Close
ޚަބަރު

ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ގޮވާލާ ހުށަހެޅި ގަރާރު ފާސްކޮށްފި، ގޮތް ނިންމާނީ ކައުންސިލުން

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމަށް ގޮވާލައި އެ ޕާޓީގެ ގައުމީ ޖަލްސާއަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީން ވަކިން ވާދަކުރުމަށް ނުވަތަ ޖޭޕީ އިސްވެ އޮންނަ ކޯލިޝަނަކާއެކު ވާދަކުރުމުގެ ގަރާރު ދަރުބާރުގޭގައި ކުރިއަށްގެންދިޔަ އެ ޕާޓީގެ ހަތަރުވަނަ ގައުމީ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދެވެ.

ޖޭޕީގެ ގައުމީ ޖަލްސާއިން ފާސްކުރި އެ ގަރާރުގައި ވަނީ އެ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް، ކައުންސިލަށް ލަފާ ދިނުމަށެވެ. ރިޔާސީ އިންތިހާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތެއް ނިންމާނީ ގައުމީ ޖަލްސާގައި އިންތިހާބުކުރާ އާ ކައުންސިލުންނެވެ.

އެ ގަރާރަށް ވަނީ ފަސް މެންބަރަކު ބަހުސް ކުރައްވައިފައެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންވެސް ހިމެނިވަޑައިގަންނަވައެވެ.

ބަހުސްގައި ބައިވެރިވެވަޑައިގެންނެވި، ރައީސް އޮފީހުގެ މިނިސްޓަރު އަދި ޖޭޕީގެ ކައުންސިލް މެންބަރު އަހުމަދު ސަމީރު ފިޔަވައި އެެހެން ހުރިހާ ބޭފުޅުންވެސް ވަނީ ގަރާރަށް ތާއީދުކުރައްވައިފައެވެ.

އެއް ގަޑިއިރުގެ ބަހުސަކަށް ފަހު، ގަރާރަށް ވޯޓަށް އެހުމުން، އެ ގަރާރު ވަނީ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ އިންތިފާގުން ފާސްކޮށްފައެވެ.

ގަރާރު ކުރިއަށްދިޔަ ވަގުތު، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމެވެ.