Close
ގޯލްޑަން ފުޓްސަލް ޗެލެންޖް

ފ. އަތޮޅު ފައިނަލަށް މަގޫދުއާއި ނިލަންދޫ، ބޮޑުފޮޅުދޫ، އޭދަފުށި އަދި ފެހެންދޫވެސް އަތޮޅު ފައިނަލަށް

މުޙައްމަދު ޝަމްޢޫން

މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ ކުޅުނު މެޗުތަކުން ފ. ނިލަންދުއާއި މަގޫދޫ، އއ. ބޮޑުފޮޅުދޫ އަދި ބ. އޭދަފުއްޓާއި ފެހެންދޫން އަތޮޅު ފައިނަލް ޔަގީން ކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅެފައި ވަނީ ޖުމުލަ އަށް މެޗެކެވެ. އެއީ ފ. އަތޮޅުގެ ދެމެޗާއި ރ. އަތޮޅުގެ ލީގު ބުރުގެ ފަހު ދެމެޗުގެ އިތުރުން ބ. އަތޮޅު ލީގު ބުރުގެ ފަހު ދެމެޗު، އަދި އއ. އަތޮޅު ލީގު ބުރުގެ ފަހު ދެމެޗެވެ.

ފ. އަތޮޅު ފަހު ދެމެޗަށް ނުކުތް އިރުވެސް ނިލަންދުއަށް އޮތީ ފައިނަލް ފުރުސަތު ބޮޑުކޮށެވެ. އެ މެޗުން މަގޫދުއަށް މޮޅެއް މަޖުބޫރުވެފައި އޮތް އިރު، މަގޫދޫން ފައިނަލް ޔަގީންކުރީ ނިލަންދޫ ކައިރިން 1-0 އިން މޮޅުވެގެންނެވެ. އެ މެޗުގައި މަގޫދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ މޫސާ އަސްއަދު އަންވަރެވެ.

އެ އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި ބިލެތްދޫން ވަނީ 2-1 ގެ ނަތީޖާއަކުން ދަރަނބޫދޫ ބަލިކޮށްފައެވެ.

ރޭ ބ. އަތޮޅު ލީގު ބުރުގެ ފަހު މެޗުތައް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ފެހެންދޫން ފައިނަލް ޔަގީންވީ ކެންދޫ ކައިރިން 0-0 އިން އެއްވަރުވުމުންނެވެ. އެ އަތޮޅުގެ އަނެއް މެޗުގައި 1-0 އިން އޭދަފުށިން ތުޅާދޫ ބަލިކޮށް ފައިނަލް ޔަގީން ކުރި އިރު، މެޗުގެ ހަމައެކަނި ގޯލު ޖެހީ ހަމްދާން އަބްދުއްސައްތާރެވެ.

އއ. އަތޮޅު ލީގު ބުރުގެ ފަހު މެޗުތަކަށް ރޭ ނުކުތް އިރުވެސް އެއަތޮޅުގެ މަތިވެރިއަށް އޮތީ ފައިނަލް ޔަގީން ވެފައެވެ. ފައިނަލްގެ ދެވަނަ ޖާގައަށް ބޮޑުފޮޅުދުއާއި ރަސްދޫ ފޯރިގަދަ މެޗެއް ރޭ ކުޅެފައިވާ އިރު، މެޗުން ބޮޑުފޮޅުދޫ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެއްވަރު ކޮށްލައިގެންވެސް ފައިނަލަށް ދެވެން އޮތް ބޮޑުފޮޅުދޫން ރޭގެ މެޗުގައި ގޯލުތައް ޖެހީ އަހުމަދު ރިޔުޝާނާއި އަލީ ޝާނީޒެވެ. އަނެއް ގޯލަކީ ރަސްދޫގެ ހުސައިން ޝަރީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރަސްދޫގެ ގޯލުތައް ޖެހީ އަލީ އައިމަން އާއި އަލީ މުސްތަފާއެވެ. އެއަތޮޅުގެ އަނެއް މެޗުން ރޭ ތޮއްޑޫން ވަނީ ފެރިދޫ އަތުން 6-1 އިން މޮޅުވެފައެވެ.

ރ. އަތޮޅުގައި ރޭ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުގައި ކުޅުނީ އެ އަތޮޅުން ފައިނަލް ޔަގީންވެފައި އޮތް އިނގުރައިދުއާއި ދުވާފަރެވެ. އެ ދެޓީމު ލީގު ބުރުގައި ރޭ ކުޅުނު މެޗުގައި 5-1 އިން އިނގުރދައިދޫ މޮޅުވިއިރު، އެ އަތޮޅުގެ އަނެއް މެޗުގައި އަލިފުށިން ވަނީ 5-1 އިން ރ. މީދޫ ބަލިކޮށްފައެވެ.

އިނގުރައިދޫން ދުވާފަރު ކޮޅަށް ގޯލުތައް ޖެހީ އަހުމަދު އައިހަމް (އައިހު)އާއި މުހައްމަދު މަމްދޫހު، އަލީ ހާފިޒް (ހާއްޕެ) އަދި އަހުމަދު މަޝީދެވެ. އޭގެ ތެރެއިން އައިހު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ދުވާފަރުގެ ހަމައެކަނި ގޯލު މުހައްމަދު ޖުމާން އަހުމަދު ޖެހިއިރު، އޭނާ ފޮނުވާލި ޕެނަލްޓީއެއް އިނގުރައިދޫ ކީޕަރު އަހުމަދު އިހުސާން ވަނީ މަތަކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މިރޭ އޮންނަ މެޗުތައް

ގއ. އަތޮޅު ފައިނަލް
20:00 ގއ. ނިލަންދޫ - ގއ. މާމެންދޫ (ގްރައުންޑް 1)

21:00 ސ. މަރަދޫ - ސ. ފޭދޫ (ގްރައުންޑް 1)
21:00 ދ. މާއެނބޫދޫ - ދ. ބަނޑިދޫ (ގްރައުންޑް 2)

ކ. އަތޮޅު ސެމީ ފައިނަލް
22:00 ގާފަރު - މާފުށި (ގްރައުންޑް 1)
22:00 ކާށިދޫ - ދިއްފުށި (ގްރައުންޑް 2)

މ. އަތޮޅު ސެމީ ފައިނަލް
23:00 ނާލާފުށި - މަޑުއްވަރީ (ގްރައުންޑް 1)
23:00 މުލި - ދިއްގަރު (ގްރައުންޑް 2)