ލ.މާވަށުގެ ދެކުނުން ހަތް ނޯޓިކަލް މޭލު ބޭރުން ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ، އަޑިޔަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ "ނޫރު-2" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަން އަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 07:15 ހާއިރު ކަމަށެވެ. ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި ވަނީ އަޑިއަށް ގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނިން ދަތުރުކުރި ދިވެއްސަކާއި ތިން ބިދޭސީން ކަނޑުމަތިން ނަގާފައިވާ ކަމަށެވެ. އެމީހުން މިހާރު ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. އެ މީހުން ފެނުނީ މާވަށުގެ ދެކުނުން ހަ ނޯޓިކަލް މޭލު ބޭރުން ކޯސްޓުގާޑަށެވެ.

އަލިފާން ރޯވި ދޯނި ދަތުރުކުރަމުންދިޔައީ ރ. ރޮބިންސަން ރިސޯޓަށެވެ.

ސަލާމަތްވި ހަތަރު މީހުންގެ ހާލަތު ބެލުމަށް ގަން ރީޖަނަލް ހޮސްޕިޓަލުގެ މީޑިއާއަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ އިތުރު މައުލޫމާތެއް ނުލިބެއެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދަށް "ވަން" އިން ގުޅުމުން ވިދާޅުވީ، އޮފީހުން ބޭރުގައި އުޅުއްވާތ މިފަދަ ކަމެއް ހިނގި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މިފަދަ ކަމެއް ހިނގާފައިވޭތޯވެސް މިވަގުތު ބައްލަވައިދެއްވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.