ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އިމާރާތް ބާވުމުގެ ސަބަބުން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި އެ އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓު މިހާރު ހިންގަމުން ގެންދަނީ މާރުކޭޓް ސަރަހައްދުގައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގަ އެވެ. އެ އިމާރާތަކީ ދުވަސްވީ އިމާރާތަކަށް ވުމުން ބައެއް ފާރުތަކުގައި ވަނީ ރެނދު ލައިފައެވެ. ފުރާޅުން ފެން ލީކުވުމުގެ މައްސަލަތައް އެ އިމާރާތުގައި ވަރަށް ގިނައިން ކުރިމަތިވެއެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކްރިމިނަލް ކޯޓް ހިންގަމުން އަންނަ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން މިއަދު އެ އިމާރާތުގެ އިންސްޕެކްޝަނެއް ހަދާފައިވާ ކަމަށާއި އެއީ ބޭނުން ކުރަން އެއްވެސް ވަރަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް އެ ފަރާތްތަކުން އިރުޝާދު ދީފައިވާ ކަމަށެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގެ ހަތަރު ބުރީގެ އިމާރާތް ބޭނުންކުރުން ހުއްޓާލުމުގެ އިތުރުން ކޯޓުން ބޭނުންކުރަމުން އަންނަ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި ކޯޓުގެ ޝަރީއަތްތަކާއި ކޯޓުގެ މަސައްކަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށާއި ގޭގައި މަސައްކަތް ކުރުމާއި ޝިފްޓު ޑިއުޓީގެ އުސޫލުން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖައްސުމަށްވެސް އެ ކޮމިޝަނުން ނިންމާފައިވެއެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބަދަލުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓު (ޑީޖޭއޭ)އިން ވަނީ މީގެ ކުރިން ވެސް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެހެން އިމާރާތަކުން ކްރިމިނަލް ކޯޓު ހިންގަން މި ވަގުތު ޖާގަ ނެތް ކަމަށް ޕްލޭނިން މިނިސްޓްރީއާ ހަވާލާދީ ޑީޖޭއޭ އިން ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓަށް އާ އިމާރާތެއް ހޯދަން ޓެންޑާ ކޮށްދޭން ޓެންޑާ ބޯޑަށް ފޮނުވުމުން، އިމާރާތެއް ނުލިބުނު ކަމަށް އެ ބޯޑުން މިދިޔަ އަހަރުގެ މާޗު މަހު އަންގާފައިވާ ކަމަށްވެސް ޑީޖޭއޭ އިން ބުނެއެވެ.