މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ މ. އަތޮޅުގެ ސެމީގެ ފަހު ޖާގަތައް މަޑުއްވަރީއާއި މުލިން ހޯދި އިރު، އއ. އަތޮޅުގެ ސެމީގެ ފަހު ޖާގައަށް ފޯރިގަދަވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި މިހާރު ކުރިއަށްދާ އިރު، ރޭވެސް ވަނީ ހަތް މެޗެއް ކުޅެފައެވެ. އޭގެ ތެރޭގައި އއ. އަތޮޅުގެ ލީގު ބުރުގެ ދެމެޗެއްގެ އިތުރުން މ. އަތޮޅު ދެ ގްރޫޕުގެ ދެމެޗު ހިމެނެއެވެ.

އއ. އަތޮޅުން ފަސް ޓީމަކުން މުބާރާތުގައި ވާދަކުރަމުން އަންނައިރު، އެ އަތޮޅުގެ ފައިނަލަށް ޓީމުތައް ދަތުރުކުރާނީ ލީގު ބުރަކުންނެވެ. ރޭގެ މެޗުތައް ނިމުމާއެކު ލީގު ބުރުގައި ބާކީ އޮތީ އެންމެ ދެމެޗެވެ. އެއީ ބޮޑުފޮޅުދުއާއި ރަސްދޫގެ ކުރިމަތިލުމެއްގެ އިތުރުން، ފައިނަލްގެ ޖާގަ ގެއްލިފައި އޮތް ފެރިދުއާއި ތޮއްޑޫގެ ކުރިމަތިލުމެކެވެ.

އއ. އަތޮޅުގެ މަތިވެރި ފައިނަލް ޔަގީން ކޮށްފައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓާ އެކުގައެވެ. އެޓީމާ ދެކޮޅަށް ފައިނަލްގައި ޖެހޭ ޓީމު އެނގޭނީ މިހާތަނަށް ތިން މެޗުން ފަސް ޕޮއިންޓް ހޯދާފައި އޮތް ބޮޑުފޮޅުދުއާއި ރަސްދޫ ކުރިމަތިލާ މެޗަށް ފަހުއެވެ.

ރަސްދޫން ފައިނަލްގެ އުންމީދު ރޭ ހޯދީ 1-0 އިން މަތިވެރި ބަލިކޮށްގެންނެވެ. ރަސްދޫން ރޭގެ މެޗުގައި ޖެހި ހަމައެކަނި ގޯލު އެޓީމަށް ޖަހައިދިނީ އަބްދުﷲ އިބްރާހީމެވެ. ރަސްދޫއަށް ފައިނަލް ޖާގައެއް ވާދަކުރާ ބޮޑުފޮޅުދޫން ރޭ ކުޅުނު މެޗުގައި ފެރިދޫ ކައިރިން 3-0 އިން މޮޅުވި އިރު، ރުހުޝާން ޖަމީލް މެޗުގައި ދެ ގޯލު ޖެހިއެވެ. އެޓީމުގެ އަނެއް ގޯލު ޖަހައިދިނީ ޖާދުﷲ އަހުމަދެވެ.

ބޮޑުފޮޅުދޫއާއި ރަސްދޫ ވާދަކުރާ ގްރޫޕްގެ ފަހު މެޗު އެއްވަރުވެއްޖެ ނަމަ، ފައިދާ ގޯލުގެ ތަފާތުން ފައިނަލަށް ދާނީ ބޮޑުފޮޅުދޫއެވެ.

މ. އަތޮޅުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ރޭގެ މެޗުތަކަށް ދިޔަ އިރުވެސް ގްރޫޕް އެކަކުން ސެމީއަށް ދާނެ ޓީމުތައް އޮތީ ޔަގީން ވެފައެވެ. ތިން ޓީމު ހިމެނޭ އެ ގްރޫޕުން ދިއްގަރާއި ނާލާފުށި ސެމީ ފައިނަލް ޔަގީން ކޮށްފައި އޮވެ ރޭ ނުކުތީ ގްރޫޕް އެއްވަނަ ކަށަވަރު ކުރުމަށެވެ.

