ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތަކީ ގޯލްޑަން ފުޓްސަލް ޗެލެންޖް ކަމާމެދު ސުވާލެއް ކުރެވޭނެ ޖާގައެއް ނެތެވެ. ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 އިން އެކަމަށް ސާފު ޖަވާބު ދީފިވެސް މެއެވެ. މުބާރާތް ފެށީ 102 ޓީމު ބައިވެރިވެގެންނެވެ. 102 ޓީމުގެ ފަރާތުންވެސް ފެނުނު ރޫހު ތަފާތެވެ. ބައިވެރިވެލަން ބައިވެރިވަނީކީ ނޫންކަން ކޮންމެ ޓީމަކުންވެސް ދައްކުވައިދިނެވެ. އަތޮޅު ބުރުގައިވެސް ފައިނަލް ބުރެއްގެ އިހުސާސް ގެނުވައިފިއެވެ. އަތޮޅު ތެރޭގައި އޮތް ހުނަރު، ހުޅުމާލޭ ރެހެންދި ދަނޑުތަކުން ސާފުކޮށް ފެނިގެން ދިޔައެވެ. ތައްޔާރީތަކުގެ ފެންވަރުވެސް ވަރަށް ބޮޑަށް ކުލަވެއްޖެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ސަޕްރައިޒިން ނަތީޖާތައް ނެރުވާނެ، ރަށު ފޯރި، އަތޮޅު ފޯރި، ރައްޔިތުންގެ ޖޯޝާއި ރޫހު އެންމެ ފުރިހަމައަށް ދައްކުވައިދޭ މުބާރާތްކަން ސާފުކޮށްދީފިއެވެ.

އަތޮޅު ބުރުގެ މެޗުތަކާއެކު އަތޮޅުގެ ޗެމްޕިއަނުން ކަށަވަރުވެ، ޒޯން ބުރުގެ ޓީމުތައް ޔަގީން ވެއްޖެއެވެ. އަތޮޅުތަކުގެ ޗެމްޕިއަނުންގެ ލިސްޓުން ޖާގަ ހޯދައިލެވުނު މަދު ޓީމުތަކަށް އެއީ ތާރީހަށްޓަކައި ލިޔެލެވޭނެ ޝަރަފުވެރި ނަމެކެވެ. އަތޮޅު ޗެމްޕިއަންކަން އަލަށް ހޯދި ޓީމުތަކާއި ފަސް ތަރި ޖަހާލި ޓީމުތައް ފެނިގެން ދިޔައެވެ. ހަމައެއާއެކު އަލަށް އަތޮޅު ޗެމްޕިއަންކަން ގެއްލުނު ޓީމުތައް ފެނިގެން ދިޔުންވީ މުބާރާތުގެ ފެންވަރު ދައްކުވާލި ކަމަކަށެވެ. ތައްޔާރީތަކުގެ ނަތީޖާ އެ މަންޒަރުން ސާފެވެ.

  • ހއ. އަތޮޅު - އުތީމު
  • ހދ. އަތޮޅު - ނާވައިދޫ
  • ށ. އަތޮޅު - ފޯކައިދޫ
  • ރ. އަތޮޅު - އިނގުރައިދޫ
  • ބ. އަތޮޅު - އޭދަފުށި
  • ޅ. އަތޮޅު - ކުރެންދޫ
  • ކ. އަތޮޅު - ދިއްފުށި
  • އއ. އަތޮޅު - ބޮޑުފޮޅުދޫ
  • އދ. އަތޮޅު - މާމިގިލި
  • މ. އަތޮޅު - ދިއްގަރު
  • ފ. އަތޮޅު - މަގޫދޫ
  • ދ. އަތޮޅު - ކުޑަހުވަދޫ
  • ތ. އަތޮޅު - ކިނބިދޫ
  • ލ. އަތޮޅު - ގަން
  • ގއ. އަތޮޅު - މާމެންދޫ
  • ގދ. އަތޮޅު - ވާދޫ
  • ޏ. އަތޮޅު - ދަނޑިމަގު
  • ސ. އަތޮޅު - ފޭދޫ

