މިރޭ ކުޅުނު އިނގިރޭސި ލީގު ކަޕް ފައިނަލްގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން ހަ އަހަރަށްފަހު ފުރަތަމަ ތަށި ހޯދައިފިއެވެ.
މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލްގައި ޔުނައިޓެޑުން ނިއުކާސަލް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ ފައިނަލްގެ ކުރިން ޔުނައިޓެޑުން އެންމެ ފަހުން ލީގު ކަޕް ފައިނަލުގައި ކުޅުނީ 2017 ވަނަ އަހަރެވެ. އެފަހަރު ޖޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑުން ވަނީ ލީގު ކަޕްގެ ތަށި ހޯދައިފައެވެ. ޔުނައިޓެޑަށް ތަށްޓެއް ނުލިބި ގިނަ ދުވަސްތަކެއްވެފައި އޮތް އިރު، މިރޭގެ ކުރިން އެޓީމަށް އެންމެ ފަހުން ތަށްޓެއް ލިބިފައިވަނީވެސް 2017 ވަނަ އަހަރެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ހޯދި އަނެއް ތަށްޓަކީ އެއަހަރު ޔޫރޮޕާ ލީގުގެ ފައިނަލުގައި އަޔެކްސް ބަލިކޮށް ހޯދި ތަށްޓެކެވެ. އޭގެ ފަހުން ޔުނައިޓެޑުން ހަ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނު އިރު، ދެ މުބާރާތެއްގެ ފައިނަލުން ވަނީ ބަލިވެފައެވެ. ބަލިވި ފައިނަލުތަކަކީ 2018 ގެ އެފްއޭ ކަޕް ފައިނަލާއި 2021 ގެ ޔޫރޮޕާ ލީގުގެ ފައިނަލެވެ. ނިއުކާސަލްއަށްވެސް ތަށްޓެއް ނުލިބި ޒަމާންތަކެއްވެފައިވާ އިރު، އެންމެފަހުން 1969 ވަނަ އަހަރު ޔޫރަޕްގެ އިންޓާ-ސިޓީ ފެއާސް ކަޕް ހޯދި ފަހުން ނިއުކާސަލްއަށް ތަށްޓެއް ލިބިފައެއް ނުވެއެވެ. މީގެ ކުރިން 1999 ވަނަ އަހަރު އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑާއި ނިއުކާސަލް ވާދަކޮށްފައިވާ އިރު، އެ މެޗު 2-0 އިން ކާމިޔާބު ކުރީ ޔުނައިޓެޑެވެ.
މިރޭގެ ފައިނަލް މެޗަށް ނިއުކާސަލް ނުކުންނަން ޖެހުނީ އެ ކްލަބުގެ ތިންވަނަ ގޯލްކީޕަރާއެކުގައެވެ. ނިއުކާސަލްއިން ލީގުގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލްކީޕަރު ނިކް ޕޯޕަށް ރަތް ކާޑު ދެއްކުމާއެކު މިރޭގެ ފައިނަލަށް އޭނާ ހުރީ ސަސްޕެންޝަނުގައެވެ. އަދި ދެވަނަ ގޯލްކީޕަރަކަށް އިން މާޓިން ޑުބްރާވްކާއަށް މިރޭ މެޗުގައި ނުކުޅެވުނީ ސީޒަނުގެ ކުރީ ބައިގައި ޔުނައިޓެޑަށް އޭނާ ލީގު ކަޕްގައި ކުޅެފައިވުމުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް ކޮޅަށް ޔުނައިޓެޑުން ދެ ގޯލުވެސް ޖަހާފައިވާ އިރު، ފުރަތަމަ ގޯލް 33 ވަނަ މިނެޓުގައި ޖަހައިދިނީ ކަސެމީރޯއެވެ. ކަސެމީރޯގެ ގޯލަކީ ލޫކް ޝޯ ނަގައިދިން ހިލޭ ޖެހުމެއް ބޮލުން ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބު ކޮށްދިން ގޯލެކެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ފުޅާވެސް ކުރިއެވެ. ޔުނައިޓެޑްގެ ދެވަނަ ގޯލަކީ މާކަސް ރަޝްފޯޑު ޖެހި ބޯޅައެއް ނިއުކާސަލްގެ ބޮޓްމަން ގައިގައި ޖެހި މިސްރާބު އޮޅިގެން ވަން ގޯލެކެވެ.
ދެވަނަ ހާފުގައި ނިއުކާސަލްއިން ގޯލަކަށް މަސައްކަތް ކުރި ނަމަވެސް އެޓީމަށް ކާމިޔާބެއް ނުވިއެވެ. ކީރެން ޓްރިޕިއާ އަރިމަތިން ޖެހި ބޯޅަ، ޑޭވިޑް ޑެހެއާ މަތަކުރި އިރު، ފަހުން ޓްރިޕިއާ ޖެހި ހިލޭ ޖެހުންވެސް މަތަކުރީ ޑެހެއާއެވެ. އަނެއްކޮޅުން ޔުނައިޓެޑްގެ މާސެލް ސަބިޓްޒާ އާއި ބްރޫނޯ ފެނާންޑޭޒް ޖެހި ބޯޅަތައް މަތަކޮށް ބޭރުކޮށްލީ ނިއުކާސަލްގެ ގޯލްކީޕަރު ކެރިއަސްއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް