މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ޒޯން ބުރުގައި މިރޭ ލ. ގަމާއި ގދ. ވާދޫ ކުޅުނު މެޗު އެއްވަރުވި އިރު، ޒޯން އެކެއްގައި ނޭކުރެންދޫ އާއި ކަނޑިތީމުން ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ އަތޮޅު ބުރު ރޭ ނިމިފައިވާ އިރު، މިހާރު ކުރިއަށް ދަނީ ޒޯން ބުރުގެ މެޗުތަކެވެ. އަށް ޒޯނަކަށް ޓީމުތައް ބަހާލައިގެން ޒޯނު ބުރުތައް ކުރިއަށްދާ އިރު، މިރޭ ކުޅުނީ ޒޯން އެކެއްގެ ދެ މެޗާއި ޒޯން ހައެއްގެ ދެ މެޗެވެ.

ޒޯން އެކެއްގައި ހަ ޓީމަކުން ވާދަކުރާ އިރު، އެއީ ހއ. އަތޮޅުގެ ޗެމްޕިއަން އުތީމާއި އެ އަތޮޅުގެ ރަނަރަޕް ފިއްލަދޫގެ އިތުރުން ހދ. އަތޮޅުގެ ޗެމްޕިއަން ނާވައިދޫ އާއި އެ އަތޮޅުގެ ރަނަރަޕް ނޭކުރެންދޫ އަދި ށ. އަތޮޅުގެ ޗެމްޕިއަން ފޯކައިދޫ އާއި އެ އަތޮޅުގެ ރަނަރަޕް ކަނޑިތީމެވެ.

އެ ޒޯނުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެމުންދާ އިރު، މިރޭ ކުރިއަށް ދިޔައީ ޒޯން އެކެއްގެ ގްރޫޕް އެކެއްގައި ނޭކުރެންދޫ އާއި އުތީމު ކުޅުނު މެޗެވެ. ނޭކުރެންދޫން ޒޯން ބުރުގައި ކުޅުނު ފުރަތަމަ މެޗުގައި ނާވައިދޫ ކައިރިން ބަލިވެފައި އޮތް އިރު، ޒޯނުގެ ސެމީއަށް ދިޔުމަށް މިރޭ އޮތީ މޮޅެއް މަޖުބޫރުވެފައެވެ.

މެޗުގައި ނޭކުރެންދޫން 3-0 އިން އުތީމު ބަލިކޮށް ތިން ޕޮއިންޓް ޔަގީންކުރުމާއެކު ގްރޫޕް އެކެއް ވަނީ ފޯރި ގަދަވެފައެވެ. އެ ޒޯނުގެ ގްރޫޕް ސްޓޭޖުގައި ދެން ބާކީ އޮންނާނީ އުތީމާއި ނާވައިދޫ ވާދަކުރާ މެޗެވެ. ނާވައިދޫން އުތީމު ބަލިކޮށްފިނަމަ ނޭކުރެންދުއަށް ޒޯނުގެ ސެމީ، ދެވަނަ ޓީމުގެ ގޮތުގައި ލިބޭނެއެވެ. އެ މެޗުގައި އުތީމަށް އޮތީ ގިނަ ގޯލުތަކެއް ޖަހައި ނާވައިދޫ ބަލިކުރުމެވެ.

މިރޭގެ މެޗުގައި ނޭކުރެންދޫގެ ޝިފާޒް އާދިލް (ތުއްތު) ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖެހީ މުހައްމަދު ފަރުހާނު (ފަރުއްކޮ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ފަރުއްކޮއެވެ.

އެ ޒޯނުގެ ގްރޫޕް ބީގައި މިރޭ ކަނޑިތީމުން 4-2 އިން ފިއްލަދޫ ބަލިކުރި އިރު، މެޗުގައި ކަނޑިތީމުގެ ގޯލުތައް ޖެހީ އާދަމް ތައުފީގާއި އަހުމަދު ޝިރުހާނުގެ އިތުރުން މުހައްމަދު ޝާނެވެ. މެޗުގައި ޝާން ވަނީ ކަނޑިތީމަށް ދެ ގޯލު ޖަހައިދީފައެވެ. ފިއްލަދޫގެ ގޯލުތައް ޖެހީ އިބްރާހީމް ފަޒީލާއި މުހައްމަދު ހުސާމެވެ.

ޒޯން އެކެއްގެ ދެވަނަ ގްރޫޕްގެ ފުރަތަމަ މެޗުގައި ފޯކައިދޫ އާއި ކަނޑިތީމު އެއްވަރުވެފައި އޮތް އިރު، ދެން އޮތީ ފިއްލަދޫ އާއި ފޯކައިދޫ ވާދަކުރާ މެޗެވެ. ކަނޑިތީމަށް މިހާރު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައި އޮތް އިރު، އެޓީމަށް އޮތީ ސެމީ ޔަގީންވެފައެވެ. އަނެއް މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ކަނޑިތީމު ކެޓުމުގެ ޖާގައެއް ނެތެވެ. އެ މެޗުން އެއްވަރުކޮށްގެންވެސް ފޯކައިދުއަށް ޒޯންގެ ސެމީއަށް ދެވެން އޮތް އިރު، ފިއްލަދުއަށް އޮތީ މޮޅުވުމެވެ.

ޒޯން ހައެއްގެ ކުޅުންވެސް މިރޭ ފަށާފައިވާ އިރު، ޒޯން ހައެއްގައި ވާދަކުރަނީ ލ. އަތޮޅުގެ ޗެމްޕިއަން ގަމާއި ގދ. އަތޮޅު ޗެމްޕިއަން ވާދޫގެ އިތުރުން ގއ. އަތޮޅުގެ ޗެމްޕިއަން މާމެންދޫ އަދި އެއަތޮޅުގެ ރަނަރަޕް ނިލަންދޫއެވެ. ހަތަރު ޓީމުގެ ލީގު ބުރެއް ކުޅެ، އެ އަތޮޅުގެ ޗެމްޕިއަން ކަނޑައަޅާނީ ފައިނަލެއް ކުޅެގެންނެވެ.

އެ ޒޯނުގެ ފުރަތަމަ މެޗުގައި މިރޭ ގަމާއި ވާދޫ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ވާދޫން ނުކުތީ އެޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަޔާޒް އަހުމަދު (އަޔާ) އާއި އިބްރާހީމް ޝައުފްވެސް ނުލައެވެ. އެއީ އަތޮޅު ފައިނަލް މެޗުގައި ދެ ކުޅުންތެރިންނަށްވެސް ރަތް ކާޑު ދައްކާފައިވުމުންނެވެ.

މިރޭގެ މެޗުގައި ގަމުގެ ގޯލުތައް ޖަހައިދިނީ ހުސައިން ޝަރީފް (އޮންލީ) އާއި އަލީ ޝާމިސް (ތޮއްޕެ) އެވެ. ވާދޫގެ ގޯލުތައް ޖަހައިދިނީ މުސައްނިފް މުހައްމަދާއި އަރުގަމް އިބްރާހީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޮންލީއެވެ.

އެ ޒޯނުގައި މާމެންދޫން ކުޅުނު މެޗުގައި ނިލަންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ގއ. އަތޮޅު ފައިނަލްގައިވެސް މާމެންދޫން ނިލަންދޫ ބަލިކޮށްފައި އޮތް އިރު، މިރޭގެ މެޗުގައި މާމެންދޫގެ ގޯލުތައް ޖެހީ މުސީފް އަބްދުލްގަފޫރާއި ރައުހާން ރިއްފަތެވެ. ނިލަންދޫގެ ގޯލު ޖެހީ އަލީ ޝާހިލް މުހައްމަދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ ޒޯން ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.

20:00 ކ. ގާފަރު - އއ. ބޮޑުފޮޅުދޫ / ޒޯން 3 (ގްރައުންޑް 1)

20:00 ޅ. ކުރެންދޫ - ކ. ދިއްފުށި / ޒޯން 3 (ގްރައުންޑް 2)

21:00 ދަނޑިމަގު - ސ. ފޭދޫ / ޒޯން 7 (ގްރައުންޑް 1)

21:00 ބ. އޭދަފުށި - ރ. އިނގުރައިދޫ / ޒޯން 2 (ގްރައުންޑް 2)

22:00 ދ. ކުޑަހުވަދޫ - ފ. މަގޫދޫ / ޒޯން 5 (ގްރައުންޑް 1)

22:00 ތ. ތިމަރަފުށި - ތ. ކިނބިދޫ / ޒޯން 5 (ގްރައުންޑް 2)

23:00 މ. ދިއްގަރު - އދ. މާމިގިލި / ޒޯން 4 (ގްރައުންޑް 1)

23:00 އދ. ،މަހިބަދޫ - މ. ނާލާފުށި / ޒޯން 4 (ގްރައުންޑް 2)