ރޭގެ މެޗުގައި ނާލާފުށިން ދިއްގަރު 2-1 އިން ބަލިކޮށް، ގްރޫޕް އޭގެ އެއްވަނަ ހޯދި އިރު، އެޓީމުގެ ގޯލުތައް ޖަހައިދިނީ އަހުމަދު ރަފާހާއި މޫސާ ނިސާނެވެ. ދިއްގަރުން ރޭގެ މެޗުން ޕޮއިންޓެއް ހޯދަން ކުރި މަސައްކަތުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު މިދުހަތު މަހުމޫދެވެ.

މ. އަތޮޅު ގްރޫޕް ދޭއްގެ ފަހު މެޗު ރޭ ކުޅެފައިވާ އިރު، އެ މެޗަށް ނުކުތް އިރު، ގްރޫޕުގެ އެއްވެސް ޓީމަކަށް އޮތީ ސެމީ ޔަގީން ނުވެއެވެ. ތިން ޓީމަށްވެސް ސެމީގެ ފުރުސަތު އޮތް އިރު، އެ އަތޮޅުގެ ސެމީގެ ޖާގަތައް ޔަގީންވީ ފައިދާ ގޯލުގެ ފަރަގުންނެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކުންވެސް މޮޅެއް ހޯދާފައި އޮތް އިރު، މުއްޔަށް އެއްވަނަ ލިބެނީ ޖެހި ގޯލަށް ބަލައިގެންނެވެ. ފައިދާ ގޯލުން މުއްޔާއި މަޑުއްވަރު އޮތީ އެއްވަރުވެފައެވެ.

ތިންވަނައަށް ދިޔަ ކޮޅުފުއްޓަށް ތިން ޕޮއިންޓް ލިބުނު ނަމަވެސް، ކެޓީ ގެއްލުން ގޯލަކާއެކު އޮތުމުންނެވެ.

މަޑުއްވަރީން ސެމީގެ ޖާގަ ޔަގީންކުރީ ރޭ ކުޅުނު މެޗުގައި 2-0 އިން މުލި ބަލިކޮށްގެންނެވެ. މެޗުގައި މަޑުއްވަރީގެ ގޯލުތައް ޖަހައިދިނީ އިސްމާއީލް ނާޝިދާއި ހުސައިން ނާއިމްއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.

މުބާރާތުގެ ހއ. އަތޮޅު ފައިނަލާއި، ހދ. އަތޮޅުގެ ފައިނަލްގެ އިތުރުން ށ. އަތޮޅު ފައިނަލް މިރޭ އޮންނަ އިރު، ގްރޫޕް ސްޓޭޖުގެ އިތުރު މެޗުތައްވެސް ކުރިއަށްދާނެއެވެ.

ހއ. އަތޮޅު ފައިނަލް

20:00 އުތީމު - ފިއްލަދޫ (ގްރައުންޑް 1)

ހދ. އަތޮޅު ފައިނަލް

21:00 ނޭކުރެންދޫ - ނައިވާދޫ (ގްރައުންޑް 1)

ށ. އަތޮޅު ފައިނަލް

22:00 ކަނޑިތީމު - ފޯކައިދޫ (ގްރައުންޑް 1)

އިތުރު މެޗުތައް:

20:00 ބ. އޭދަފުށި - ބ. ކެންދޫ (ގްރައުންޑް 2)

21:00 ބ. ތުޅާދޫ - ބ. ފެހެންދޫ (ގްރައުންޑް 2)

22:00 ދ. ކުޑަހުވަދޫ - ދ. ބަނޑިދޫ (ގްރައުންޑް 2)

23:00 ފ. ދަރަނބޫދޫ - ފ. ނިލަންދޫ (ގްރައުންޑް 1)

23:00 ފ. ބިލެއްދޫ - ފ. މަގޫދޫ (ގްރައުންޑް 2)