Close
ވޮލީ ބޯލް

ފޯ ނޭޝަންސް ކަޕްގައި ރާއްޖެ މެލޭޝިއާ މެޗު މިރޭ، ކޯޗު ބުނަނީ ކުރިމަތިލަނީ ރަން މެޑެއްޔަށް ކަމަށް

މުޙައްމަދު ޝަމްޢޫން

މިއަދު މާލޭގައި ފަށާ ބައިނަލްއަގުވާމީ ވޮލީ މުބާރާތް، ފޯ ނޭޝަންސް ކަޕަށް ދިވެހި ފިރިހެން ވޮލީ ޓީމާއެކު ނުކުންނާނީ ރަން މެޑައްޔަށް ޓާގެޓް ކޮށްގެން ކަމަށް ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ބުނެފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ރާއްޖޭގެ ފިރިހެން ވޮލީ ޓީމުގެ ކޯޗުކަމާ ވެލޯސޯ ހަވާލުވެފައިވާ އިރު، ރަސްމީ މެޗެއްގައި ޓީމަށް އިރުޝާދު ދޭން އޭނާއަށް މިހާތަނަށް ފުރުސަތު ލިބިފައެއް ނުވެއެވެ. ބްރެޒިލްގެ މަޝްހޫރު ވޮލީބޯޅަ ކްލަބެއް ކަމަށްވާ މިނިއާސް ޓެނީސް ކްލަބަށް ގިނަ އަހަރުތަކެއް ވަންދެން ކޯޗުކޮށްދިން ވެލޯސޯ އަކީ 25 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯޗިން ތަޖުރިބާ ހޯދައިފައިވާ ކޯޗެކެވެ.

މިދިޔަ އަހަރު ގައުމީ ފިރިހެން ވޮލީ ޓީމު ކުޅެން އޮތް ދެ މުބާރާތްވެސް ޓީމަށް ގެއްލުނު އިރު، އޭޝިއަން ގޭމްސް މިއަހަރަށް ފަސްކޮށް، ޗެލެންޖް ކަޕް ވަނީ ފަހުވަގުތު ކެންސަލް ވެފައެވެ.

ވެލޯސޯގެ އިރުޝާދުގެ ދަށުން ގައުމީ ޓީމް، މިހާތަނަށް ސައުދީ އަރަބިއާ އާއި ތައިލެންޑްގެ ތަމްރީނު ކޭމްޕުތައް ފުރިހަމަކޮށްފައިވާ އިރު، މިރޭ ނުކުންނާނީ ފުރަތަމަ ރަސްމީ މެޗުގައި މެލޭޝިއާއާ ދެކޮޅަށެވެ.

"ހަޔާތުގައި ކުރިމަތިލާ ކޮންމެ މުބާރާތަކާވެސް ކުރިމަތިލަނީ ރަން މެޑައްޔަށް ޓާގެޓް ކޮށްގެން. އިދިކޮޅުން ކުޅޭ ޓީމަކަށް ނުވެސް ބަލާނަން. އަހަރެންގެ ޓީމަށް އޮންނާނެ ގޮތަކީ 100 ޕަސެންޓް ދިނުން. ނަތީޖާއަކީ އެންމެ މޮޅަށް ކުޅޭ ޓީމަށް ނެރެވޭނެ އެއްޗެއް،" މެޗާ ގުޅޭ ގޮތުން ވެލޯސޯ ބުންޏެވެ.

މިރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ވެލޯސޯ އިތުރަށް ބުނީ ދިވެހި އެންމެހާ ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި، އިންޑޯއަށް ވަދެ ސަޕޯޓަރުން ފުރާލާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ވެލޯސޯ ފާހަގަކުރިއެވެ.

"މުބާރާތުގައި ތަފާތު ދެއްކޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް. އެކަމަށް ބޭނުންވަނީ ވޮލީބޯޅައަށް ލޯބިކުރާ އެންމެނާއި، ގައުމީ ޓީމަށް ސަޕޯޓް ދޭން ބޭނުންވާ އެންމެންގެ ހިތްވަރު. އެކަމަށް ދައުވަތު ދެން،" ވެލޯސޯ ބުންޏެވެ.

ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަންގައި ރާއްޖެއާއި މެލޭޝިއާގެ އިތުރުން ދެން ވާދަކުރާނީ ސިންގަޕޫރު އަދި އަފްގާނިސްތާނެވެ. ތައިލެންޑް ކޭމްޕަށްފަހު ވެލޯސޯ ބުނެފައި ވަނީ އެ ޓީމުތަކާ ދެކޮޅަށް ރަނގަޅު "ފައިޓް"އެއް ދެވޭނެކަމުގެ އުންމީދު ބޮޑު ކަމަށެވެ. ވެލޯސޯ އެ ތަމްރީނު ކޭމްޕަށްފަހު ބުނީ އެންމެ ބޮޑު ފައިދާއަކީ ޓީމު ރަނގަޅަށް އެނގިފައި އޮތުން ކަމަށާއި، ޓީމު ރަނގަޅަށް ދަސްކުރަން ވަގުތު ލިބުނު ކަމަށެވެ.

މިރޭ ފެށޭ ފޯ ނޭޝަންސް ކަޕަކީ ހަ އަހަރަށްފަހު ރާއްޖޭގައި ހޯސްޓްކުރާ ފުރަތަމަ ބައިނަލްއަގުވާމީ އިންޑޯ ވޮލީ މުބާރާތެވެ. ފޯ ނޭޝަންސް ކަޕްގެ ފިރިހެން ޑިވިޝަން ރޭވިފައި އޮތީ ހަތަރު ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، ދެސެމީ ކުޅުމަށްފަހު ފައިނަލް މެޗު ކުޅޭ ގޮތަށެވެ.