ދޮގު މައުލޫމާތު ދިނުމާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާތީ ދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަހުމަދު އާމިރު ދެ ހަފުތާއަށް ސަސްޕެންޑްކޮށްފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އަހުމަދު އާމިރު ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި އެ ރަށު ކައުންސިލް އިދާރާއަށް ހުށަހެޅިއިރު ދޮގު މައުލޫމާތާއި ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާކަމަށެވެ.

ޖޭއެސްސީން ބުނީ އާމިރުގެ އެ އަމަލަކީ، ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުން ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ގަބޫލު ކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ގާނޫނުއަސާސީއާއި ހިލާފަށް އާމިރު އަމަލުކޮށްފައި ވުމުގެ ސަބަބުން މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް އޭނާ އިއްޔެއިން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން ދެ ހަފުތާއަށް މަނާކުރުމަށް ފެންނަކަމަށް މިމަހުގެ އެއްވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ ނުވަވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.