އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި، އެ ޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާގެ ބޮލަށް ލިބުނު އަނިޔާއިން މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ކޯޗު ގްރަހަމް ޕޮޓާ ބުނެފިއެވެ.
ޗެލްސީން ރޭ އަމިއްލަ ދަނޑުގައި ސައުތުހެމްޓަން ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި އަހަރު ފެށުނު ފަހުން ޗެލްސީން އެކިއެކި މުބާރާތްތަކުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނިމިދިޔަ ޓްރާންސްފާ ސީޒަނުގައި ބޮޑެތި ހަރަދުތަކެއް ކުރި ޗެލްސީން ވޯލްޑް ކަޕަށްފަހު ލީގުގައި ކުޅުނު މެޗުތަކުގެ ތެރެއިންވެސް މޮޅުވެވުނީ ކްރިސްޓަލް ޕެލެސް ކައިރިން ކުޅުނު މެޗުން އެކަންޏެވެ.
ރޭގެ ބައްޔާއެކު ޗެލްސީ އޮތީ ލީގު ތާވަލުގެ 10 ވަނައިގައެވެ. އެއީ 23 މެޗުން ލިބުނު 31 ޕޮއިންޓާ އެކުގައެވެ.
ރޭގެ މެޗުގެ ފަހު ހާފުގައި ސައުތުހެމްޓަންގެ ސެކޯ މާރާ، އޯވަހެޑެއް ޖަހަން އުޅުމުގެ ތެރޭގައި ބޫޓުން އަޒްޕިލިކުއެޓާގެ މޫނުގައި ޖެހުމާއެކު ޗެލްސީ ކެޕްޓަން ވަނީ ހަބަރު ހުސްވެ، ދަނޑު މައްޗަށް ވެއްޓިފައެވެ. އަޒްޕިލިކުއެޓާގެ މޫނުގައި ޖެހި ވެއްޓުމާއެކު މެޑިކަލް ޓީމުން ދަނޑަށް އަރައި ފަރުވާން ދޭން ފެށި ނަމަވެސް، ބޭލުނީވެސް 10 ވަރަކަށް މިނެޓް ފަހުންނެވެ.
އަޒްޕިލިކުއެޓާ ހޭ ނެތުމާއެކު ޗެލްސީގެ މެޑިކަލް ޓީމުން އޭނާ އަށިގަނޑަށް އެރުވީވެސް މިނެޓްތަކެއް ވަންދެން އޮކްސިޖަންގެ ފަރުވާވެސް ދީފައެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ޕޮޓާ ބުނީ އަޒްޕިލިކުއެޓާ ވެއްޓުނު މަންޒަރަކީ މާޔޫސީ މަންޒަރެއް ކަމަށާއި ވަގުތު ކޮޅަށް އޭނާ ހޭނެތުނުތަންވެސް ފެނުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގުޅައި، އުމުރުން 33 އަހަރުގެ އަޒްޕިލިކުއެޓާގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި އަޒްޕިލިކުއެޓާގެ އަންހުންނާ ވާހަކަ ދެއްކި ކަަމަށް އާއިލާއިން ބުނި ކަމަށްވެސް ބުންޏެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