މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ ކުޅުނު ކ. އަތޮޅު ސެމީ ފައިނަލްތަކުން މޮޅުވެ، ގާފަރާއި ދިއްފުށިން އެ އަތޮޅު ފައިނަލް ޔަގީންކުރި އިރު، މ. އަތޮޅު ސެމީ މެޗުތައް ކާމިޔާބުކޮށް ދިއްގަރާއި ނާލާފުށިން އެ އަތޮޅު ފައިނަލް ޔަގީން ކޮށްފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ ހަތް މެޗެވެ. އޭގެ ތެރޭގައި ކ. އަތޮޅުގެ ފޯރިގަދަ ސެމީ ފައިނަލް ދެމެޗުވެސް ފެނިގެން ގޮސްފައިވާ އިރު، އެންމެފަހުގެ ރަނަރަޕް، އަދި މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޝީލްޑް ކާމިޔާބުކުރި ގާފަރުން ކުޅުނު މެޗުގައި ކާށިދޫ ކަޓުވާލީ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ގާފަރު މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ގާފަރުން ފުރަތަމަ ހާފުގެ ފަހުކޮޅުގައި ލީޑު ނެގީ ކެޕްޓަން ސާމިން މުހައްމަދު ޖެހި ގޯލުންނެވެ. އަނެއްކޮޅުން ކާށިދުއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަކުމަލް މުހައްމަދެވެ.
ޕެނަލްޓީގައި ގާފަރުގެ އައްޒާމް ނިޔާޒާއި ޝަނާން ރަޝީދުގެ އިތުރުން ނާހު މުހައްމަދު އަދި އިބްރާހީމް ރިމާހް ޖެހި ޕެނަލްޓީތައް ވެއްދި އިރު، ކާށިދުއަށް ކާމިޔާބުކުރެވުނީ އަބްދުﷲ ސުޒައިރާއި ޝައްފާން ހަލީމް ޖެހި ޕެނަލްޓީ އެކަންޏެވެ.
ކ. އަތޮޅުގެ އަނެއް ސެމީ މެޗުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗުގައިވެސް ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 3-3 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ދިއްފުށިން މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މާފުށީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު އިސްމާއީލް ނަޒީހު ޖަހައިދިން އިރު، އަނެއް ގޯލު ޖެހީ ހުސައިން އިމްރާނެވެ. ދިއްފުށީގެ ގޯލުތައް ޖެހީ ޒައިން ޒަފަރާއި އަހުމަދު މާޒިން އަދި މުހައްމަދު އަސްލަމެވެ.
މާފުއްޓަށް ތިން ޕެނަލްޓީ ކާމިޔާކުރެވުނު އިރު، އެއީ އިމްރާނާއި ނަޒީހުގެ އިތުރުން އަލީ އުޒައިރު މުހައްމަދު ޖެހި ޕެނަލްޓީތަކެވެ. ދިއްފުށީގެ ޒައިންއާއި މާޒިންގެ އިތުރުން ރިލުވާން ރަޝީދާއި އަސްލަމްވެސް ޕެނަލްޓީ ކާމިޔާބުކޮށް އަތޮޅު ފައިނަލް ޔަގީންކުރިއެވެ.
މުބާރާތުގެ މ. އަތޮޅު ސެމީ ފައިނަލް މެޗުތައްވެސް ރޭ ކުޅެފައިވާ އިރު، މ. އަތޮޅު ދިއްގަރުން މުލި ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މުލީގެ ގޯލުތައް އަބްދުﷲ ނާފިއުއާއި ހަސަން އަޝްރަފް ޖަހައިދިން އިރު، ދިއްގަރުގެ ގޯލުތައް ޖެހީ ހުސައިން ފާރިޝްއާއި އަލީ މާޖިދު އަދި އަހުމަދު މިދުހަތު މަހުމޫދެވެ.
އެ އަތޮޅުގެ އަނެއް ސެމީގައި މަޑުއްވަރިއާއި ނާލާފުށި ވާދަކޮށް މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން އެއްވަރުވެފައި އޮތުމުން ޖެހި ޕެނަލްޓީގައި ނާލާފުށިން މަޑުއްވަރު ބަލިކުރީ 5-4 ގެ ނަތީޖާއަކުންނެވެ.
މެޗުގައި މަޑުއްވަރީގެ ގޯލު އިސްމާއީލް ނާޝިދު ޖެހި އިރު، ނާލާފުށީގެ ގޯލަކީ މަޑުއްވަރީގެ މޫސާ ޝިޔާޒު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގައި ޖެހި ޕެނަލްޓީގައި ނާލާފުށީގެ ޕެނަލްޓީތައް ކާމިޔާބުކުރީ އަލީ އަޒުމީލާއި ޔޫސުފް ޒަޔާންގެ އިތުރުން މުހައްމަދު ފަޒީލް އަދި މޫސާ ނައިޝާނެވެ.
ރޭ ވަނީ މުބާރާތުގެ ސ. އަތޮޅު ފައިނަލް ދެލެގުގެ ތެރެއިން ފުރަތަމަ ލެގުވެސް ކުޅެފައެވެ. އެ މެޗުން މޮޅުވެ ފޭދޫން ތަށްޓާ ގާތަށް ޖެހިލީ 2-0 އިން މަރަދޫފޭދޫ ބަލިކޮށްފައެވެ. އެ މެޗުގައި ފޭދޫގެ ގޯލުތައް ޖެހީ އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)އާއި ހުސައިން އަޒުވާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
މުބާރާތުގެ ގިނަ ފައިނަލްތަކެއްގެ އިތުރުން ޒޯން ބުރުގެ ބައެއް މެޗުތައް މިއަދާއި މިރޭ ކުޅެވިގެން ދާނެއެވެ.
އދ. އަތޮޅު ފައިނަލް (ގްރައުންޑް 1)
16:00 އދ. މަހިބަދޫ - އދ. މާމިގިލި
އއ. އަތޮޅު ފައިނަލް (ގްރައުންޑް 2)
16:00 އއ. ބޮޑުފޮޅުދޫ - އއ. މަތިވެރި
ޒޯން ބުރު
17:00 ހދ. ނައިވާދޫ - ހދ. ނޭކުރެންދޫ (ގްރައުންޑް 1)
17:00 ށ. ކަނޑިތީމު - ށ. ފޯކައިދޫ (ގްރައުންޑް 2)
20:00 މައްޗަންގޯޅި - މާފަންނު (ގްރައުންޑް 2)
21:00 ވިލިމާލެ - ހުޅުމާލެ (ގްރައުންޑް 2)
ލ. އަތޮޅު ފައިނަލް (ގްރައުންޑް 1)
20:00 ލ. ގަން - ލ. އިސްދޫ
ތ. އަތޮޅު ފައިނަލް (ގްރައުންޑް 1)
21:00 ތ. ތިމަރަފުށި - ތ. ކިނބިދޫ
ޅ އަތޮޅު ފައިނަލް ދެވަނަ ލެގު (ގްރައުންޑް 1)
22:00 ޅ. ހިންނަވަރު - ޅ. ކުރެންދޫ
ގދ. އަތޮޅު ފައިނަލް (ގްރައުންޑް 2)
22:00 ގދ. ވާދޫ - ގދ. ގައްދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް