ވާދަކުރާނެ ބޭފުޅަކު ނެތި ޕާޓީގެ ލީޑަރު ކަމަށް ހޮވިވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް، އިންތިހާބަކާ ނުލައި އަނެއްކާވެސް ޖޭޕީގެ ލީޑަރު ކަމަށް މިއަދު ހޮވިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ޖޭޕީގެ ލީޑަރު ކަމަށް ގާސިމް މިއަދު ވަނީ ހޮވިވަޑައިގެންފައެވެ. އެއީ އޭނާ ވާދަކުރުމަށް އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތި ނުލުމުންނެވެ.
އާ ދައުރަކަށް ލީޑަރުކަމާ ހަވާލުވެވަޑައިގެން ޕާޓީ މެންބަރުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ވޯޓެއް ނުލާ ލީޑަރު ކަމަށް ކަނޑައެޅުމުން އުފާ ނުވާ ކަމަށާއި ނަމަވެސް އެކަން ބަަލައިގަނެފައިވާ ކަމަށެވެ. އަދި އެ މަގާމުގައި ވާދަކުރަން އެހެން ބޭފުޅަކު ނެތްކަން އެއީ ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އެ ޕާޓީ ޒަމާންތަކަކަށް ދެމިގެން ދިއުމަށްޓަކައި ކަންތައްތަކެއް ކުރަންޖެހޭކަން ގަބޫލުކުރަންޖެހޭނެ ކަމަށެވެ.
"ތާއަބަދަކު އަޅުގަނޑު ނުހުންނާނެ މި ލީޑަރު ކަމަކު، ހަމަގައިމުވެސް އަޅުގަނޑަށްވެސް ނިމުމެއް އަންނަންޖެހޭނެ. އެއީ ގުދުރަތީ ގާނޫނު އޮންނަ ގޮތް. އެކަން ވާވެސް ގޮތްމެ، އެހެންވީމާ، މިކަންކަމަށް ސާބިތުވެ ވަޑައިގެން ކެރިވަޑައިގެން އުޅުއްވާނެ ބޭފުޅުން ކޮޅެއް އިހުލާސްތެރިކަމާ އެކީގައި އަޅުގަނޑު ކުރި ރަނގަޅު ކަންތައްތައް ބަލައިގަނެގެން ކުރިއަށް ގެންދާނެ ރަނގަޅު ލީޑާޝިޕެއް އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން އޮތުމަކީ ވަރަށް ބޭނުންތެރިކަމެއް،" ގާސިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު