ބޭސް ދީގެން ތަދުކޮށްގެން ވިއްސާ ކުދިންގެ އުމުރުން 12 އަހަރުގައި އެ އުމުރުގެ އެހެން ކުދިންނާ އަޅައި ބަލާއިރު ތައުލީމީ ފެންވަރު ދަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި އަހަރު މި ދިރާސާ ހަދައިފައިވަނީ ނެދަލޭންޑްސްގެ އެމްސްޓަޑާމް ޔުނިވަސިޓީ މެޑިކަލް ސެންޓަރުންނެވެ.
އުމުރުން 12 އަހަރުގެ 226،684 ނެދަލޭންޑްސް ކުދިންގެ އާންމު އަދި ތައުލީމީ ފެންވަރުގެ މައުލޫމާތާއި ޑީއެންއޭ ސާމްޕަލް ނަގައިގެން މި ދިރާސާ ކޮށްފައިވަނީ ނެދަލޭންޑްސްގެ އެމްސްޓަޑާމް ޔުނިވަސިޓީ މެޑިކަލް ސެންޓަރުގައި އަންހެނުންގެ ހާއްސަ އަދި އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރު ވެސެލް ގެންޒަވޫޓް އެވެ. ދިރާސާއާ ބެހޭގޮތުން އިނގިރޭސި ނޫހެއް ކަމުގައިވާ 'ދި ގާޑިއަން ޑޮޓް ކޮމް' އަށް ދިން އިންޓަވިއުއެއްގައި ޑޮކްޓަރު ވެސެލް ވިދާޅުވެފައިވާ ގޮތުން ދިރާސާގައި ބައިވެރިކޮށްފައިވާ ހުރިހާ ކުދިންނަކީވެސް މާބަނޑުއިރު އަދި ވިހެއުމުގެ ތެރޭގައިވެސް އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ ދުޅަހެޔޮ ކުދިންނެވެ. ހުރިހާ ކުދީންވެސް އުފަންވެފައިވަނީ ބަނޑުގައި 37 ހަފުތާ އާއި 42 ހަފުތާއާ ދެމެދުގެ މުއްދަތެއް ފުރިހަމަކޮށްފައި ކަމަށްވެސް ޑޮކްޓަރ ވެސެލް ވަނީ ވިދާޅުވެފައެވެ.
މިދިރާސާއިން އިތުރަށް ދައްކައިފައިވާ ގޮތުގައި ބަނޑަށް 41 ހަފުތާ ވުމުގެ ކުރިން އިންޑިއުސް ކޮށްގެން ވިއްސާފައިވާ ހުރިހާ ކުދިންވެސް އުމުރުން 12 އަހަރުގައި އެކުދިންގެ އުމުރުފުރާގެ އެހެން ކުދިންނާ އަޅައި ބަލާއިރު ތައުލީމީ ގޮތުން ހޯދައިފައިވާ ނަތީޖާ އެވްރެޖު ގޮތެއްގައި 1 އިންސައްތަ ދަށެވެ. މި ނަތީޖާއަކީ މާބޮޑު ފަރަގެއް ހުރި ނަތީޖާއެއް ކަމުގައި ނުދެއްކި ނަމަވެސް ކުރިއަށް އޮތް ތަނުގައި އިންޑިއުސްކޮށްގެން ވިއްސާ ކުދިންގެ އަދަދު އިތުރުވުމާއެކު ކުދިންގެ ތައުލީމީ ފެންވަރު މިހާރު ހުރި މިންވަރަށްވުރެން ދަށްވުން އެކަށީގެންވާ ކަމަށްވެސް މިދިރާސާއިން ވަނީ ދައްކާފައެވެ.
ދިރާސާއާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރ ވެސެލް ވިދާޅުވެފައިވާ ގޮތުގައި ނެދަލޭންޑްސް އަށް އެކަނި ބެލި ކަމުގައިވީ ނަމަވެސް އެގައުމުގެ ޕްރައިމަރީ ސްކޫލް ނިމޭ އުމުރަކީ 12 އަހަރު ކަމުގައިވާއިރު، ސެކަންޑަރީ ސްކޫލަށް ވަނުމަށް އޮންނަ މިންގަނޑަށް ނުފެތޭ ގިނަ ކުދީންނަކީ އިންޑިއުސްކޮށްގެން ވިއްސާފައިވާ ކުދިންނެވެ. ނެދަލޭންޑްސްގައި ސެކަންޑަރީ ލެވެލްގައި 3 ގޮތަކަށް ކިޔަވައިދޭއިރު ދަރިވަރުން ސެކަންޑަރީ ސްކޫލުގައި ކިޔަވަން ޖެހޭ ގޮތެއް ނިންމަނީ ނެގޭ އިމްތިހާނަކުން ނިކުންނަ ނަތީޖާއިންނެވެ. މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އިންޑިއުސްކޮށްގެން ވިއްސާފައިވާ 10 އިންސައްތަ ކުދިންނަކީ ސެކަންޑަރީ ސްކޫލުގެ މެދު މިންގަނޑު ނުވަތަ އެއަށްވުރެން ދަށް މިންގަނޑު އިހުތިޔާރު ކުރުމަށް ސްކޫލްތަކުން ލަފާދީފައިވާ ކުދިންނެވެ.
ކުދިންގެ ކިޔެވުން ދަށްވާ ސަބަބާއި އިންޑިއުސް ކޮށްގެން ވިއްސުމާ ހުރި ގުޅުން ކަމަށް ދިރާސާކުރި ޓީމުން ލަފާކޮށްފައިވަނީ ކުދިން ބަނޑުގައި އުފެދި ބޮޑުވާން ޖެހޭ މިންވަރަށް ބޮޑު ނުވަނީސް އިންޑިއުސް ކުރުމުގެ ސަބަބުން ވިހާފައިވާތީއެވެ. މިއީ ދުވަސް ނުފުރާ ވިހާފައިވާ ކުދިންތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރ ވެސެލް ވިދާޅުވެފައިވަނީ އެކަމާ މެދު ގޮތެއް ނިންމަން އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށެވެ. ބައެއް ކުދިން ބަނޑުގައި 36 ހަފުތާއިން ފުރާ ފުރިހަމަވާއިރު ބައެއް ކުދިން ފުރާ ފުރިހަމަ ވަނީ 42 ހަފުތާއިން ކަމަށް ބައެއް ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ޑޮކްޓަރ ވެސެލް ވަނީ ވިދާޅުވެފައެވެ.
އިންޑިއުސް ކުރުމާއި ގުޅޭ ގޮތުން ޑޮކްޓަރު ވިދާޅުވެފައިވަނީ އިންޑިއުސް ކުރާ ކޮންމެ ފަހަރަކު އެކަމުން ފައިދާ އާއި ގެއްލުން މަންމަގެ އިތުރުން ދަރިފުޅަށްވެސް ވާ ކަމަށެވެ. އެހެން ކަމުން މަންމަ ނުވަތަ ދަރިފުޅަށް ގުދުރަތީ ގޮތުން ތަދުވެގެން ވިހަންދެން މަޑުކުރުމަކީ މައިމީހާ ނުވަތަ ދަރިފުޅަށް ގެއްލުންވާ ހާލަތެއް މެދުވެރި ކުރުވަފާނެ ކަމެއް ނަމަ އިންޑިއުސް ކުރުމަކީ ކުރުން ރަނގަޅު ކަމެއް ކަމަށް ޑޮކްޓަރ ވެސެލް ވިދާޅުވިއެވެ. އެހެން ނަމަވެސް ބައެއް ޑޮކްޓަރުން ބަނޑުގައި ދަރިފުޅު 36 ހަފުތާ ވުމުން އިންޑިއުސް ކޮށްގެން ވިހެއުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި އެއީ އެކަން ކުރުން އެންމެ ރަނގަޅު ގޮތް ނޫން ކަމަށްވެސް ޑޮކްޓަރ ވެސެލް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގައި ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުން އެ ގައުމުގައި ވިހޭ ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކީ އިންޑިއުސް ކޮށްގެން ވިއްސާފައިވާ ކުއްޖެކެވެ. އިންޑިއުސް ކޮށްގެން ވިއްސުމަކީ މިހާރު ދިވެހިންގެ މެދުގައިވެސް މަގުބޫލުވަމުން އަންނަ ކަމެކެވެ.