ޓެކްނޮލޮޖީ

އާޓިފިޝައަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ ސަބަބުން އިންސާނުންގެ ވަޒީފާއަށް ނުރައްކާ!

އާދަމް ނަސީރު

ފިހާރަތަކުގެ ސޭޓުންނާއި އެހީތެރިންވިޔަސް، އައިޓީ ދާއިރާގެ ވަޒީފާތަކާއި އަސާސީ ކޮމްޕިއުޓަރު ކޯޑް ލިޔުންތެރިން ނުވަތަ ނޫސްވެރިން ވެސް ހިމެނޭ ގޮތަށް އެތައް މިލިއަން މަސައްކަތްތެރީންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ކަންބޮޑުވުންތައް އޭއައި ގެ ފަހުގެ ޓެކްނޮލޮޖީގެ ސަބަބުން އިތުރުވެފައިވާ ކަމަށް ތަޒުރިބާކާރުން ބުނެފިއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ޗެޓްޖީޕީޓީ އާއި އެހެނިހެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީތަކުގެ ސަބަބުން ވަޒީފާ ނެތް މީހުންގެ އަދަދު މައްޗަށް އަރާނެ ކަމުގެ ބިރު ބޮޑު ނަމަވެސް، އެކަމަށް އަދިވެސް ބަހުސް ކުރެވޭނެ އެވެ.

އެގޮތުން ކުރިންވެސް އުފަންވި އިންގިލާބީ އެތައް ޓެކްނޮލޮޖީތަކެކޭ އެއްފަދައިން އޭއައި އިން ވެސް ވަޒީފާތައް ނައްތައިލުމުގެ ފުރުސަތު ބޮޑުވިޔަސް އެކަމަށް ކުރެވޭ ބަހުސްގެ ދެކޮޅުވެސް އެބައޮތް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މާޒީން ފެންނަން ހުރި ގިނަ ޓެކްނޮލޮޖީތަކާއެކު ގިނަ ވަޒީފާތަކެއް ގެއްލިދިޔަ ގޮތަށް އޭއައި ޓެކްނޮލޮޖީގެ ސަބަބުން ވެސް ގެެއްލޭނެ ގިނަ ވަޒީފާތަކެއް ހުންނާނެ ކަމަށާއި އެހެން ނަމަވެސް އަބަދަކު އޭއައި އާއި ރޮބޮޓްތަކުން ވަޒީފާތައް ހިސޯރުކޮށްގެން ނުތިބޭނެ ކަމަށް މި ބަހުސްގައި ބައިވެރިވާ ބައެއް ތަޖުރިބާކާރުން ދެކެވެ.

އެހެން ނަމަވެސް މެކިންޒީ ގްލޯބަލް އިންސްޓިޓިއުޓްގެ ލޭބަރ މާކެޓް ރިސާޗް ލީޑް ކުރާ އަނޫ މަޑްގަވްކާރު ލަފާކުރާ ގޮތުގައި އެމެރިކާގެ ކޮންމެ ހަތަރު މަސައްކަތްތެރީންގެ ތެރެއިން އެކެއްގެ ވަޒީފާ އެއައި އާއި އެހެންވެސް ޓެކްނޮލޮޖީ ތަކުގެ ސަބަބުން ގެއްލުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން އެ ކަމަނާ ވިދާޅުވީ 50 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ކުންފުނިތަކުން މިހާރު އޭއައިއާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށެވެ. އެންމެ ގިނަ ވަޒީފާ އުފެދޭ ފެކްޓަރީ ތަކުގައި އޮޓޮމޭޝަންގެ ތެރެއަށް އޭއައި ހިމަނަމުން އަންނަ ކަމަށާއި އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ ފެކްޓްރީ ވަޒީފާތަކަށް ކަމަށެވެ.

ތަޖުރިބާކާރުން އެއައިއާ ބެހޭ ގޮތުން ގިނަ ސުވާލުތަކެއް ކުރަމުން އަންނައިރު، އޭއައި ޓެކްނޮލޮޖީ މިހާރު ދާ މިންވަރަށް ކުރިއަށްގޮސް އެންމެ ގިނަ މީހުން އެެއްތާކު ވަޒީފާ އަދާކުރާ ކޯލް ސެންޓަރު ފަދަ ތަންތަނުގެ މަސައްކަތްތެރީން ކުރާ ކަންކަން ޓެކްނޮލޮޖީގެ އެހީގައި ކޮށް ގިނަ ބައެއްގެ ވަޒީފާ ގެއްލުވައިލައިފާނެއެވެ.

