މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއެކު ކޯލިޝަން ހެދުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީފުޅަށް އަވަސް ޖަވާބެއް ދެއްވުމަށް ދެ ޕާޓީން މާދަމާ މަޝްވަރާތައް ފެށުމަށް ނިންމައިފިއެވެ.

އެމްޑީއޭ އިން މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގައި އެޕާޓީން ކޯލިޝަނަކާއެކު ކުރިއަށްދިއުމަށް ވަނީ ނިންމައިފައެވެ. އަދި ކޯލިޝަން ހެދުމުގެ ހުރިހާ ބާރެއް ޕާޓީގެ ރައީސް، ސިޔާމަށް ދެއްވުމަށް ވެސް ގައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ކޯލިޝަން ހެދުމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީން އެކަންކަމުގެ މައުލޫމާތު ސިޔާމަށް އަރުވުމަށް ވެސް ވަނީ ނިންމައިފައެވެ.

އެ ކޮމިޓީގެ މުގައްރިރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު، މިރޭ "ވަން" އަށް ވިދާޅުވީ ރައީސްގެ ސިޓީފުޅަށް އަވަސް ޖަވާބެއް ދިނުމަށްޓަކައި އެމްޑީއޭ އިން އެކުލަވާލި ކޮމިޓީ އާއި ރައީސް ސޯލިހުގެ ޓީމާއެކު މާދަމާ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށެވެ.

އެ ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ މާދަމާ މެންދުރު 12:30 ގައި ސަން ސިޔާމް އޮފީހުގައެވެ. އެ ބައްދަލުވުމުގައި އެމްޑީއޭގެ ފަރާތުން ފަސް މެންބަރުންގެ ކޮމިޓީ ބައިވެރިވާ އިރު، ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.

އެމްޑީއޭ އިން މިއަދު ބޭއްވި ބައްދަލުވުމުގައި ސިޔާމް ވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހާއި އިގުތިސާދީ ހާލަތު އަދި ދުނިޔޭގެ އިގުތިސާދީ ހާލަތަށް ބަލައި އިރު، މިވަގުތު ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވަން ފެނިވަޑައިގަންނުގަންނަވާކަން ފާހަގަކުރައްވައި، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވުމަށް ނިންމަވައިފައެވެ. އަދި އަންނަ ހުކުރު ދުވަހު ގައުމީ މަޖިލީހުގެ އިތުރު ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފައެވެ.

ކޯލިޝަން ހެދުމަށް އެމްޑީއޭގެ އިތުރުން ރައީސް ދައުވަތު އެރުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށެވެ. އެމްޑީއޭ ފިޔަވައި، ދެން ހިމެނޭ ޕާޓީތަކަކީ މިހާރު ވެސް ކޯލިޝަން ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ޕާޓީތަކެވެ.

އަދާލަތުން މިއަދު ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް ސޯލިހަށް ތާއީދުކުރަން ނިންމައިފައެވެ. ޖޭޕީން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބާއްވާ އެ ޕާޓީގެ ގައުމީ ޖަލްސާގައެވެ.