މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ ކުޅުނު ތ. އަތޮޅު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ، ތިމަރަފުއްޓާއި ކިނބިދޫން އެ އަތޮޅުގެ ފައިނަލް ޔަގީންކުރި އިރު، ކ. އަތޮޅު ސެމީ ފައިނަލުގެ ފަހު ޖާގަ ކާށިދޫން ހޯދައިފިއެވެ.
ރެހެންދި ދަނޑުތަކުގައި މުބާރާތުގެ އަތޮޅު ބުރުގެ ފޯރިގަދަ މެޗުތައް ކުރިއަށްދާ އިރު، ރޭވެސް 8 މެޗެއް އޮތީ ޝެޑިއުލްކުރެވިފައެވެ. އެހެންނަމަވެސް ރޭ ފެނިގެން ދިޔައީ ހަތް މެޗުގެ ކުޅުމެވެ. އެއީ ގދ. ވާދޫއާއި ތިނަދޫ ވާދަކުރަން އޮތް މެޗަށް، ތިނަދޫ ޓީމު ހާޒިރު ނުވުން، އެ މެޗު 2-0 ގެ ނަތީޖާއަކުން ވާދުއަށް ލިބުމުންނެވެ.
ގދ. އަތޮޅުގެ ފައިނަލަށް ވާދޫ އެއްވަނައިގައި ދިޔަ އިރު، ފައިނަލްގެ ދެވަނަ ޖާގަ ރޭ ގައްދޫން ޔަގީންކުރި 3-2 އިން މަޑަވެލި ބަލިކޮށްފައެވެ. މަޑަވެލި ކޮޅަށް ގައްދޫގެ ގޯލުތައް ޖެހީ އާލިމް އަބްދުލް އަޒީޒާއި ޝާރިގް އިބްރާހިމް ރަޝީދު އަދި މިރާސް މުހައްމަދު ޒުހެއިރެވެ. މަޑަވެލީގެ ދެގޯލު ޖެހީ އަހުމަދު ސިނު މަހުމޫދެވެ.
ރޭ ކުޅުނު ތ. އަތޮޅުގެ ސެމީ މެޗުތަކަށް ބަލާއިރު، ކިނބިދޫން އޮމަދޫ ބަލިކުރީ ފަހަތުން އަރައި، 2-1 ގެ ނަތީޖައަކުންނެވެ. މެޗު ފޯރިގަދަކޮށް ނިމިގެން ދިޔަ އިރު، ކިނބިދޫން މެޗު އަނބުރާލީ ފަހު ވަގުތުގައެވެ.
އަހުމަދު ނަޝްވާންގެ ގޯލުން އޮމަދޫ ލީޑު ނަގައި ކުޅެމުން ދަނިކޮށް، ފަހު ހާފުގައި އަހުމަދު ހަމްދާން ވަނީ ކިނބިދުއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ކިނބިދޫން މޮޅުވި ގޯލަކީ އޮމަދޫގެ މުހައްމަދު އަލާއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަލާއު އަތުން އެގޯލު ބައިކޮޅަށް ވަނީ ކިނބިދޫގެ މުހައްމަދު ސަހާއު (ބޭލް) ޖެހި ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގައެވެ.
އެ އަތޮޅުގެ އަނެއް ސެމީ ފައިނަލް މެޗުގައި އެންމެފަހުން ދެ އަހަރުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރި ތިމަރަފުށިން ވަނީ 2-0 އިން ވޭމަންޑޫ ބަލިކޮށްފައެވެ. މެޗުގައި ތިމަރަފުށިން ގިނަ ހަމަލާތައް އުފައްދައި ކުޅެފައިވާ އިރު، އެޓީމުގެ ގޯލުތައް ޖަހައިދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އާއި އިސްމާއިލް މުނީޒެވެ.
ރޭ ކާށިދޫގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅެފައިވާ އިރު، ހިންމަފުއްޓާއި ކާށިދޫ ވާދަކުރި މެޗުން ކާށިދޫ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ. ދަނޑުގެ ލައިޓް ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން މެޗު ވަގުތުކޮޅަކަށް މެދު ކަނޑާލަން ޖެހުނު އިރު، މެޗުގައި ކާށިދޫގެ ގޯލުތައް ޖެހީ ކެޕްޓަން އަބްދުﷲ ސުޒޭރާއި އިބްރާހިމް ހަލީމް، އިލްވާން މުހައްމަދު އަދި އަބާން މުހައްމަދެވެ. ހިންމަފުށީގެ ގޯލުތައް ޖެހީ ހުސެއިން ނާފިޒް އާއި އަތުޝާން އިބްރާހިމެވެ.
ރޭގެ މެޗަށް ނުކުތް އިރު، ކ. އަތޮޅު ސެމީ ޖާގަތަކުން ބާކީ އޮތީ އެންމެ ޖާގައެކެވެ. ރޭގެ ނަތީޖާއާއެކު ގާފަރާއި ކާށިދޫ ސެމީގައި ކުޅޭ އިރު، އަނެއް ސެމީ މެޗުގައި ދިއްފުށިން ނުކުންނާނީ މަފުށްޓާ ދެކޮޅަށެވެ.
ޅ. އަތޮޅުން މިފަހަރުވެސް މުބާރާތުގައި ދެޓީމުން ބައިވެރިވެފައިވާ އިރު، އެ އަތޮޅު ޗެމްޕިއަންކަން ކަނޑައަޅާނީ ދެ ލެގުގެ ފައިނަލަކުންނެވެ. ރޭ ފުރަތަމަ ލެގުގެ މެޗުގައި ކުރެންދޫން ހިންނަވަރު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ކުރެންދޫގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި އަބްދުލް ވާހިދު (ވާޑު) ދިން ބޯޅައަކުން އަހުމަދު މާދިހެވެ.
އެ މެޗުތަކުގެ އިތުރުން ރޭ ދެން ކުޅުނީ ލ. އަތޮޅު ލީގު ބުރުގެ ފަހު މެޗުތަކެވެ. ރޭ ލ. އަތޮޅުގައި ކުޅުނު ދެމެޗަށް ނުކުތް އިރުވެސް ގަމާއި އިސްދުއަށް ފައިނަލް ޔަގީންވެފައި އޮތް އިރު، ރޭ އެދެޓީމުން ވާދަކުރި ލީގު ބުރުގެ މެޗު ގަމުން ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
މެޗުގައި އަލީ ސާމިސް (ތޮއްޕެ) ދެ ގޯލު ޖެހި އިރު، އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ހުސެއިން ނާޝިދު (ނާއްޓޯ) ވަނީ ގޯލު ޖަހައިފައެވެ. އެ އަތޮޅުގައި ރޭ ކުޅުނު އަނެއް މެޗުގައި މާމެންދޫން ވަނީ 3-1 އިން ކަލައިދޫ ބަލިކޮށް، މޮޅަކާއެކު މުބާރާތް ނިންމާލައިފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
20:00 ފ. މަގޫދޫ - ފ. ނިލަންދޫ (ގްރައުންޑް 1)
20:00 ފ. ދަރަނބޫދޫ - ފ. ބިލެއްދޫ (ގްރައުންޑް 2)
21:00 ރ. ދުވާފަރު - ރ. އިނގުރައިދޫ (ގްރައުންޑް 1)
21:00 ރ. އަލިފުށި - ރ. މީދޫ (ގްރައުންޑް 2)
22:00 އއ. ފެރިދޫ - އއ. ތޮއްޑޫ (ގްރައުންޑް 1)
22:00 އއ. ބޮޑުފޮޅުދޫ - އއ. ރަސްދޫ (ގްރައުންޑް 2)
23:00 ބ. ފެހެންދޫ - ބ. ކެންދޫ (ގްރައުންޑް 1)
23:00 ބ. އޭދަފުށި - ބ. ތުޅާދޫ (ގްރައުންޑް 2)