ޒޯން ބުރަށް ޗެމްޕިއަނުންގެ ގޮތުގައި ދިޔަ ޓީމުތަކުގެ ތެރެއިން ހާއްސަ ނަންތަކެއް ފާހަގަވެގެން ދެއެވެ. ހާއްސަ ކާމިޔާބީތަކެއް ތާރީހަށްޓަކައި ލިޔެލި ޓީމުތަކެއް ފެނިގެން ދެއެވެ. ފ. އަތޮޅުގެ ވަރުގަދަ ނިލަންދޫ ބަލިކޮށް މަގޫދޫން ތަށި ނެގި އިރު، އަލުން އަނބުރާ ރަސްކަމަށް އައި ރަށްތައްވެސް ފެނެއެވެ. އޭގެ ތެރޭގައި ފޯކައިދުއާއި ދިއްގަރުގެ އިތުރުން އިނގުރައިދޫ ފާހަގަވެގެން ދެއެވެ. ތަށި ދިފާއުކުރި ކުޑަހުވަދުއާއި މާމެންދޫ އަދި ގަން ފަދަ ރަށްތަކުގެ ތެރެއިން ގޮސް، އެންމެ ބޮޑު "ސަޕްރައިޒް"އަކަށްވި ތ. އަތޮޅާއި ކ. އަތޮޅު މާ ބޮޑަށްވެސް ތަފާތު ދެއްކިއެވެ.

ތ. އަތޮޅުގެ ފައިނަލުގައި ކިނބިދޫން ވަނީ އެންމެފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ދެ މުބާރާތުގެވެސް ޗެމްޕިއަން، އަދި ރާއްޖޭގެ ފުޓްސަލްގެ ރަސްގެފާނުންގެ ލަގަބުގައި ގިނަ ބަޔަކު ސިފަކުރާ ތިމަރަފުށި ބަލިކޮށްފައެވެ. އެ ނަތީޖާއިން ސާފުވީ ތިމަރަފުށީގެ ދަށްވުން ކަމަށް ނުވެދާނެކަމަށް ވިސްނެއެވެ. އެއީ ޓީމުތަކުން ރާއްޖޭގެ އެންމެ ބޮޑު މުބާރާތަށްވާ ސީރިއަސް، އަދި ފުރިހަމަ ތައްޔާރީތައްކަން ސާފެވެ.

"އަލްހަމްދުﷲ ފުރަތަމަވެސް. މުބާރާތުގެ ކުރިންވެސް ކުޅުންތެރިން ދެއްކި އެންމެ ބޮޑު ވާހަކައަކީ އަތޮޅު ފައިނަލާ ހަމައަށް ދިއުމަށް ދެއްކި ވާހަކައެއް. އަދި އެއާއެކު އެ ފައިނަލަށް ގޮސް، ތަށި ހޯދުން ޓާގެޓަކަށްވީ. އެކަތިގަނޑެއްގެ ގޮތުގައި ކުޅެ ތިމަރަފުށި ބަލިކުރުން އެއީ އޮތް ޓާގެޓަކީ. ގްރޫޕް ސްޓޭޖުގައި ޖެހުނު މެޗުގައި ކުޅުނު ކުޅުން އެއީ ހިތްވަރަކަށް ވެގެންދިޔަ. އެނގޭނެ ދެން މުބާރާތަށް ނުކުންނަ އިރުވެސް ތިމަރަފުށި ކިޔައިފިނަމަ، އެ ނަމެއް ފުޓްސަލްގައި އެއް ފަރާތަކަށް ނުލެވޭނެކަން. އެއަށް ވިސްނައި ހިތްވަރާއެކު މަސައްކަތް ކުރަމުން ދިޔައީ،" ކިނބިދޫގެ ކޯޗު އަހުމަދު އަލީ މެޗަށްފަހު ބުންޏެވެ.

