މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި މިއަދު ހަވީރު ކުޅުނު މެޗުތަކުން މޮޅުވެ، ފ. އަތޮޅު މަގޫދޫއާއި ރ. އިނގުރައިދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ކުޅުނީ ފ. އަތޮޅު ފައިނަލާއި ރ. އަތޮޅު ފައިނަލެވެ. ފ. އަތޮޅުގެ ފައިނަލުގައި ނިލަންދުއާއި މަގޫދޫ ވާދަކުރި އިރު، މެޗު މަގޫދޫން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ނުޖެހި ނިންމާލަން ޖެހުނު އިރު، ރަނގަޅު ހަމަލާތައް އުފައްދައި ނުރައްކާކުރީ މަގޫދޫންނެވެ. މަގޫދޫގެ ފަރާތުން ހަމަލާތައް ގިނަކޮށް ފެނުނު އިރު، ދެވަނަ ހާފަށް ނުކުމެ، ހާފުގެ ކުރީކޮޅުގައި އެ ޓީމުން ލީޑު ނެގިއެވެ. މޫސާ މާހިލް މިގުދާދު ޖެހި އެ ގޯލާއެކު މަގޫދޫން ލީޑު ނަގައި ފަހަތަށް ޖެހިލި، ނިލަންދޫން މަސައްކަތް ކުރީ ކުރިއަށް ޖެހި ގޯލެއް ޖެހުމަށެވެ.
މަގޫދޫން ލީޑު ފުޅާކުރީ ނިލަންދޫން ކުރިއަށް ޖެހި ހަމަލާތައް އުފައްދަނިކޮށް ކައުންޓާގައި ލިބުނު ފުރުސަތެއްގައެވެ. ކައުންޓާގައި ކުރިއަށް ޖެހި ގޯލު ޖެހީ އަހުމަދު މުއާޒެވެ.
ރ. އަތޮޅުގެ ފައިނަލުގައި ދުވާފަރާއި އިނގުރައިދޫ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު 3-3 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިނގުރައިދޫގެ ފަސް ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، ދުވާފަރުގެ އެންމެ ފަހު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
މިއަދުގެ މެޗު ފެށިގެން ފުރަތަމަ ލީޑު ނެގީ ދުވާފަރެވެ. އެ ގޯލަކީ އިނގުރައިދޫގެ ގޯލްކީޕަރު އަހުމަދު އިހުސާނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ދުވާފަރުގެ އާދަމް އިލްޔަސައު ޖެހި ގޯލެކެވެ. އޭގެ ފަހުން އަލީ ހާފިޒް (ހާއްޕެ) ޖެހި ގޯލުން އިނގުރައިދޫ ނަގީޖާ ހަމަހަމަކުރި އިރު، އަހުމަދު އައިހަމް ޖެހި ގޯލުން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.
އެ ލީޑުވެސް މާ ގިނައިރަކު ދެމެހެއްޓޭ ގޮތެއް ނުވިއެވެ. އަނެއްކޮޅުން މުހައްމަދު އިޝާމް ވަނީ ދުވާފަރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އޭގެ ފަހުން މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ދެވަނަ ފަހަރަށް އިނގުރައިދޫން އެއްވަރުކުރީވެސް ހާއްޕެ ޖެހި ގޯލަކުންނެވެ. އެ ގޯލާއެެކު މޮޅުވާން ދަނިކޮށް، މެޗު 3-3 އެއްވަރުވީ ދުވާފަރުގެ އިޝާމް ޖެހި ގޯލުންނެވެ.
ޕެނަލްޓީއަށް ނުކުމެ އިނގުރައިދޫން ޖެހި ޕެނަލްޓީ އައިހަމް ކާމިޔާބުކުރި އިރު، އަނެއްކޮޅުން އިލްޔަސައު ޖެހި ބޯޅަ އަމާޒުކޮށްލީވެސް ގޯލުގެ މަތީ ދާގަނޑަށެވެ. އިނގުރައިދޫން ދެވަނައަށް މަމްދޫހު ޖެހި ޕެނަލްޓީވެސް ވައްދާލި އިރު، ދުވާފަރުގެ ދެވަނަ ޕެނަލްޓީގައި ނޫހު ޖެހި ހިތްގައިމު ޕެނަލްޓީ އޭނާ ވައްދާލިއެވެ. އިނގުރައިދޫގެ އަހުމަދު މަސީދު ވެސް ޕެނަލްޓީ ވެއްދިއިރު، އަނެއްކޮޅުން ދުވާފަރުގެ އަހުމަދު މައިސޫން ޖެހި ޕެނަލްޓީވެސް ވައްދާލިއެވެ.
އިނގުރައިދޫގެ އަބްދުﷲ ސަނޫމާއި ހާއްޕެ ޖެހި ޕެނަލްޓީ ވައްދާލި އިރު، ދުވާފަރަށް ނާކާމިޔާބުވީ އިޝާމް ޖެހި ޕެނަލްޓީއެވެ. އިޝާމްގެ ޕެނަލްޓީ އިނގުރައިދޫގެ ގޯލްކީޕަރު އިހުސާން މޫނު މަތީގައި ޖެހި ދިޔައީ ބޭރަށެވެ.
މިއަދުގެ ފައިނަލް މެޗު ނިމުނު ފަހުން، އިދިކޮޅު ސަޕޯޓަރުންނާ ދިމާލަށް ދިއުމުން ރެފްރީ ވަނީ އިނގުރައިދޫގެ އައިހަމްއަށް ރަތް ކާޑުވެސް ދައްކައިފައެވެ.
ހާއްޕެއަށް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނު އިރު، އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީވެސް އޭނާއެވެ. އެއަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަކީ ރ. މީދޫގެ ރަޝާހު އަބްދުލް މަތީނެވެ. އޭނާ ވަނީ 10 ގޯލު ޖަހައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް