ނޯޑް ސްޓްރީމް ޕައިޕްލައިންގެ ނަމުން މަޝްހޫރުވެފައިވަނީ ބޯލްޓިކް ކަނޑު ހުރަސްކޮށް ރަޝިޔާ އާއި ޖަރުމަނީއާ ދެމެދު އަޅާފައިވާ ގޭސްހޮޅިތަކަށެވެ. އެއީ ނޯޑް ސްޓްރީމް އެކެއް އަދި ނޯޑް ސްޓްރީމް ދޭކެވެ. ކޮންމެ އެއްޗެއްގައި ދެ ހޮޅިއެވެ. އެހެންވީމާ ޖުމްލަ ހަތަރު ހޮޅިއެވެ. ގާތްގަޑަކަށް ބާރަސަތޭކަ ކިލޯމީޓަރުގެ ދިގު މި ހޮޅިތަކުން ހުޅަނގު ޔޫރަޕަށް އަހަރަކު 3.9 ޓްރިލިއަން ކިއުބިކްފޫޓުގެ ގުދުރަތީ ގޭސް ރަޝިޔާއިން އައީ ފޯރުކޮށްދެމުންނެވެ. ނޯޑް ސްޓްރީމް ހޮޅިތަކަކީ ރަޝިޔާ އާއި ޖަރުމަންވިލާތް ގުޅިގެން ކޮށްފައިވާ މަސައްކަތެކެވެ. ނޯޑްއަކީ ޖަރުމަން ލަފުޒެކެވެ. މާނަޔަކީ އުތުރެވެ. ސްޓްރީމަކީ އިނގިރޭސި ލަފުޒެކެވެ. މާނަޔަކީ އާރެވެ. މި ހޮޅިތައް އަޅައި އެއިން ގޭސް ސަޕްލައިކުރަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މިއީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެމެރިކާއިން ދެކޮޅުހަދަމުން އައި މަޝްރޫއެކެވެ.
އެމެރިކާ ރުޅި އައީ ހުޅަނގު ޔޫރަޕުން ރަޝިޔާއަށް ބަރޯސާވުން ބޮޑުވާތީއެވެ. އެމެރިކާއަށް ލިބޭ އިގުތިސާދީ ދެރަޔަކަށްވާތީއެވެ. ރަޝިޔާއަށް ލިބޭ ބާރަކަށްވާތީއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ސަބަބެކެވެ. މިކަން މިހެންހުއްޓައި ޔުކްރޭނުގެ ހަނގުރާމަ ފެށުނުތާ ހަތްމަސް ފަހުން ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި ހަތަރު ހޮޅީގެ ތެރެއިން ތިން ހޮޅިއެއް ބޯލްޓިކް ކަނޑުގެ އަޑިން ކޮންމެވެސް ބަޔަކު ވަނީ ގޮއްވައިލައިފައެވެ. ކޮންބަޔަކު ކުރިކަމެއް ބާވައެވެ؟ އެމެރިކާގެ މަޝްހޫރު ތަހުގީގީ ނޫސްވެރިއެއްކަމަށްވާ ސޭމަރ ހާޝް ތައްޔާރުކުރި ޚާއްސަ ރިޕޯޓެއް ބުނާގޮތުން މިއީ އެމެރިކާގެ އަމަލެކެވެ. އުމުރުން މިހާރު 86 އަހަރު ވެފައިވާ ސޭމަރއަކީ އާދައިގެ މީހެއް ނޫނެވެ. ޕުލިޒަރ ޕްރައިޒް ހޯދާފައިވާ ނޫސްވެރިޔެކެވެ.
