ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ވިއްކުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
އެކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހިނގާލުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުން ސިޔާސީ ބޭނުމަށްޓަކައި ދިވެހިންގެ ބިންތައް ގާނޫނާ ހިލާފަށް ވިއްކަމުންދާތީ ކަމަށެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މި ހިނގާލުން ބާއްވާނީ ފުލުހުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.
"އަޅުގަނޑުމެން މި ހިނގާލުން ކުރިއަށްގެންދާނަމަ ފުލުހަށްވެސް ހާޒިރުކުރާނެ. އެހެންވީމަ އަޅުގަނޑުމެން މި ހިނގާލުން ކުރިއަށް ގެންދާނީ ފުލުހުންނާ މަޝްވަރާކޮށްފަ. އުއްމީދަކީ މި ހިނގާލުން ބޭއްވުމުގެ ހުއްދަ ފުލުހުންވެސް ދޭނެ ކަމަށް. ކުރިންވެސް މިފަދަ ހިނގާލުމަކަށް ހުއްދަދިން،" އޭނާ ވިދާޅުވިއެވެ.
އިދިކޮޅުން ބިން ވިއްކުމާ ދެކޮޅަށް ހިނގާލުމެއް ބާއްވަން ނިންމާފައިވަނީ ތިލަފުށިން ބޭރުގެ އިންވެސްޓަރުންނަށް ބިން ވިއްކުމަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.
ތިލަފުށިގެ ބެލެނެވެރި ފަރާތްކަމުގައިވާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ތިލަފުށިން ސިނާއީ ބޭނުމަށް ބޭރު ފަރާތްތަކަށް ކުއްޔަށް ބިން ދޫކުރަން ހަމަޖެހިފައިވަނީ ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ޕޮލިސީ ހުއްދަކުރާ ވިޔަފާރިއެއް ކުރާ ކުންފުންޏެއްތޯ ބެލުމަށްފަހު، އެ ކުންފުނިތަކަށް އެކަނި ކަމަށެވެ. އަދި ސިނާއީ ބޭނުމަށް ތިލަފުށިން ދޫކުރާ ބިމުގެ ތެރެއިން ރާއްޖެއިން ބޭރުގެ ކުންފުނިިތަކަށް ގަނެވޭގޮތަށް ކަނޑައަޅާފައިވަނީ މަދު ބިމެއް ކަމަށާއި ތިލަފުށިން އަލަށް ހިއްކައި އިތުރުކުރާ ސަރަހައްދުގެ 90 ޕަސެންޓް ބިން ހާއްސަކޮށްފައިވަނީ ދިވެހި ވިޔަފާރިތަކަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު