައި މަޖިލިސް ރައީސް ވިދާޅުވީ، 19 ވަނަ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ބަޖެޓް ދިރާސާކުރާ ކޮމިޓީ އާއި އެމްއެމްޕީއާރުސީގެ މައްސަލަ ދިރާސާކުރި ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމެޓީގެ ޖޮއިންޓް ކޮމިޓީ އާއި މިނިވަން މުއައްސަސާ އާއި ގަވާއިދު ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އާއި އިންތިގާލީ އިންސާފުގެ ބިލް ދިރާސާކުރި ޖޮއިންޓް ސަބް ކޮމިޓީގެ މެންބަރުކަން ވެސް ރިޒާ ކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީގެ މުގައްރިރު ކަމާއި، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ ނައިބު މުގައްރިރު ކަމާއި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހަސިއްޔަތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މެންބަރު ރިޒާއާބެހޭ ތައުޒިޔާގެ ދަފްތަރެއް މިއަދުން ފެށިގެން ތިން ދުވަސްވަންދެން މަޖިލިސް އިދާރާގައި ހުޅުވާފައިވާނެ ކަމަށެވެ.
އެ ފޮތުގައި ލިޔުމުގެ ފުރުސަތު މަޖިލިސް މެންބަރުންގެ އިތުރުން އާއްމުންނަށް ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު