އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މައްސަލައިގެ ޝަރީއަތް އަންނަ ހަފުތާގައި ބާއްވަން ސިވިލް ކޯޓުން ތާވަލުކޮށްފިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ރައީސް ސޯލިހު ވަނީ ނަޝީދާ ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރައްވައިފައެވެ. އެ އިންތިހާބުގައި ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ.
ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވުމަށާއި ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ނަޝީދުގެ ފެކްޝަނުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ޕޮލިސް ބޯޑުގެ މެމްބަރެއް ކަމަށްވާ ހާމިދު އަބްދުލްޣަފޫރެވެ. އޭނާ ހުށަހެޅުއްވި އެ މައްސަލައިގައި ވަކާލަތު ކުރައްވާނީ ނަޝީދުގެ ސަރުކާރުގައި އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ދިޔާނާ ސައީދެވެ.
ދިޔާނާ "ވަން" އަށް މިއަދު ވިދާޅުވީ އޭނާ މައްސަލަ ހުށަހެޅުއްވީ ތިން މީހެއްގެ ފަރާތުން ކަމަށާއި އޭގެ ތެރެއިން އެކަކުގެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.
"ތިން މީހުންގެ ތެރެއިން އެކަކުގެ މައްސަލަ ބަލައިގަނެ މިމަހުގެ 28 ވަނަ ދުވަހަށް ވަނީ ތަވާލުކޮށްފަ" ދިޔާނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަނެއް ދެ މައްސަލަ ތާވަލު ނުކުރެވި ލަސްވަނީ ކޯޓުގެ ފަރާތުން އެޑްމިނިސްޓްރޭޓިވް މައްސަލައެއް ކުރިމަތިވެގެން ކަމަށެވެ.
އިންތިހާބު އަލުން ބާއްވައިދިނުމަށާއި ރިޔާސީ ޓިކެޓު ހަވާލުކުރުން ހުއްޓުވުމުގެ އަމުރަކަށް އެދިފައިވަނިކޮށް އެމްޑީޕީން ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު