ގެދޮރުވެރިޔާ ޕްރޮގުރާމުގެ ދަށުން ބިމާއި ފުލެޓުދޭނެ ފަރާތްތައް ކަނޑައަޅައި އިވެލުއޭޓު ކުރުމަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓުކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި "ގެދޮރުވެރިންގެ ކޮމިޓީ"ގެ ނަމުގައި ކޮމިޓީއެއް އުފައްދާފައިވާ ކަމަށެވެ.

  • އަކްރަމް ކަމާލުއްދީން، މއ. އެވަރެސްޓް (ޗެއާޕާސަން)
  • އަނަސް އަބްދުއްސައްތާރު، މ. ބަޑިކުޅިމާގެ (ކޯ-ޗެއާޕާސަން)
  • މަރިޔަމް ނާޒިމާ، މއ. އެރިޒޯނާ
  • އައިޝަތު ރަޝީދާ، ހ. ރެޖީނާ ހައުސް
  • އަމުހައްމަދު އާރިފް، ހއ. އިހަވަންދޫ ނެދުންގެ

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅާފައެވެ. މި ފޯމުތައް ތިން މަސް ދުވަސްތެރޭގައި އިވެލުއޭޓުކޮށް ނިންމާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލައިފައިވާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ވަނީ ކުރިމަތިލާފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6،208 މީހުންނެވެ.

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި ހަދަމުން އަންނަނީ 4,000 ފްލެޓެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ އާއި އެންބީސީސީއާ އެވެ. ކޮންމެ ކުންފުންޏަކާވެސް ހަވާލުކޮށްފައި ވަނީ 2,000 ފްލެޓްގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 13 ޓަވަރެއްގެ މަސައްކަތް އެއްކޮށް ނިންމައި, އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް ދިރިއުޅެވެން ފެށޭނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެއީ 1,624 ފްލެޓެވެ. މީގެ ތެރެއިން 12 ވަނަ ޓަވަރުގެ ދެ އެޕާޓުމަންޓެއްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާފައެވެ.

މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ފްލެޓު ލިބޭ މީހުންނަށް އެކަމުގެ ލިޔުން ހަވާލުކުރާނެ ކަމަށެވެ.