ފެނަކައިގެ ބިލިން ސޮފްޓްވެއާ މައްސަލައިގައި ދެ މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބުނީ، ފެނަކައިން ބިލިން ސޮފްޓްވެއާއެއް ހެދުމަށް ހަވާލުކުރި އަމިއްލަ ކުންފުންޏަކަށް އެ މަސައްކަތް ނިމިފައިވާކަމުގެ ލިޔުން ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި ކުރިން ހުންނެވި އިސްމާއީލް ޝަމްއޫން އާއި ފެނަކައިގެ ސޭލްސް އެންޑް ބިޑިން ޑިޕާޓުމެންޓުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަޖާހު ދޫކުރައްވާފައިވާ ކަމަށެވެ. އަދި މަސައްކަތް ނިމުނުކަމުގެ ލިޔުން ދޫކޮށްފައިވާތީ ފެނަކައިން، ސޮފްޓްވެއާ ހަދަން ހަވާލުކުރި ކުންފުންޏަށް ފައިސާ ދީފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ބިލިން ސޮފްޓްވެއާ ހެދުމުގެ މަސައްކަތުގެ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ނިންމަން އެއްބަސްވެފައިވިޔަސް، އެ ހިދުމަތް މިހާތަނަށް ފެނަކައަށް ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ދެ މީހުން ސޮފްޓްވެއާ ހަދަން ހަވާލުކުރި ކުންފުންޏަށް ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާކަން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.
އަހުމަދު ނަޖާހު އާއި އިސްމާއީލް ޝަމްއޫންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް މަންފާ ހޯދައިދިނުމުގެ ކުށުގެ ތުހުމަތުގައި ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ސޮފްޓްވެއާ ހެދުމުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް ދޫކޮށްފައިވާ 1،289،342 މިލިއަން ރުފިޔާ ހޯދުމަށް ފެނަކައަށް އަންގާފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު