ހުޅުމާލެއަށް ޑްރަގު ގެންދަން އުޅެނިކޮށް ޖީބުން ޑްރަގު ފެނުނު މައްސަލައިގައި މީހަކު އުމުރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 27 ގެ 17:11 ގައި އދ. މަހިބަދޫ، ރެއްޗަފަރު، އިސްމާއިލް މާޒިން މަސްތުވާތަކެތި ހިފައިގެން ހުޅުމާލެއަށް ދާން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ސިނަމާލެ ބުރިޖު ކައިރިން މާޒިން ހުއްޓުވައި ބަލައި ފާސްކުރި އިރު، އޭނާ ލައިގެން ހުރި ކޯޓުގެ ވައަތްފަރާތު ޖީބުގައި އޮތް ފޮތިކޮޅެއްގެ ތެރޭގައި އޮތް ޓިޝޫތަކެއްގެ ތެރޭގައި އޮތް ދެ ރަބަރު ޕެކެޓުގައި 169.4366 ގްރާމްގެ ކެނިބިސް ހުރުމުން އޭނާގެ މައްޗަށް ދައުލަތުން ކުރި ކެނިބިސް ޓްރެފިކް ކުރުމުގެ ދައުވާއެވެ.

އެ ދައުވާއިން ސަލާމަތްވުމަށް މާޒިން ވަނީ ދައުވާއަށް އިންކާރުކޮށް މަސްތުވާތަކެތި ފެނުނު ކޯޓަކީ އޭނާގެ ކޯޓެއް ނޫން ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދައުވާ ސާބިތުކުރަން ދައުލަތުން ވަނީ ކްރައިމް ސީނަށް ދިޔަ ފުލުހުންގެ ހެކި ބަހާއި މާޒިންގެ ކުޑަކަމުދާތަކެތީގެ ތަހުލީލު ރިޕޯޓް ތައްޔާރުކުރި އޮފިސަރު ހެކީންގެ ގޮތުގައި ހުށަހަޅައިފައެވެ.

ދައުވާއިން ދިފާއުވުމަށް މާޒިންގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅައިފައެއް ނުވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ހެކިތަކުން ކުށް ސާބިތުވާ ކަމަށެވެ. އެހެންވެ، ގާޒީ އިސްމާއިލް ޝަފީއު ކުރެއްވި ހުކުމުގައި ވަނީ އޭނާ 25 އަހަރަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. ނަމަވެސް ހުކުމުގެ ކުރިން އޭނާ ބަންދުގައި ހުރުމުން ތަންފީޒު ކުރަން ބާކީ އޮތީ 24 އަހަރާއި ހަތަރު މަހާއި 13 ދުވަހެވެ.