މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަން ކޯސްތަކެއް ފަށައިފިއެވެ.
އެމްއޭސީއެލްއިން މިއަދު ބުނީ އެއާ ޓްރެފިކް ކޮންޓްރޯލަރުންނަށް ހާއްސަ ކޮށްގެން ކުރިއަށްގެންދަނީ ދެ ކޯހެއް ކަމަށާއި އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖާ ކޯސް އަދި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖާ ކޯސް ކަމަށެވެ. އެމްއޭސީއެލްއިން ބުނީ އެ ކޯސްތައް މިދިޔަ އަންގާރަ ދުވަހު ފަށާފައިވާ ކަމަށާއި އަދި ކޯސްތައް ކުރިއަށް ގެންދަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
އެ ކޯސްތަކުގައި 12 ދަރިވަރަކު ބައިވެރިވަމުން އަންނަ ކަމަށާއި އޭރިއާ ކޮންޓްރޯލް ޕްރޮސީޖާ ހަ ދަރިވަރަކު އަދި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖާ ކޯސްގައި ހަ ދަރިވަރަކު ބައިވެރިވަމުން އަންނަކަމަށް އެމްއޭސީއެލްއިން ބުންޏެވެ.
ކޯހުގެ ދަރިވަރުންނަށް ކިޔަވައިދޭނީ ބައިނަލްއަގުވާމީ ޓްރެއިނަރުންގެ ޓީމަކުންކަމަށް އެމްއޭސީއެލުން ބުންޏެވެ. އެ ޓްރެއިންނަރުންނާ އެކު ރާއްޖޭގެ ޓްރެއިނަރުންވެސް ހަރަކާތްތެރިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެއާ ނެވިގޭޝަން ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ ޒިންމާއެއް ކަމަށެވެ. މިހާރު ފަށާފައިވާ ދެ ކޯހުގެ ސަބަބުން އެ ހިދުމަތް ދިނުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް އެމްއޭސީއެލުންވެސް ބުންޏެވެ.
މިދިޔަ އަހަރު އެމްއޭސީއެލުން ވަނީ ބަނަލްއަގުވާމީ ފެންވަރުގެ އެއާ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރެވޭ ފެންވަރުގެ "އޭޓީސީ ޓަވާ ސިމިއުލޭޓާ"އެއް އެމްއޭސީއެލްގެ ތަމްރީންތަކުގައި ބޭނުންކުރަން ފަށައިފައެވެ.