ރިޕޯޓް

ގާތްކަމުގެ ތެރެއިން އެނގުނު ސިއްރުތަކުގެ ނާޖާއިޒު ފައިދާނެގުން، އިޖުތިމާއީ ބޮޑު މައްސަލައަކަށް!

ކުޑައިރުގެ ހަނދާންތަކެވެ. އާއިލާގެ މާގިނަ މެންބަރުންނެއް އޭރުވެސް ރަށުގައި އެކީ އެއް ގެއެއްގައި ނޫޅެއެވެ. ގޭގައި ހުންނަނީ ލޭންޑް ލައިން ފޯނެއް ކަމުން ކޮންމެ ވަގުތަކުވެސް އާއިލާގެ މީހަކު ގުޅާފާނެ ކަމާ މެދު ހިތުގައި އުއްމީދު އޮވެއެވެ. ގެއިން ބޭރަށް ދިޔަ ކަމުގައިވީ ނަމަވެސް ގެއަށް އައުމާއެކު ގޭގައި ހުންނަ މީހެއް ކައިރީ އެންމެ ފުރަތަމަ އެހޭ ސުވާލުތަކުގެ ތެރޭގައި ފޯނެއް އައިތޯ ސުވާލުކުރެވެއެވެ. ފޯނެއް އައިނަމަ ގުޅީ ކާކުތޯއާއި އާއިލާގެ މީހެއް ނުވަތަ ގާތް މީހެއް ނަމަ ފަހުން ގުޅާނެ ވަގުތަކާ ބެހޭގޮތުން އެއްޗެއް ބުނިތޯ އަހައި އޮޅުންފިލުވެއެވެ. މަގުސަދަކީ އެންމެ ކަމެކެވެ. ގާތުގައި ނެތް މީހެއް ނަމަވެސް ދުރުކަން އިހުސާސުވެވުނަ ނުދިނުމެވެ. އެމީހަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ދެން ލިބޭނެ ފުރުސަތަކީ ކޮބައިތޯ ބަލައި އެއަށް ދުރާލައި ތައްޔާރުވެގެން ހުރުމެވެ. ބޮޑުވަމުން އައިއިރު މި ކަންކަން މަންމަގެ ކިބައިން ވަރަށް ހާއްސަކޮށް ފެނިގެން ގޮސްފައިވެއެވެ.

އޭރުގެ ދިރިއުޅުން މާލީ ގޮތުން އެންމެ ފާގަތި އަދި ތަނަވަހެކޭ ނުބުނެވޭނެއެވެ. އާއިލާގައި ފައިސާ ހޯދަން މަސައްކަތްކުރާ މާގިނަ ބަޔަކު ނެތުމާއި ކުރަމުން އައި މަސައްކަތުގެ އުޖޫރަ މަހުން މަހަށް ލިބެމުން ނުދިއުމަކީ އޭގެ ސަބަބެއް ކަމުގައި ވެދާނެއެވެ. ދަތި ކަންކަމުގައި ވަރަށް ދަތިވާ ދުވަސްވަރުވެސް އާދެއެވެ. ނަމަވެސް އޭރު އެހީއަކަށް އެދި އަހާލުމުގައި ފަސްޖެހޭ ފެންވަރުގެ މީހަކު ނެތޭ ބުނުން ދޮގަކަށް ނުވާނެއެވެ. ސަބަބުތައް ވަރަށް ބައިވަރެވެ. އެކަކު އަނެކެއްގެ ޒާތީ ދިރިއުޅުން އެނގުނު ކަމުގައިވީ ނަަމަވެސް އެ ދިރިއުޅުމަށް އެންމެންވެސް އިހުތިރާމު ކުރެއެވެ. އެހީއަކަށް އެދި އަހާލި ނަމަވެސް އެ ވާހަކަ ދައްކަމުން ދުވާ މީހުންނެއް އޭރަކު ނުތިބެއެވެ. އެހީވެވެން ނެތް ނަމަވެސް އެމީހެއްގެ އަޒުމަކަށްވެފައި އޮތީ އެހީ ހޯދައިދިނުމެވެ. އެއީ އެމީހެއްގެ ގާތް މީހެއް ކަމުގައި އަހައިގެން ނަމަވެސް ނުވަތަ އެހެން ގޮތަކަށް ނަމަވެސް އެކަމެއް ކޮށްދިނުމަކީ ކޮންމެ މީހެއްގެވެސް އުފަލަކަށް އޮތީ ވެފައެވެ.

