މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގާ އޮޕަރޭޝަންތަކަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ގަތް 90.8 މިލިއަން ރުފިޔާގެ ޑީސަލްގެ ތެރެއިން ހިޔާނާތުގެ ގޮތުގައި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ ކަމަށް އޮޑިޓުން ދައްކާފައިވާތީ އެ މައްސަލަ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އޮޑިޓާޖެނެރަލް މިހެން ވިދާޅުވީ، އެމްޕީއެލްގެ ތެރެއިން ހިނގާފައިވާ ތެލާބެހޭ ހިޔާނާތުގެ މައްސަލައިގެ އޮޑިޓާބެހޭގޮތުން، އޮޑިޓާޖެނެރަލް އޮފީހުގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ)އަށް މިއަދު ހާޒިރުކޮށްގެން ކުރިއަށްގެންދިޔަ ބައްދަލުވުމަށް އެކަމާބެހޭ މައުލޫމާތު ދެއްވަމުންނެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވީ ފުލުހުންގެ އިތުރުން އެ މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ޑީސަލް ގަތުމަށް 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް ހިންގާފައިވާ މުއާމަލާތްތައް އޮޑިޓްކުރުމަށްފަހު އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ވަނީ، މާލޭ ކޮމާޝަލް ހާބަރުގައި އެމްޕީއެލުން ހިންގާ އޮޕަރޭޝަންތަކުގެ ބޭނުމަށް އެ މުއްދަތުގެ ތެރޭގައި ޖުމުލަ 8،855،601 ލީޓަރު (90،808،560 ރުފިޔާގެ) ޑީސަލް ގަނެފައިވާ ކަމަށެވެ.
ނަމަވެސް އޭގެ ތެރެއިން 2،824،288 ލީޓަރުގެ ޑީސަލް ނުވަތަ އެ މުއްދަތުގައި އެމްޕީއެލުން ގަނެފައިވާ ޑީސަލްގެ 31.9 ޕަސެންޓަށްވާ ޑީސަލް، އެމްޕީއެލްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އުޅަނދުތަކަށް އެޅުމަށާއި ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންނުކޮށް ގެއްލިފައިވާ ކަމަށާއި އެ ޑީސަލްގެ އަގަށް 28،316،141 މިލިއަން ރުފިޔާ އަރާ ކަމަަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު