މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ރޭ ކުޅުނު އަތޮޅު ފައިނަލްތަކުން މޮޅުވެ، ށ. ފޯކައިދުއާއި ހދ. ނައިވާދޫ އަދި ހއ. އުތީމުން އަތޮޅު ޗެމްޕިއަންކަން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނު ފުރަތަމަ ފައިނަލުގައި ވާދަކުރީ ހއ. އުތީމާއި އެ އަތޮޅު ފިއްލަދުއެވެ.
މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާއިރު، އުތީމުން ފުރަތަމަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދީ ފަހަތުން އަރައި 2-1 އިން ފިއްލަދޫ ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ފިއްލަދޫގެ އަބްދުﷲ އިހުވާން (ޑުންގާ) ގޯލު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އުތީމުން ނަތީޖާ އަނބުރާލީ އަހުމަދު އައިހަމާއި ރިޝްވާން އިބްރާހީމް ރަޝީދު ޖެހި ގޯލުތަކުންނެވެ. އުތީމުގެ ދެ ގޯލުވެސް ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ.
ހއ. އަތޮޅުގެ ޗެމްޕިއަންކަން އުތީމުން ހޯދި އިރު، އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއްލަދޫގެ މުހައްމަދު ހުސާމެވެ. ހއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވަށަފަރުގެ ސާޖިދު ރަޝީދު (ސާޖީ)އެވެ.
ނައިވާދުއާއި ނޭކުރެންދޫން ވާދަކުރި ހދ. އަތޮޅުގެ ފައިނަލުވެސް ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. އެ ދެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފޯރިގަދަ މެޗުގައި ނައިވާދޫން 3-1 އިން މޮޅުވެފައި އޮތްއިރު، ރޭގެ ފައިނަލް ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުންނެވެ.
ސަޕޯޓަރުންގެ އަޑު ނުކެނޑި ފެނިގެންދިޔަ ފައިނަލް ފަށައިގެން ދެ ޓީމުންވެސް ދިޔައީ ހަމަލާތައް އުފައްދަމުންނެވެ. ނައިވާދޫގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމީން މުހައްމަދު (ޔާންޓެ)ގެ އިތުރުން އަހުމަދު ހަމީދު (އައްމަޑޭ)ނުރައްކާ މެޗުގެ ފުރަތަމަ ކޮޅުގައި ފެނިގެން ދިޔައިރު، އަނެއްކޮޅުން ޝިފާޒް އާދިލް (ތުއްތު) އާއި މުހައްމަދު ވިލްފްގެ ހަމަލާތައް ފެނުނެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު، ޔާންޓެ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޝާއްޕެ ޖެހި އިރު، ފުރަތަމަ ހާފުގައި ޖެހި އެ ގޯލަކީ ޝާއްޕެ އަތޮޅު ބުރުގައި ޖެހި އަށްވަނަ ގޯލެވެ.
ޝާއްޕެއަކީ ހދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ. ނައިވާދޫން މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވެއެވެ.
ފޯކައިދުއާއި ކަނޑިތީމު ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗު، ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 އިން އެއްވަރުވުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ފޯކައިދޫން މެޗު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗުގައި ކަނޑިތީމުގެ ދެ ގޯލުވެސް ޖެހީ އަތޮޅު ޓޮޕް ސްކޯރާއި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އިބްރާހިމް ނަދާދު (ކުޑައްޓޭ)އެވެ. ފޯކައިދޫގެ ގޯލުތައް ޖަހައިދިނީ ހުސައިން ފަޒީލާއި އިބްރާހީމް މުޝީރެވެ. ޕެނަލްޓީގައި ފޯކައިދޫގެ ގޯލްކީޕަރު އަބްދުﷲ ތޯރިގް ވަނީ ރަނގަޅު ސޭވްތަކެއްކޮށް ތަށި ޔަގީންކޮށްދީފައެވެ.
ހއ. އާއި ހދ. އަދި ށ.ގެ ޗެމްޕިއަނާއި ރަނަރަޕް ދެން ނުކުންނާނީ ޒޯން ބުރަށެވެ. އެ އަތޮޅުތައް ހިމެނެނީ ޒޯން އެކެއްގައެވެ. ޒޯން އެކެއްގެ ގްރޫޕް އެކެއްގައި ހިމެނެނީ ނޭކުރެންދޫ އާއި ނައިވާދޫ އަދި އުތީމެވެ. ޒޯން އެކެއްގެ ގްރޫޕް ދޭއްގައި އޮތީ ފޯކައިދުއާއި ކަނޑިތީމު އަދި ފިއްލަދޫއެވެ.