ޕްލިޒަރ ޕްރައިޒަކީ ނޫސްވެރިކަމުގެ ދުނިޔޭގައި އެންމެ ޝަރަފުވެރި އެވޯޑެވެ. ކަންކަން ތަހުގީގުކޮށް އާންމުންނާ ހަމަޔަށް ތިލަކޮށްދިނުމުގައި އެންމެ ފާހަގަކުރެވޭ މަސައްކަތެއްކުރާ ނޫސްވެރިންނަށްދޭ މި އެވޯޑް އޭނާއަށް 1970 ވަނަ އަހަރު ލިބުނީ ވިއެޓްނާމު ހަނގުރާމައިގެ ތެރޭގައި އެމެރިކާ ސިފައިން ވިއެޓްނާމުގެ އަވަށެއްގައި ހިންގި ބޮޑުވެގެންވާ ގަތުލުއާއްމެއްގެ ހަގީގަތް ދުނިޔެއަށް ހާމަކޮށްދިނުމުންނެވެ. އެފަހަރު އެމެރިކާ ބޭޒާރުކުރިގޮތަށް މިފަހަރުވެސް އޭނާ މިވަނީ އެމެރިކާ ބޭޒާރުކޮށްލައިފައެވެ. އެމެރިކާގެ ޕޯޓަލްއެއް ކަމަށްވާ ސަބްސްޓެކްގައި ހުސްވި ހަފުތާގެ ބުދަ ދުވަހު އޭނާ ވަނީ ޚާއްސަ ރިޕޯޓެއް ޝާއިއުކޮށްފައެވެ.
މި ރިޕޯޓްގައިވާ ގޮތުން ނޯޑް ސްޓްރީމް ހޮޅިތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ޑައިވަރުންގެ ޓީމަކުން ގޮވާތަކެތި ހަރުކުރީ ހުސްވި އަހަރުގެ ޖޫން މަހު މެދުތެރޭގައި ބޯލްޓިކް ކަނޑުގައި ނޭޓޯގެ ގައުމުތަކުން ބޭއްވި އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން އެހެން ގައުމުތަކަށްވެސް ސިއްރުންނެވެ. ހޮޅިތައް ރިމޯޓްގޮތެއްގައި ގޮއްވައިލީ މިއެއްޗެއް ހަރުކުރިތާ ގާތްގަޑަކަށް ތިން މަސް ފަހުން ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ނޯޑް ސްޓްރީމް ހޮޅިތައް ގޮއްވައިލުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ނިންމެވީ އެކަންކުރާނެ ގޮތަކާމެދު އެމެރިކާގެ އަސްކަރީ ތަޖުރިބާކާރުންގެ މެދުގައި ނުވަ މަސް ވަންދެން ކުރިއަށް ގެންދިޔަ ސިއްރު މަޝްވަރާތަކަށްފަހުގައެވެ. މި މަޝްވަރާތައް އެމެރިކާގައި ފެށުނީވެސް ރަޝިޔާ ސިފައިން ޔުކްރޭނަށް ހުސްވި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އަރައިގަތުމުގެ މާކުރިންނެވެ.
ނޯޑް ސްޓްރީމް ހޮޅިތައް ގޮއްވާލައި ރަޝިޔާގެ ތެލާއި ގޭސް ހުޅަނގު ޔޫރަޕަށް ލިބުން ހުއްޓުވުމަށް ޔުކްރޭނުގެ ހަނގުރާމައިގެ މާކުރިންވެސް އެމެރިކާއިން އެއޮތީ ނިންމައިފައެވެ. ހޮޅިތައް ގޮއްވައިލުމުގެ މަޝްވަރާތައް ނުވަ މަސް ދުވަހަށްވުރެ ދިގުލައިގެން ދިޔައީ އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކަށް ނޫނެވެ. އެކަންކުރަން އެންމެ ފުރަތަމަވެސް އޮތީ ނިންމައިފައެވެ. މަޝްވަރާ ކުރެވުނީ މިއީ އެމެރިކާގެ އަމަލެއްކަން ބޭޒާރު ނުވާނޭ ގޮތެއްގެ މަތިން އެންމެ ފުރިހަމައަށް އެންމެ މޮޅަށް ކުރާނޭ ގޮތަކާމެދުގައެވެ. މިގޮތަށް މަޝްވަރާކޮށްފައި ނިންމީ ކުރިން ބަޔާންކުރެވުނު ނޭޓޯގެ ތަމްރީނުތަކުގެ ނިވަލުގައި އެންމެންނަށް ސިއްރުން އޭގައި ގޮވާތަކެތި ހަރުކޮށްފައި މާފަހުގެ ތާރީޚެއްގައި ރިމޯޓުން ހޮޅިތައް ގޮއްވައިލުމަށެވެ.
