ތިލަފުށިން ސިނާއީ ބޭނުމަށް ބޭރު ފަރާތްތަކަށް ކުއްޔަށް ބިން ދޫކުރަން ހަމަޖެހިފައިވަނީ ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި) ޕޮލިސީ ހުއްދަކުރާ ވިޔަފާރިއެއް ކުރާ ކުންފުންޏެއްތޯ ބެލުމަށްފަހު، އެ ކުންފުނިތަކަށް އެކަނި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މާލޭ ރީޖަނަލް އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ފޭސް ދޭއް ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 150 ހެކްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ނިންމައި އެ ބިމުގެ ތެރެއިން 4.3 ހެކްޓަރު (ވަކި 50 ޕްލޮޓެއްގެ ގޮތުގައި) ބީލަމުގެ އުސޫލުން ދޫކުރުމަށް މިމަހުގެ ހަތްވަނަ ދުވަހު އިއުލާންކޮށްފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"މި ބިންތައް ދޫކުރުމުގައި ދިވެހި ރައްޔިތުންނާ 100 ޕަސަންޓް ދިވެހި ކުންފުނިތަކަށް ބިން ގަތުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި ބޭރުގެ ވިޔަފާރިތަކަށް މި ބީލަމުގެ ބައިވެރިވެވޭނީ އެ ވިޔަފާރިތަކަކީ ސަރުކާރުން ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް ޕޮލިސީގެ (އެފްޑީއައި ޕޮލިސީ) ދަށުން އެ ފަރާތުން ކުރަން ގަސްތުކުރާ ވިޔަފާރިއަށް ހުއްދަ އޮތް، އަދި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެފަދަ ކުންފުނިތަކަށެވެ..،" އެޗްޑީސީން ބުންޏެވެ.

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބޭރުގެ ކުންފުނިތަކުން ބިން ބޭނުންކުރުމަށް ހުށަހަޅާފައިވާ އިންޑަސްޓްރިއަލް ބޭނުންތަކަކީ އެފްޑީއައި ޕޮލިސީގެ ދަށުން ހުއްދަ ދެވިފައިވާ ވިޔަފާރި ބޭނުންތަކެއްތޯ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ބަލާނެކަމަށް އެޗްޑީސީން ބުންޏެވެ.

ތިލަފުށިން ބިން ގަތުމުގެ ބީލަމުގައި ޕްރޮޖެކްޓް ބޭސިސްގައި ކޮންސްޓްރަކްޝަން މަޝްރޫއުތައް ހިންގުމަށް ހުއްދަދީފައިވާ ކުންފުނިތަކަށް ބައިވެރިނުވެވޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނީ ތިލަފުށިން ބިން ދޫކުރަން ނިންމީ ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރުމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ އިތުރުން އިގުތިސޯދީ އާ މަސައްކަތްތަކަށް ފުރުސަތު ހުޅުވައިދީ، ވަޒީފާގެ ފުރުސަތު އިތުރުކުރަން ކަމަށެވެ.