މިސާލަކަށް ކަސްޓަމަރުންނާ ވާހަކަ ދެއްކުމާއި ބޭނުންވާ މައުލޫމާތު ދިނުން ފަދަ ކަންކަން އަވަހަށް ފޯރުކޮށްދީގެން އެ މަސައްކަތްތެރީންގެ ވަޒީފާ ގެއްލުވައިލައިފާނެއެވެ. އެގޮތުން މިހާރު ވެސް ސިއްހީ ބައެއް ދާއިރާތަކުގެ ކޯލްސެންޓަރުތަކުން ކެންސަރުގެ ސްކޭންތައް ކިޔުމުގެ ގާބިލުކަން ހުރި އޭއައި ޓެކްނޮލޮޖީ ހިމެނޭ ބޮޓްތައް ބޭނުން ކުރާ ކަމަށާއި އިންސާނުންނަށް ވުރެ ކުށްމަދުކޮށް ސްކޭންތައް މާނަކޮށް އެ މައުލޫމާތު ބަލިމީހުންނަށް ދޭން ފަށައިފި ނަމަ ކޯލްސެންޓަރު ތަކުގައި މަސައްކަތް ކުރާ މީހުންނަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށްވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.

ހަމަ އެއާއި އެކު މިހާރު ކޯލްސެންޓަރު ތަކުގައި ތިބޭ ކުދީންގެ ބަދަލުގައި ކާބޯތަކެތީގެ ހިދުމަތުގައި އާ ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުންގެ އޯޑަރު ނަގައިފާނެ ކަމަށާއި ރެސްޓޯރަންޓު ތަކުގައި "ވަކި މޭޒަކަށް ކާބޯތަކެތި ގެނެސްދޭ ކުދިކުދި ރޮބޮޓްތައް ނިކުމެ ވެއިޓަރުންނާއި ކާބޯޓަކެތި ޑެލިވަރީކޮށްދޭ ގޮތަށް އޯޑަރު ނަގައި ގިނަ ބައެއްގެ ވަޒީފާވެސް ގެއްލުވައިލައިފާނެ ކަމުގެ ބިރު އެބައޮތެވެ. އާދައިގެ ވަޒީފާތަކުގެ ބަދަލުގައި ލޯ ފާމްތަކުގައި، ވިޔަފާރީގެ ކޮންޓްރެކްޓްތަކުގެ ފުރަތަމަ ޑްރާފްޓްވެސް ފަހުގެ އޭއައި ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއެކު ތައްޔާރުކުރެވޭނެ ގޮތް ހެދުމާ އެކު އޭއައި ޓެކްނޮލޮޖީގެ ބާރުން ބައެއް ވަކީލުންގެ ވަޒީފާތައްވެސް ގެއްލުމުގެ ބިރު އެބައޮތްކަމަށް "ހާވާޑް ޔުނިވަސިޓީގެ އިކޮނޮމިކްސް ޕްރޮފެސަރެއް އަދި ގައުމުގެ މައި ލޭބަރ ފެޑެރޭޝަން އޭއެފްއެލް-ސީއައިއޯގެ ޗީފް އިކޮނޮމިސްޓް ވިލިއަމް ސްޕްރިގްސް ވިދާޅުވެއެވެ.

ފަހުގެ ޓެކްނޮލޮޖީގެ އަސަރު ދުނިޔޭގެ ހުރިހާ ދިމާއަކުންވެސް ފެންނައިރު މި ކުޑަކުޑަ ދިވެހިރާއްޖޭގައިވެސް އެ ކަން އޮތީ އެގޮތަށެވެ. އެސްޓީއޯއިން ސޭޓަކު ނެތް އަދި ވިޔަފާރި ކުރުމަށް އެހީވެދޭ، ސޭލްސްމަނެއްވެސް ނެތް ފިހާރައެއް ވަނީ ހުޅުވާފައެވެ. ވޭޓަރެއްގެ ބަދަލުގައި ރޮބަޓަކުން ކާއެއްޗެހި ގެނެސްދޭ ކެފޭއެއްވެސް ވަރަށް ފަހުން މާލޭގައި ވަނީ ހުޅުވާފައެވެ. މި ދެންނެވި އޭއައި ޓެކްނޮލޮޖީގެ ކުޑަކުޑަ މިންވަރެއް އެ އޮތީ ފެންނާށެވެ.