މިކަން މިމަގުން ކުރީމާ އެއްވެސް ބަޔަކު އެމެރިކާއަށް ޝައްކު ނުކުރާނޭ ކަމަށް ހީކޮށްފައެވެ. ނޯޑް ސްޓްރީމް ހޮޅިތައް ގޮއްވައިލީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އެންގެވުމަކަށް އެމެރިކާގެ ސިފައިންކަން ނޫސްވެރިއެއްގެ ތަހުގީގުން ހާމަވިޔަސް އެމެރިކާގެ ރިޔާސީ ކިއްލާއިން ވަނީ މިކަން ދޮގުކޮށްފައެވެ. އެފަރާތުން ބުނެފައިވަނީ މިއީ ޚިޔާލީ ވާހަކަތަކެއް ހިމަނައިގެން މީހަކު ލިޔެފައިވާ ރިޕޯޓެއް ކަމަށާއި އޭގައި އެއްވެސް ހަގީގަތެއް ނެތް ކަމުގައެވެ. އެމެރިކާއިން މިހެން ބުންޏަސް ރަޝިޔާ ވަނީ މިއީ އެކަން ހިނގިގޮތް ކަމަށް ބުނެ އެއަށް ބާރުދީފައެވެ. ރަޝިޔާއިން ވަނީ އަލަށް ހާމަވެގެންދިޔަ ހަގީގަތްތަކާ ގުޅިގެން ނޭޓޯގެ ކުއްލި ބައްދަލުވުމެއް ބާއްވާނީ ކޮންއިރަކުތޯވެސް އަހައި ސުވާލުކޮށްފައެވެ. ގޮވުންތައް ގޮވާފައިވަނީ ބޯލްޓިކް ކަނޑުން ޑެންމާކާއި ސުވިޑަންގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރޭގައެވެ.
މިހާދިސާގެ ސަބަބުން ކަނޑުގެ ދިރުންތަކަށާއި ތިމާވެއްޓަށްވެސް ނުހަނު ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. ރަޝިޔާ އާއި ޖަރުމަންވިލާތަށް މާލީގޮތުން ލިބުނު ގެއްލުން އެކަނިވެސް ވިއްސަކަށް ބިލިޔަން ޑޮލަރަށް އަރައެވެ. މިކަމަކީ ބަޔަކު ގަސްތުގައި ހިންގާފައިވާ ޓެރަރިޒަމެއް ކަމަށް ސުވިޑަނާއި ޑެންމާކުގެ ތަހުގީގުތަކަށްފަހު އެ ދެގައުމުންވެސް ވަނީ ބުނެފައެވެ. އެކަމަކު ވަކި ބަޔަކަށް އިނގިލި އަމާޒެއް ނުކުރެއެވެ. އެމެރިކާއިން މިކަންކޮށްފައި އެންމެ ފުރަތަމަވެސް ބުނެފައިވަނީ މިއީ ހުޅަނގު ޔޫރަޕް ހަކަތަޔަށް ޖައްސައި ބިކަކޮށްލުމުގެ ނިޔަތުގައި ރަޝިޔާއިން އަމިއްލައަށް ހިންގާފައިވާ އަމަލެއް ކަމުގައެވެ. މި ހޮޅިތަކަކީ ރަޝިޔާގެ އަމިއްލަ އެއްޗަކަށްވިޔަސްމެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