މި އަޅައިލުމާއި ލޯބީގެ ރީތި ސުލޫކުވެސް ޒަމާނާއެކު، މިއަދު މަޑު މަޑުން އުވިގެން ދާތަން ފެނެއެވެ. އެހީތެރިކަމާއި އަޅައިލުން އަދި އިހުތިރާމުކުރުމުގެ ރީތި އާދަކާދަތަކުގެ މައްޗަށް އެހެން ކަންކަން ކުރި ހޯދާތަންވެސް މިއަދު ފެންނަލެއް މަދެކޭ ނުބުނެވޭނެއެވެ. ސަބަބުތައްވެސް ވަރަށް ބައިވަރެވެ. އެހީތެރިވުމުން ލިބޭނީ ތެޔޮ ހަމެކޭ ބުނާ އަޑުވެސް ކަންފަތުގައި ވަރަށް ގިނައިން ޖެހެއެވެ. ޒަމާނާ އެއްކޮށް ދިރިއުޅުމަށް އައި ބަދަލުތަކުގެ ސަބަބުން އެންމެ ދީލަތި އެންމެ އެހީތެރިވާން ބޭނުންވާ މީހާގެވެސް ދިރިއުޅުން ހަމަޖެހިފައިވާ ގޮތުން އެހީތެރިވުމަކީ އެންމެ ހާލަތާ ބައްދަލު ނޫން ގޮތަށްވާ ފަހަރުވެސް ވަރަށް ގިނައެވެ.

މިފާހަގަ ކުރެވުނު ރީތި އާދަކާދަތަކަށްވުރެން މިއަދު އާންމު ވެފައިވާ ވާހަކަ މިހާ ހިސާބުން ފާހަގަކޮށްލާނަމެވެ. ކުރިން ބުނެވުނު ގޮތާއި މިހާރު ފެންނަ މަންޒަރާ އެންމެ ތަފާތުވި އެއް ކަމަކީ އަނެކާގެ ޒާތީ ދިރިއުޅުން އެނގުމުން ދެން ވެގެންދާ ކަންތަކެވެ. މަދު ބަޔަކު އެ ދިރިއުޅުމަށް އިހުތިރާމު ކުރި ނަމަވެސް އެންމެ ފަތިފުށް ރީތިކޮށް ފެންނަން އޮންނަ ޒާތީ ދިރިއުޅުމުގެ ވާހަކަ އަނެކާއަށް ކިޔައިދިނުމަކީ މިއަދު ޖެހިލުންވާ ކަމެކެވެ. ޒާތީ ދިރިއުޅުމުން ކުޑަ މިންވަރެއް އެނގޭ ހިސާބުންވެސް އެއީ އަނެކާއާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި އެކަން އިހުތިޔާރުކުރާ ގާތް ތިމާގެ މީހުންނާއި ރައްޓެހިންވެސް މަދެއް ނޫނެވެ. ދިމާވާ ކުދި ކުދި މައްސަލަތަކުގައި އެއްކަލަ ޒާތީ ކަންތައް ނަގައި އެކަންކަމުން މީހާގެ އަބުރަށް ހުތުރުވާނޭފަދަ އެތައް ވާހަކަތަކެއް އުފައްދާ މީހުންވެސް ވަރަށް ގިނައެވެ. ނަތީޖާއެއްގެ ގޮތުން ދިމާވި ހައްލު ކުރެވޭނެ ފަދަ މައްސަލައެއްގައި ޒާތީ ވެވި އަނެކާގެ އަބުރުވެސް ކަތިލެވި ދަނީއެވެ. އަލުން އިޔާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބެނީއެވެ.