އަހުމަދު އަލީގެ ނަޒަރުގައި ކިނބިދޫގެ ކާމިޔާބީއަކީ މާކުރިންވެސް ތައްޔާރުވެ، ރަށުގެ ޝަރަފަށް އެކަމަށް ކަނޑައެޅި އަޒުމެއްގައި ހޯދި ތަށްޓެކެވެ.

ދެން ފާހަގަވީ މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ކުޅުނު، މުބާރާތުގެ ރަނަރަޕް ގާފަރަށްވެސް އަތޮޅު ތަށި ގެއްލުމެވެ. އެއީވެސް ހައިރާންކަން ގެނުވި ނަތީޖާއެކެވެ. ގާފަރުން ރާއްޖޭގެ އެންމެ މަތީ ފަންތީގެ އެއް ކޯޗު، އަބްދުﷲ ނަސީރު (އަބޯ) އާއެކު ވަރުގަދަ ޓީމެއް ތައްޔާރުކުރި އިރު، އެޓީމަށް ޗެލެންޖަކަށްވީ ރަށުގެ ރޫހުގައި ކުޅުނު ދިއްފުއްޓެވެ. ދިއްފުށީގެ ޒުވާން ޓީމުގެ ހިތްވަރު ވަރަށްވެސް ތަފާތުކަން ރޭގެ ފައިނަލުން ސާބިތުކޮށްދީފިއެވެ. އެޓީމުގެ ކާމިޔާބީގެ ފަހަތުގައި ޒުވާން ޓީމުގެ ބުރަ މަސައްކަތުގެ ތައްޔާރީތައް ފެނިގެން ދިޔައެވެ.

"މިއީ ހުރިހާ ޕްލޭޔަރުންނާއި ސަޕޯޓަރުންގެ ވަރަށް ބޮޑު މަސައްކަތަކާއެކު މި ފައިނަލް ކާމިޔާބުކުރެވުނީ. ވަރަށް ބޮޑަށް އުފާވެފައި ޓީމު މިތިބީ. އުންމީދުކުރަނީ ޒޯނުގައިވެސް މި ރޫހުގައި ކުރިއަށް ދިއުމަށް. އަދި ސަޕޯޓަރުންގެވެސް އެއްބާރުލުން މިކަމަށް ލިބޭނެކަމަށް ޔަގީންކުރަނީ." ރޭގެ ފައިނަލަށްފަހު ދިއްފުށީގެ މެނޭޖަރު ޒިދާން ޒަފަރު ބުންޏެވެ.

"މި ޓީމަކީ ސްކޫލް ދައުރުން ފެށިގެންވެސް އެކުގައި ކުޅެމުން އައި ވަރަށް ޒުވާން ހުނަރުވެރި ޓީމެއް. ގޯލްޑަންއަށް ތައްޔާރުވުމަށް އެއް މަސް ދުވަސްކުރިން ފަރިތަކުރުންތައް މި ފެށީ. އެއް މަސް ދުވަސް ދުވަސްތެރޭގައި ވަރަށް ރަނގަޅަށް ތައްޔާރުވެ، ކޯޗުގެ އިރުޝާދާއެކު ޓާގެޓް ޖެހި ގޮތަށް މިކަން ކުރެވިގެން މި ދިޔައީ. ފުރަތަމަ ޓާގެޓް ހާސިލުވެފައި މިހާރު މިއޮތީ. ދެން އޮތީ ޒޯން ބުރުގައި ކުރިއަށް ދިއުން،" ޒިދާން ޒަފަރު ބުންޏެވެ.

ކޯޗު އަބޯގެ ނަޒަރުގައި ގާފަރަށް ގެއްލުނު ފުރުސަތު، ޒޯނުގައި ހޯދުން މުހިއްމެވެ. ޒޯން ޗެމްޕިއަންކަމަކީ އޭނާގެ އެންމެ ބޮޑު ޓާގެޓެވެ.

"އެހާ ގޯހެއް ނޫން. ރަނގަޅު އަނެއްހެން. ކުޅުންތެރިން ތަންކޮޅެއް ބޮޑަށް ފަސޭހަކޮށްލި ކަންނޭނގެ. ދެން އިރުޝާދު ދިން ކަންކަން ނުކުރެވި މިސްޓޭކް ހެދުނުތަން ފެނުނީ. ބައެއް ފަހަރު ފެނިގެންދިޔަ ކޯޗު ބުނާ ގޮތް ހަދަން މާ ބޮޑަށް ބިރުގެންފައި ތިބިތަންވެސް. އެކަމަކު އެއީ މީގައި އަދިވެސް ކާމިޔާބުވާނެ އެއްޗަކީ. މިއީ އަދި ޓާގެޓް ބަދަލުވާނެ ކަމެއް ނޫން. ޒޯން ބުރުގައި އެއްވަނަ ހޯދައިގެން ފައިނަލް ބުރަށް ދާން ބޭނުންވަނީ. އިންޝާﷲ އަދި އެކަން ހާސިލުކުރެވޭނެ،" އަބޯ ރޭގެ މެޗަށްފަހު ބުންޏެވެ.

އަތޮޅު ބުރުގެ ފޯރިގަދަ، ފުރިހަމަ ކުޅުން ނިމިގެން ދިޔައީއެވެ. ހަ ޓީމަށްވުރެ ގިނަ ޓީމުން ބައިވެރިވި އަތޮޅުތަކުން ރަނަރަޕް ޓީމުވެސް ޒޯނަށް ދިއުމާއެކު، އެއީ ޗެމްޕިއަންކަން ގެއްލުނަސް، ޒޯނުގައި ތަފާތު ދައްކަން ވަރުގަދަ ޓީމުތަކަށް ލިބޭނެ ފުރުސަތެކެވެ. އެހެންނަމަވެސް، ޒޯން ބުރު ވެގެންދާނީ އެންމެ "ޓަފް ބެޓަލް" އަށެވެ. ޗެމްޕިއަނުންގެ ކުރިމަތިލުމަކަށެވެ. ތަށި ބޭނުންވެ، ތަށްޓަށް ހުރިހާ ޓީމުތަކުން ކުރަމުންދާ މަސައްކަތް ސާފުވަނީ ތަމްރީނުތަކުގެ ފުރިހަމަކަމުންނެވެ. ރަށުގެ ރައްޔިތުން ޓީމަށް ދޭ ލޯތްބާއެކު ރޫހު ވަރުގަދައެވެ. ބަދަހިކަން އެއީ ހުނަރާއެކު މުބާރާތުގެ ކާމިޔާބީއަށް އޮތް މުހިއްމު ކަމެއްކަންވެސް އަތޮޅު ބުރުން ސާފުކޮށްދީފިއެވެ.

  • ހއ. ފިއްލަދޫ
  • ހދ. ނޭކުރެންދޫ
  • ށ. ކަނޑިތީމު
  • ކ. ގާފަރު
  • އދ. މަހިބަދޫ
  • މ. ނާލާފުށި
  • ތ. ތިމަރަފުށި
  • ގއ. ނިލަންދޫ

އަތޮޅު ޗެމްޕިއަނުންގެ އިތުރުން ޒޯނަށް ނުކުންނާނެ ޓީމުތަކީ ޒޯން 8 އިން ނުކުންނަ މާލޭގެ ޓީމުތަކެވެ. ޒޯން ބުރުގެ ކުޅުން މިހާރުވެސް ފެށިގެން ކުރިއަށްދާ އިރު، އެހެން ހުރިހާ މުބާރާތަކަށްވުރެ، މިފަހަރު މުބާރާތުގެ ޒޯން ބުރުގެ ފުރިހަމަވެ، ފޯރިގަދަ ވާނެކަން ޔަގީނެވެ.