މިއަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިންވަނަ އާއި އާ ރާނީ ކެމީލާގެ ކޮރޮނޭޝަން ހަފުލާ ރަސްމީގޮތުން ބާއްވާ އިރު، މަޝްހޫރު ކޮހިނޫރު އަލިމަސް ޖަހާފައިވާ ތާޖުކޮޅު ކެމީލާ ބޭނުން ނުކުރައްވާނޭ ކަމަށް ޝާހީ ގަނޑުވަރުން ބުނެފިއެވެ.
ކޮހިނޫރު އަލިމަހަކީ އިނގިރޭސިން އިންޑިޔާ އިސްތިއުމާރުކޮށްގެން އުޅުނު ދުވަސްވަރު އިންޑިޔާއިން ފޭރިގެން ގެންގޮސްފައިވާ ވަރަށް އަގު ބޮޑު ބިޔަ އަލިމަހެކެވެ. އެ އަލިމަސް ހަރުކޮށްފައިވާ ތާޖުކޮޅަށް ކިޔަނީ ކުއީން މޭރީގެ ތާޖުކޮޅެވެ. އެ ތާޖުކޮޅުގެ އަގު އެކަނިވެސް ހަތަރުސަތޭކަ މިލިޔަން ޑޮލަރަށް އަރާ ކަމަށް ބުނެވެއެވެ. އާއްމު ގޮތެއްގައި މި ތާޖުކޮޅު އޮންނީ ލަންޑަން ޓަވަރުގައި ރައްކާތެރިކަމާއެކު ފޮރުވައިފައެވެ. ރާނީގެ މަގާމުގައި ހުންނަވާ ކަނބަލަކު މި ތާޖު ތުރުކުރައްވަނީ ހަމައެކަނި ކޮރޮނޭޝަން ހަފުލާގައެވެ.
ކޮހިނޫރު އަލިމަހަކީ ކިތަންމެ އަގުބޮޑު އެއްޗަކަށްވިޔަސް އެ އަލިމަހަކީ ވަރަށް ސުންޕާ އަލިމަހެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންވީމާ ފަހަކަށް އައިސް އިނގިރޭސި ގަނޑުވަރުން ކޮހިނޫރު އަލިމަސް ޖަހާފައިވާ ތާޖުކޮޅު ބޭނުން ކުރުން ވަނީ މުޅިން ކަހަލަ ގޮތަކަށް ހުއްޓާލައިފައެވެ. މި އަލިމަހަކީ އިންޑިޔާ އާއި ޕާކިސްތާން އަދި އީރާނާއި އަފްޣާނިސްތާނުންވެސް ދައުވާ ކުރަމުން އަންނަ އަލިމަހެކެވެ. އެހެންވީމާ މި ތާޖުކޮޅު ތުރުކުރެއްވުމުގެ ވިސްނުންފުޅު ކެމީލާ ދޫކޮށްލެއްވީ މިކަންކަމަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ.
ކޮހިނޫރުގެ މާނަޔަކީ ފާރިސީބަހުން އަލިކަމުގެ ފަރުބަދައެވެ. މިނަން ދެއްވީ އިންޑިޔާގެ ކުރީގެ މުސްލިމް ޝެހެންޝާހު ޝާހު ޖަހާނެވެ. މި އަލިމަސް އެންމެ ފުރަތަމަ ބޭނުން ކުރެވުނީ ޝާހު ޖަހާނުގެ މަޝްހޫރު ސާމަރާދޫނީގެ ތަޚުތުގައެވެ. ޝާހު ޖަހާނަކީ އިންޑިޔާގެ އާގަރާގައި އެހެރަ ތާޖްމަހަލް ބިނާކުރެއްވި ރަސްގެފާނުވެސްމެއެވެ. ތާޖްމަހަލް ބިނާކުރެއްވީ އެރަސްގެފާނުގެ އަނބިކަނބަލުން މުމްތާޒުގެ ހަނދާނުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