ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކިތަންމެ އަނިޔާއެއް ލިބިފައިވީ ނަމަވެސް، އެކަމާ އެއްވެސް ހިތް ބުރަކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އެ ވާހަކަތައް ދެއްކެވީ ދަރުބާރުގޭގައި ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީތަކުގެ އިސްވެރިން އަދި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގާސިމް ވިދާޅުވީ އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ޖޭޕީގެ ގައުމީ ކޮންފަރެންސް ބޭއްވުނީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި އޭރު މާލޭގައި އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި އެ ދުވަސްވަރަކީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ތަފާތު އެކި ބާވަތްބާވަތުގެ ހުކުމްތަކާއި ބޮޑެތި އަދަބުތައް ލިބެމުންދިޔަ ދުވަސްވަރެއްކަން ވެސް ފާހަގަކުރެއްވިއެވެ.
"މި ބާވަތުގެ ކަންތައްތަކުގައި އުޅޭ އިރު، މި ސިޔާސީ މަސްރަހުގައި ދިމާވާނެ ސިޔާސީ ކުޅިގަނޑުތަކާ. އެއީ އަޅުގަނޑުމެން އެކަކު އަނެކަކަށް ހިތް ބޮޑުކޮށްގެން، ހަސަދަލައިގެން، ފަހަތުން ދުވެ، ނުނެއްޓިގެން އުޅެން ޖެހޭ ސަބަބެއް ނޫން. އަޅުގަނޑުމެންގެ ހިތް ހަލާސް، ހަމަގައިމުވެސް އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ހިތް ހަލާސްކުރަން. އެއްވެސް ކަހަލަ ބުރަކަމެއް އަޅުގަނޑުގެ ނެތް. ގިނަ ސިޔާސީ ލީޑަރުން ތިއްބެވީ، ސިޔާސީ ތަފާތު މައްސަލަތަކުގައި ހައްޔަރުކޮށް، ނުވަތަ ރާއްޖެއިން ބޭރުގައި ނޫނީ ޖަލުގެ ގޮޅިތަކުގައި،" އޭނާ ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އޭނާއަށް ވެސް ހުކުމްކޮށްފައިވަނީ މައްސަލައެއްގައި ތަހުގީގަށް ކަމަށް ބުނެ، އެތަކެއް ފަހަރެއްގެ މަތީން ދޫނިދޫ ޖަލުގައި ބަންދުކޮށް އުޅުމުގެ ތެރެއިން ދިމާވި ސިއްހީ ހާލަތަކާ ގުޅިގެން ހޮސްޕިޓަލުގެ އިމެންޖެންސީގައި ފަރުވާއަށް އެޑްމިޓުކޮށްފައި އޮއްވައި ކަމަށާއި ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާލި ފަހުން ޕާސްޕޯޓެއް ވެސް ނެތް ކަމަށެވެ.
"އޭގެ ފަހުން ޕާސްޕޯޓެއް ވެސް ނެތް، އަޅުގަނޑަކީ ރަށް މެދަށް ދޫވެފައި ހުރި ދިވެއްސެއް. އަޅުގަނޑަށް އެއްވެސް ގޮތެއް ނެތް. އޭރު އެއާލައިންތަކުން އަޅުގަނޑު ކެރީ ނުކުރާނެ ކަމަށާއި އަޅުގަނޑު އެއްވެސް ތަނަކަށް ނުގެންގޮސްދޭނެ ކަމަށް ބުނުމުން، ލިޔެކިޔުންތައް ހުށަހަޅައިގެން ވެސް ދިވެހި ސަރުކާރުން ބަލައިގަންނަ ގޮތެއް ނުވި. އަޅުގަނޑު ހުރީ ސިންގަޕޫރުގައި، ރައްޔިތެއް ވެސް ނޫން، ދުނިޔެ މެދަށް އުފަންވެފައި ހުރި 'ނޯ ކަންޓްރީ މޭން'، އަޅުގަނޑުގެ ގައުމެއް ވެސް ނެތް،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ސިންގަޕޫރުގައި ހާއްސަ ހުއްދައެއްގެ ދަށުން ހުރެވޭނެ ގޮތް ހަމަޖެހިގެންދިޔައީ ރައީސް ނަޝީދުގެ އެހީތެރިކަމާއެކު ކަމަށާއި ބޭސްފަރުވާއަށް ޖަރުމަންވިލާތަށް ދެވުނީ ވެސް ނަޝީދުގެ އެހީތެރިމާއެކު ކަމަށެވެ. އަދި ޖޭޕީގެ އެހެން ބައެއް މެންބަރުން ވެސް އެ ދުވަސްވަރު ޖަލުގައި ހުންނަން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ.
"ނަމަވެސް އަޅުގަނޑުގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް، އެއްވެސް ކަހަލަ ބަދަލު ހިފުމުގެ ނުވަތަ އެއްވެސް ނޭއްގާނީ އެއްވެސް އަސަރެއް އަޅުގަނޑުގެ ހިތުގައި ނެތް، އެއިން ކަމަކާ މެދު. އަޅުގަނޑަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރާ މީހެއް،" އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު