Close
ޚަބަރު

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި

ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރޭޕްގެ ޝިކާރަކަށްވީ އަންހެން މީހާގެ ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީން ތިބޭ ފޭސްބުކް ގްރޫޕެއްގައެވެ. އެ ގުރޫޕުގައި ބިދޭސީ އަންހެނަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއާއި އޭނާގެ އެކުވެރިއަކު ހުޅުމާލޭ މަގުމަަތީގައި ރޭގަނޑު ދަންވަރު ތިއްބާ އަންހެނަކު ދުވަމުން އަންނަ ތަން ފެނުނު ކަމަށާއި އެއީ ޔޫރަޕް ނަސްލުގެ މީހެއް ކަމަށެވެ.

އިނގިރޭސިން ރަނގަޅަށް ވާހަކަދައްކަން ނޭނގޭ އެ އަންހެން މީހާ އައިސް އެދުނީ، އޭނާ ހުންނަ ތަނަށް ދާނެ މަގު ދައްކައި ދިނުމަށް ކަމަށާއި ނަމަވެސް އެ އަންހެން މީހާއަށް އެހީއަށް ބޭނުންވެފައި ހުރިހެން ހީވާތީ އެ އެހީތެރިކަން ދޭން މަސައްކަތް ކުރި ކަމަށް ބުނެފައިވެއެވެ.

"އެ އަންހެން މީހާ ވާހަކަދައްކަމުން ދިޔައިރު ދިޔައީ ރޮމުން. އަހަރެމެންނަށް އެނގުނީ އޭނާ ސަފާރީއެއްގައި ރޭޕްކުރިކަން. އޭނާ ބުނި ގޮތުން، އެކަން ކުރީ ފަސް ފިރިހެނުން. އަހަރެމެންނަށް ހީވަނީ އޭނާއަށް ޑުރަގްކޮށްފައި ހުރިހެން. އޭނާ ބުނީ ހޭލެވުނުއިރު އޮތީ ބަރަހަނާކޮށް ކަމަށާއި އަނިޔާގެ ނިޝާންތަކެއްވެސް ހުރި ކަމަށް،" ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމަށް އަންހެން މީހާ ކައިރީގައި އެދުނު ނަމަވެސް އޭނާއަކީ ފަތުރުވެރިއަކަށްވާތީ ފުލުހުން އޭނާ ދައްކާ ވާހަކަ ގަބޫލުކުރާނެތޯ އޭނާ ސުވާލު އުފެއްދިއެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ފުލުހުންގެ މީޑިއާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ސަފާރީއެއްގައި ބިދޭސީއަކު ރޭޕް ކުރި މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ނުވާ ކަމަށެވެ. ނަމަވެސް އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.