Close
ޚަބަރު

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ

މުހައްމަދު އިޝާން

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާ އަވަހަރާވެއްޖެއެވެ.

ރިޒާ، އަވަހާރަވިކަން ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވަނީ މިރޭ “ވަން” އަށް ކަށަވަރުކޮށްދެއްވައިފައެވެ.

“ވަން” އަށް އެނގިފައިވާ ގޮތުގައި ރިޒާ އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުންދަނިކޮށް މެލޭޝިއާގެ ހޮސްޕިޓަލެއްގައެވެ. ރިޒާ ކެންސަރަށް ފަރުވާ ހޯއްދަވަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، އޭނާ މެލޭޝިއާއަށް ވަޑައިގެންނެވީ މީގެ ދެ މަސް ކުރިންނެވެ.

ރިޒާއަކީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރެކެވެ. އޭނާ މަޖިލީހަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގެންނެވީ 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައެވެ.

މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވުމުގެ ކުރިން ރިޒާ މަސައްކަތް ކުރައްވާފައިވަނީ ގަނޫނީ ވަކީލެއްގެ ގޮތުގައެވެ. ރީޒާ ވަނީ ޕީޕީއެމްގެ ފަރާތުން ކޯޓުތަކުގައި ވަރަށް ގިނަ ފަހަރު ވަކާލާތު ކުރައްވައިފައެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ބާތިލުކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ވެސް ރިޒާއެވެ. އެ މައްސަލައިގައި ރިޒާ ވަނީ ސުޕްރީމް ކޯޓުގައި ވަކާލާތުވެސް ކުރައްވައިފައެވެ.

އޭގެ އިތުރުން ރިޒާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުގެ މަގާމުވެސް އަދާކުރައްވައިފައެވެ. ނަމަވެސް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްފަހު ޖޭއެސްސީގެ މެމްބަރުކަމުން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭނާ ވަނީ ވަކިކޮށްފައެވެ.