ދައުލަތުގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ސަރުކާރަށް ދީފައިވާ ލަފާ ތަންފީޒު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ ބަހުސް ހޫނުވެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބުދުﷲ ގެ ނަން އިއްވައި މަޖިލިސް ތަޅުމުން ބޭރު ކޮށްފިއެވެ.
އެ ގަރާރުގައި ބުނެފައިވަނީ، ދައުލަތުގެ ދަރަނީގެ ހާލަތު ހުރި ގޮތާއި، ދަރަނިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައިވާ ގޮތާއި، އަދި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމާއި، ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ސަރުކާރަށް މަޖިލީހުން ދީފައިވާ ލަފަޔާ އެއްގޮތަށް ސަރުކާރުން ކަންތައް ކުރަމުން ނުދާ ކަމަށެވެ.
އެހެންކަމުން އެ ރިޕޯޓުގައިވާ ގޮތަށް ކަންތައްތައް ކުރުމަށް އީވާގެ ގަރާރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ގޮވާލައިފައެވެ.
މި ގަރާރު ހުށަހަޅުއްވަމުން އީވާ ދެއްކެވި ވާހަކައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރު ހިންގެވުމަށް ގެންގުޅުއްވާ އެ މަނިކުފާނުގެ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
މި ގަރާރުގެ ބަހުސް ދޭތެރެ ދޭތެރެއިން ހޫނުވެގެން ދިޔަ ނަމަވެސް، މެންބަރު ޔައުގޫބު މަޖިލިސް ތަޅުމުން ނެރޭ ހިސާބަށް ދިޔައީ، މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
އިލިޔާސް ލަބީބު ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދެއްކޭ ވަރަށް ދަރަނި ނެގުމުގެ ސަބަބުން ދައުލަތް ދަރަނިވެރިވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، ހަތް ޕަސެންޓްގެ އިންޓްރެސްޓުގައި ސަނީސައިޑް ބޮންޑުގެ ގޮތުގައި 250 މިލިޔަން ޑޮލަރު ނަގައިގެން އެކަމާ ދެކޮޅަށް އެމްޑީޕީން މުޒާހުރާ ކުރި ކަމަށައި، ނަމަވެސް ރައީސް އިބްރާހިމް މުހއްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން، 2021 އަހަރު 10 ޕަސެންތް ރޭޓްގައި 200 މިލިއަން ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަމިއްލަ ވިޔަފާރިތައް ކުރިއެވުމަށް ބޭންކުތަކުގައި ހުރި ފައިސާ އާއި، ޕެންޝަން ފަންޑުން އެކި ނަންނަމުގައި ދައުލަތް ހިންގުމަށް ސަރުކާރުން ފައިސާ ނަގަމުންދާ ކަމަށްވެސް ތުހުމަތު ކުރިއެވެ.
ދަރަނި ދެއްކުމަށް ފައިސާ ހޯދުމަށްޓަކައި، ޓެކްސް ބޮޑުކޮށްފައި ވާތީ، އިލިޔާސް ލަބީބު ވިދާޅުވީ، ޖީއެސްޓީ ބޮޑުކުރުމުން ތަކެތީގެ އަގު މާބޮޑު ތަން މައްޗަށް ނުދާނެ ކަަމަށް ސަރުކާރުން ބުނި ނަމަވެސް ތަކެތީގެ އަގު ބޮޑުވާވަރު ރައްޔިތުން ޖީބުތަކަށް އެނގޭ ކަމަށާއި، ހަމަ އެގޮތަށް ތަކެތީގެ އަގު ބޮޑުވިވަރު މެންބަރު ޔައުގޫބުގެ ދާއިރާގެ ރައްޔިތުންނަށް އެނގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެ ހިސާބުން މަޖިލިސް ތެރޭގައި އަޑުގަދަވިއެވެ. ޖަލްސާގެ ރިޔާސަތުން މަޖިލިސް ރައީސް، ގަވާއިދަށް ހުރުމަތްތެރިކޮށް ހިދުމަށް ޔައުގޫބަށް އަންގަވަން ފެއްޓެވިއެވެ. އިރުކޮޅެއް ވަންދެން އެގޮތަށް އެންގެވުމަށްފަހު، ނަން އިއްވަވައި މަޖިލިސް ތަޅުމުން ނިކުންނެވުމަށް މަޖިލިސް ރައީސް ޔައުގޫބަށް އެންގެވިއެވެ.
އޭގެ އިރުކޮޅެއް ފަހުން ޖަލްސާގެ މާލަން ދޫކުރައްވައި ޔައުގޫބު ނިކުންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު