ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި އެންމެފަހުން ޗެމްޕިއަން ރެއާލް މެޑްރިޑުން، ލިވަޕޫލް ބަލިކޮށްފިއެވެ.
ލިވަޕޫލްގެ ތާރީހީ އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު ޝައުގުވެރި މެޗުގައި ރެއާލްއިން ލިވަޕޫލް ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލުން ދެ ގޯލު ޖަހައި ލީޑުގައި އޮއްވައި، ރެއާލްވަނީ މެޗުގެ ނަތީޖާ އަނބުރާލައި، ފަސް ގޯލު ޖަހައިފައެވެ.
މިދިޔަ ހަ ސީޒަނުގެ ތެރޭގައި ޗެމްޕިއަންސް ލީގު ނޮކްއައުޓް މެޗުތަކުގައި ލިވަޕޫލާއި ރެއާލް ވަނީ ހަތަރު ސީޒަނެއްގައި ވާދަކޮށްފައެވެ. އޭގެ ތެރެއިން ދެ ފަހަރަކީ ފައިނަލްގައި ވާދަކުރި ދެފަހަރެވެ. މިދިޔަ އަހަރުގެ އިތުރުން 2017-18 ވަނަ އަހަރުގެ ސީޒަނުގެ ފައިނަލްގައިވެސް ލިވަޕޫލް ވަނީ ރެއާލް އަތުން ބަލިވެފައެވެ. އެހެންކަމުން ރޭގެ މެޗު ވެގެންދިޔައީ ގަދަ 16 ގައި ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ މެޗަކަށެވެ.
އެންމެފަހުން ފައިނަލްގައި ވާދަކުރި ދެޓީމުގެ ކުރިމަތިލުން ރޭ ވަރުގަދަކޮށް ފެށީ ލިވަޕޫލުންނެވެ. މުހައްމަދު ސަލާހް ހުރަސްކޮށްލި ބޯޅަ، ފްލިކަކުން ގޯލަށް ވައްދާލައި ލިވަޕޫލަށް ލީޑު ނަގައިދިނީ ޑާވިން ނުނޭޒެވެ. އަދި އެ ގޯލަށް މާ ގިނައިރެއް ނުވެ، މެޗުގެ 14 ވަނަ މިނެޓުގައި ލިވަޕޫލުން ދެވަނަ ގޯލެއް ޖެހިއެވެ. އެ ގޯލަކީ ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ އަތުން ހެދުނު ގޯހެއްގެ ބޭނުން ހިފައި ސަލާހް ޖެހި ގޯލެކެވެ.
އޭގެ ފަހުންވެސް ސަލާހަށް ދެ ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔަ އިރު، އަނެއްކޮޅުން މޮޅު ހުނަރަކާއެކު ވިނީޝިއަސް ޖޫނިއާ ރެއާލްގެ ފުރަތަމަ ގޯލު ޖެހީ 21 ވަނަ މިނެޓުގައެވެ. ލިވަޕޫލް އޭރިއާ ތެރެއަށް ވަދެ، ޑިފެންޑަރު ނައްޓާލައި، ވިނީޝިއަސް ގޯލް ޖެހީ ސީދާ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ރެއާލްއިން ހިތްވަރު ހޯދައި، ހާފު ނިންމާލީ ވިނީޝިއަސްގެ އިތުރު ގޯލަކުން ނަތީޖާ ހަމަހަމަކޮށްގެންނެވެ. 36 ވަނަ މިނެޓުގައި ވިނީޝިއަސް ޖެހި ގޯލަކީ އެލިސަން ބެކާ ފަހަތުން ޖަހަން މަސައްކަތް ކުރި ޕާހެއް ނާކާމިޔާބުވެ ވަން ގޯލެކެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ދެޓީމު އެއްވަރުވެފައި އޮތް އިރު، ފަހު ހާފުގައި ގޯލުތަކެއް ފެންނާނެކަމަށް އުންމީދު ކުރެވުނެވެ. މެޗުގެ އޮއިވަރުން އެކަމަށް އިންތިޒާރުގައި ތިއްބާ، ފަހު ހާފުވީ ރެއާލްގެ ފެންވަރު ދައްކާލި ހާފަކަށެވެ. މެދުތެރެއިން ލޫކާ މޮޑްރިޗާއި ފެޑަރީކޯ ވަލްވާޑޭ، މެޗުގެ ކޮންޓްރޯލް ހޯދައި ކުޅެން ފެށިއެވެ. ރަނގަޅު ޕާސްތައް ޖަހައި ރެއާލްއިން ކޮންޓްރޯލް ކުރި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ރެއާލް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.
އަރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި މޮޑްރިކް ނެގި ބޯޅަ ބޮލުން ގޯލަށް ވައްދާލީ އެޑާ މިލިޓާއޯއެވެ. އޭގެ ހަތް މިނެޓް ފަހުން ކަރިމް ބެންޒެމާ ޖެހި ބޯޅައެއް ލިވަޕޫލްގެ ޖޯ ގޮމޭސް ގައިގައި ޖެހި ރިފްލެކްޓް ވެގެން ގޯލަށް ވަން އިރު، ބެންޒެމާ ރެއާލްގެ ފަސްވަނަ ގޯލު ޖެހީ 67 ވަނަ މިނެޓުގައެވެ. ވިނީޝިއަސްގެ ހިތްގައިމު ޕާސް، ބެންޒެމާ އޭރިއާ ތެރެއިން ހޯދައި ގޯލަށް ވައްދާލީ އެލިސަން ނައްޓާލުމަށްފަހު ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.
ދެޓީމުން ޗެމްޕިއަންސް ލީގު ގަދަ 16 ގައި ރެއާލް ދަނޑުގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ.
ޗެމްޕިއަންސް ލީގު ގަދަ 16 ގެ އިތުރު މެޗެއްވެސް ރޭ ކުޅެފައިވާ އިރު، އެ މެޗުގައި ނަޕޯލީން ވަނީ ފްރޭންކްފާޓް ދަނޑުގައި އެޓީމު ބަލިކޮށްފައެވެ. ފުރަތަމަ ލެގުގައި ރޭ ނަޕޯލީން ފްރޭންކްފާޓް ބަލިކުރީ ވިކްޓާ އޮސިމްހެންއާއި ޑި ލޮރެންޒޯ ޖެހި ގޯލުތަކުންނެވެ. މެޗުގައި ފްރޭންކްފާޓްގެ ރަންޑަލް ކޯލޯ މުއާނީއަށް ރަތް ކާޑު ދައްކާފައިވާ އިރު، ފުރަތަމަ ހާފްގައި ނަޕޯލީގެ ކަވަރަޓްޝޭލިއާ އަތުން ޕެނަލްޓީއެއް ނާކާމިޔާބުވެފައިވެއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު