މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ ށ. އަތޮޅުގެ ފައިނަލަށް ކަނޑިތީމާއި ފޯކައިދޫ ދަތުރު ކޮށްފިއެވެ.

މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ށ. އަތޮޅު ސެމީ ފައިނަލްގެ ދެމެޗު ކުޅެފައި ވަނީ މިއަދު ހަވީރުއެވެ. އެ އަތޮޅުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ށ. ކަނޑިތީމުން އެ އަތޮޅު ފީވަށް ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކަނޑިތީމުގެ ކެޕްޓަން އިބްރާހީމް ނަދާދު ވިދާލި އިރު، އޭނާގެ އިތުރުން ގޯލުތައް ޖަހައިދިނީ އަބްދުﷲ އިރުފާނާއި އަހުމަދު ރިޒާން އަދި މުހައްމަދު ޝާނެވެ. މެޗުގައި ރިޒާން ވަނީ ކަނޑިތީމަށް ދެ ގޯލު ޖަހައިދީފައެވެ.

ށ. ފޯކައިދޫން އަތޮޅު ފައިނަލަށް ދަތުރުކޮށްފައި ވަނީ ބިލެއްފަހީގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ. މެޗުގައި ފޯކައިދުއަށް ތަފާތު ދެއްކީ މުހައްމަދު ރިޝްވާން (ފުކޭ) އެވެ. އޭނާ ވަނީ މޮޅަށް ކުޅެ ހެޓްރިކް ހަދައިފައެވެ. ފުކޭގެ އިތުރުން ފޯކައިދުއަށް މެޗުގައި ގޯލު ޖަހައިދިނީ އަބްދުﷲ މާލިކެވެ.

ބިލެއްފައްސަށް މެޗުގައި ހަމައެކަނި ގޯލު ޖަހައިދިނީ އާދަމް އަފްރާހެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެ ވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.