މިކަމުން ނިކުންނަ ނަތީޖާ އިންތިހާއަށް ހިތްދަތިވެފައި ގިނަ އެވެ. މަސްލަހަތު ގެއްލިދަނީ އެތައް ދިރިއުޅުމެއްގެއެވެ. މުޖުތަމައުގެ އިޖުތިމާއީ ފޭރާމަށް އެއިން ކުރާ ނޭދެވޭ އަސަރު އިންތިހާއެވެ. އެންމެ އެހީތެރިކަމަށް ބޭނުންވާ ވަގުތު އެހީތެރިވުން އެންމެ އައުލާކަން ބޮޑު ގިނަ ބަޔަކު ތިބެނީ އެކަން ކޮށްދިނުމާ ދެކޮޅު ވެފައެވެ. މާޒީގެ ސަފުހާތަކުގައި ޖެހޭ މި ލައްގަނޑު ފިލުވާލަން ކިތަންމެ ބޭނުންވި ނަމަވެސް އެއީ ދެފަރާތް ގިނަ ފަހަރު އެއްބަސްވާ ގޮތް ކަމުގައި ނުވެދެއެވެ. ގާތް ތިމާގެ މީހުންނާއި އެއް އިރެއްގައި އެންމެ ލޯބިދީ އަޅައިލި މީހުންގެ ގުޅުން ހީނަރުވެ އެއީ ހަޔާތުން އެޖާގަ ދެން އިތުރަށް ދެވެން ނެތް ބައެކޭ ބުނެވޭހާ މިންވަރަށް ހިތުގައި އެމީހުންނާ މެދު ނަފުރަތު އުފެދެއެވެ.

މިއީ ހަމަ ތިމާ އަނެއް މީހާގެ ދިރިއުޅުމުގެ ޒާތީ ކަންތައްތަކުގެ ނަހަމަ ބޭނުން ހިފުމުގެ ކުރިން ވިސްނާލައިފިނަމަ ހައްލު ކުރެވިދާނެ ކަންތައްތަކެވެ. މި ލިޔުމުގެ ފެށުމުގައި ފާހަގަކޮށްލި އެކުވެރިކަމާއި އެއްބައިވަންތަކަން އިޖުތިމާއީ ފޭރާމަށް އަދިވެސް އަނބުރާ ގެނެވިދާނެއެވެ. ބޭނުންވަނީ ތިމާގެ ދިރިއުޅުން ތިމާގެ ކޮންޓުރޯލުގެ ދަށަށް ގެނައުމެވެ، އަނެކާ އާއި ދިމާއަށް ރުޅި އިސްކޮށް ބަސް ބުނުމުގެ ކުރިން ތިމާއާއި ދިމާއަށް މިފަދަ ބަސްތަކެއް އަމާޒުވެއްޖެނަމަ ކުރެވޭނެ އިހުސާސާ މެދު ވިސްނާލައި އެފަދަ ކަންތައް ކުރުން ހުއްޓާލުމެވެ. މުޖުތަމައުގެ ދުޅަހެޔޮކަމަކީ ތިމާ ވެސް މުހިންމު ރޯލެއް އަދާކުރަންޖެހޭ ކަމެއްކަމަށް ދެކި އެކަމަށް މަސައްކަތްކުރުމަކީ އަޒުމެއް ކަމުގައި ހެދުމަކީ މުހިންމުކަމެކެވެ. ދިމާވާ ކުދި ކުދި މައްސަލަތަކުގައި މީސްމީޑިއާ އާއި އެހެނިހެން ގޮތްތަކަށް ޒާތީވެ ޒުވާބުކުރުން ހުއްޓާލާ ބަޔަކަށް ވާން އެބަ ޖެހެއެވެ. އެއީ އުފާވެރި، ހަމަޖެހޭ އަދި ވިލުންތެރި މުޖުތަމައެއް ބިނާކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއަކަށް ވާތީއެވެ.