ކުރިމިނަލް ކޯޓުގެ ދެ އިމާރާތުގެ ތެރެއިން އެއް އިމާރާތް ބޭނުންކުރުން ހުއްޓާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނީ، ކުރިމިނަލް ކޯޓުގެ ހަތަރުބުރީގެ އިމާރާތަކީ ވަރަށް ބޮޑަށް ބާވެފައިވާ އިމާރާތަކަށްވުމުން މިއަދު އިމާރާތުގެ އިސްޕެކްޝަނެއް ހަދާފައިވާ ކަމަށެވެ. އެ އިންސްޕެކްޝަނަށްފަހު ކުރިމިނަލް ކޯޓު ހިންގާ އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫން ކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ އިމާރާތް ބޭނުންކުރުން ރައްކާތެރިނުވާތީ ކުރިމިނަލް ކޯޓު ވަގުތީގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަމާއި، އެކަންކަން ނިމެންދެން އެ ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި، ޝަރީއަތްތައް އޮންލައިންކޮށާއި، "ވޯކް ފްރޮމް ހޯމް" އުސޫލުގެ ދަށުން މުވައްޒަފުން މަސައްކަތް ކުރަންޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން ކުރިމިނަލް ކޯޓުން ބޭނުންކުރަމުންދާ އެކްސްޓެންޝަން އިމާރާތުގައި ކުރެވެން ހުރި މަސައްކަތްތައް އަލުން ތަރުތީބުކޮށް ހުއްޓާނުލައި ކުރިއަށްގެންދިއުމަށާއި ކްރިމިނަލް ކޯޓު ހިންގަމުންދާ ދެ އިމާރާތުގެ ތެރެއިން ހަތަރުބުރީގެ ބާ އިމާރާތް ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.