އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ކައިރިން 2-0 އިން މޮޅުވެއްޖެއެވެ.

ފޯމު ރަނގަޅަށް އޮތް ނިއުކާސަލްގެ ދަނޑުގައި ލިވަޕޫލުން ރޭގެ މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ ތާވަލުގެ ގަދަ ހަތަރަކަށް އަރަން ހިތްވަރެއް ލިބިފައެވެ. ރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލް ތާވަލުގެ ނުވަ ވަނައިގައި އޮތްއިރު، މޮޅާއެކު އެ ޓީމު ވަނީ އަށް ވަނައަށް ޖެހިލައިފައެވެ. ހަތްވަނައިގައި އޮތް ބްރައިންޓަންއާއި ލިވަޕޫލް ޕޮއިންޓްގެ ގޮތުން ހަމަހަމަކޮށް އޮތްއިރު، ހަތަރުވަނައިގައި އޮތް ނިއުކާސަލްއާ ދެން އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ.

ލިވަޕޫލަށް 22 މެޗުން 35 ޕޮއިންޓް ލިބިފައިވާ އިރު، ނިއުކާސަލް ހަތަރުވަނައިގައި އޮތީ 41 ޕޮއިންޓާއެކުގައެވެ. ނިއުސާލް ވަނި މިހާތަނަށް ލިވަޕޫލަށްވުރެ މެޗެއް އިތުރަށް ކުޅެފައެވެ.

ލިވަޕޫލުން ދަށް ފޯމެއްގައި މި އަހަރު ފެށި ނަމަވެސް އެންމެފަހުން ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ. ރޭގެ މެޗަށް ނުކުތުމުގެ ކުރިން ލީގުގައި އެންމެފަހުން އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވި ލިވަޕޫލް، ރޭ ފެށީވެސް ރަނގަޅަށެވެ. އެ ޓީމުގެ އެޓޭކިން ސްޓައިލުގައި މެޗު ފަށައި، ލިވަޕޫލުން ވަނީ ފުރަތަމަ ކޮޅުގައި ދެ ގޯލުވެސް ޖަހައިފައެވެ.

އެލެކްސެންޑްރާ އާނޯލްޑްގެ ރީތި ޕާހެއް ކޮންޓްރޯލް ކޮށްލައި، ބާރު ހަމަލާއެއް ގޯލަށް ވައްދާލައިގެން މެޗުގެ 10 ވަނަ މިނެޓުގައި ޑާވިން ނުނޭޒް ލިވަޕޫލަށް ލީޑު ނަގައިދިން އިރު، އޭގެ ހަތް މިނެޓް ފަހުން ހިތްގައިމުކުޅުމަކާއެކު ލިވަޕޫލުން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ މުހައްމަދު ސަލާހް މަތިން އެއްލި ބޯޅައެއްގައި ކޯޑީ ގަކްޕޯ ޖެހި ގޯލެކެވެ. ގަކްޕޯ ވަނީ އެންމެފަހުން ކުޅުނު ދެ މެޗުގައިވެސް ލިވަޕޫލަށް ގޯލު ޖަހައިދީފައެވެ.

ލިވަޕޫލަށް ލީޑު ދަމަހައްޓަން އިތުރަށް ފަސޭހަވީ މެޗުގެ 22 ވަނަ މިނެޓުގައި ނިއުކާސަލްގެ ގޯލްކީޕަރު ނިކް ޕޯޕަށް ދެއްކި ރަތް ކާޑާއެކު، ނިއުކާސަލްގެ ކުޅުންތެރިޔަކު މަދުވުމުންނެވެ. ސަލާހް ކުރިއަށް ދުވެފައި ދިޔަ ބޯޅައެއް ހޯދުމަށް އޭރިއާ ބޭރަށް ނުކުތް ޕޯޕު ކައްސާލުމާއެކު ވެއްޓެން ދިއުމުން، އޭނާ ވަނީ ބޯޅަ ހުއްޓުވަން އަތް ޖައްސައިފައެވެ. އޭރިއާ ބޭރުން ގަސްދުގައި ބޯޅައިގައި އަތްލައި، ސަލާހް ގޯލަށް ޖެހުން ހުއްޓުވުމުން ޕޯޕަށް ދެއްކި ރަތް ކާޑާއެކު އޭނާއަށް މުހިންމު މެޗުތަކެއް ގެއްލޭނެއެވެ.

އޭގެ ތެރޭގައި އަންނަ ހަފުތާ އާދީއްތަ ދުވަހުގެ ރޭ އޮންނަ ލީގު ކަޕް ފައިނަލްވެސް ހިމެނެއެވެ. ނިއުކާސަލް އިން މި ފަހަރުގެ ލީގު ކަޕް ފައިނަލްގައި ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

އެ ފައިނަލަށް ނުކުންނަން ހުރި ނިއުކާސަލްގެ ދެވަނަ ގޯލްކީޕަރު މާޓިން ޑުބްރުވާކާއަށްވެސް ޔުނައިޓެޑާ ދެކޮޅަށް ލީގު ކަޕްގައި ނުކުޅެވޭނެއެވެ. އެއީ ސީޒަނުގެ ފުރަތަމަ ބައިގައި ޔުނައިޓެޑަށް އޭނާ ލީގު ކަޕްގައި ކުޅެފައިވުމުންނެވެ. މިހާރު އޮތް ގޮތުން އެ މެޗަށް ޔުނައިޓެޑާ ދެކޮޅަށް ނިއުކާސަލް ގޯލުގައި ނުކުންނާނީ ތިންވަނަ ގޯލްކީޕަރު، ކުރިން ލިވަޕޫލަށް ކުޅުނު ލޮރިސް ކެރިއަސްއެވެ.

މެޗުގެ ފަހު ހާފުގައި ލިވަޕޫލުން ތިންވަނަ ގޯލަކަށް ބުރަކޮށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ސަލާހާއި ޑިއޭގޯ ޖޮޓާއަށް ލިބުނު ފުރުސަތައް ފާހަގަވި އިރު، އޭގެން އެއްވެސް ފުރުސަތެއްގައި ރަނގަޅަށް ބޭނުން ހިފޭ ގޮތެއް ނުވިއެވެ.