ހުޅުމާލޭގެ "ޖޫސް ޓައިމް" ކެފޭއަށް ވަދެ، އެތަނަށް ގެއްލުން ދިން ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ވަން" އަށް ވިދާޅުވީ "ޖޫސް ޓައިމް" އަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގުކޮށް، އެއީ ކޮންބައެއްތޯ ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގައި ހިންގާ އެ ކެފޭއަށް ވަދެ، ގެއްލުން ދޭ މަންޒަރު ފެންނަ ވީޑިއޯ ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މޫނު ނުފެންނަހެން ހެލްމެޓު އަޅައިގެން ތިބި ދެ ފިރިހެނަކު ކެފޭގެ ތެރެއަށް ވަދެ، މަރުތޭލަކުން ގެއްލުން ދޭ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އަދި ކެފޭގެ ވަތްގަނޑުން އެއްޗެއް ނަގައި، ޖީބަށް ލާ ތަން ވެސް ފެނެއެވެ.

އެ ކެފޭއަށް ގެއްލުން ދިނުމަށްފަހު، އެމީހުން ސައިކަލަކަށް އަރައިގެން ދާ މަންޒަރު ވެސް އެހެން ވީޑިއޯއަކުން ފެނެއެވެ. އެ ކެފޭއަށް ވަދެ އެ ދެ މީހުން ގެއްލުން ދިން އިރު، އެ ސަރަހައްދުގައި މީހުން ވެސް ތިއްބެވެ.