ކުރިއަށްމިދާ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ތުރުކީ އާއި ސީރިޔާއަށް އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ރޮކެޓް ސްޕީޑުގައި އަދިވެސް އެދަނީ މަތިވަމުންނެވެ. އުފުލެމުންނެވެ. މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް އަދަދުތައް ވަނީ ސާޅީސް އެއްހާހުން މައްޗަށް އަރައިފައެވެ. މި އަދަދުތަކާއެކު މި ހެލުން ވެފައިވަނީ ފާއިތުވި ސަތޭކަ އަހަރުގެ ތެރޭގައި ދުނިޔެއަށް އައި އެންމެ ވަރުގަދަ އަދި ގެއްލުން ބޮޑު ދިހަވަނަ ހެލުމަށެވެ. މި ހެލުމަކީ ތުރުކީގެ އިރުމަތިން ސީރިޔާގެ ބޯޑަރާ ގާތުގައި އޮންނަ ގަޒިއެންތެޕަށް އައި ހެލުމެކެވެ. ބާރުމިނަކީ ރިކްޓަރ މިންގަނޑުން 7.8 އެވެ. އޭގެ އިރުކޮޅެއްފަހުން ހަމަ އެ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.5 ގެ ބާރުމިނުގައި އިތުރު ހެލުމެއްވަނީ އައިސްފައެވެ. ކުރީގެ ހެލުމުގައި ރެނދުލީ ވަރަށް ގިނަ އިމާރާތްތައް ބިމާހަމަވީ ފަހުގެ ހެލުމުގައެވެ.
ފާއިތުވި ސަތޭކަ އަހަރުގެ ތެރޭގައި އެންމެ ގިނަބަޔަކު މަރުވެ އެންމެ ގިނަ ގެއްލުން ލިބުނު ދިހަ ހެލުމުގެ ތެރެެއިން ލިސްޓުގެ އެއްވަނައަށް އަންނަނީ ޗައިނާގެ ކާރިސާއެކެވެ. އެންމެ ގިނަ ބަޔަކު މަރުވިކަމަށް ތަފާސްހިސާބުތަކުން އެނގެނީ ނުވަތަ ދައްކަނީ 1976 ވަނަ އަހަރު ޗައިނާގެ އުތުރުގެ ހެބެއި ޕްރޮވިންސަށް ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުމިނުގައި އައި ހެލުމެވެ. ރަސްމީ ހިސާބުކިތާބުން ދައްކާގޮތުގައި ދެލައްކަ ސާޅީސްދެހާސް މީހުން މަރުވިއެވެ. މި ހެލުމުގެ ބާރުމިނާމެދު ޚިލާފުތަކެއް އުފެދިފައިވެއެވެ. ޗައިނާއިން ބުނަނީ 7.8 ކަމުގައެވެ. އެމެރިކާއިން ބުނަނީ 7.5 ކަމުގައެވެ. މަރުވި މީހުންގެ އަދަދާމެދުވެސް ޚިލާފު ބޮޑެވެ. ހުޅަނގުގެ އަންދާޒާތަކުން ދައްކަނީ ހަތްލައްކަ މީހުން މަރުވި ކަމަށެވެ.
މަރުވި މީހުންގެ އަދަދަށް ބަލަންޏާ މި ލިސްޓުގެ ދެވަނަ ލިބެނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު އިންޑޮނީޝިޔާގެ ސުމަޓްރާގެ ހުޅަނގުބިތުން އިންޑިޔާ ކަނޑުގެ އަޑިޔަށް ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުމިނުގައި އައި ހެލުމެވެ. އެ ކާރިސާގައި އެކި ގައުމުތަކުން މަދުވެގެން ދެލައްކަ ތިރީސް ހާސް މީހުން މަރުވިއެވެ. އިންޑޮނީޝިޔާއިން އެކަނިވެސް އެއްލައްކަ ހަތްދިހަހާސް މީހުން މަރުވިއެވެ. ލަންކާއިންވެސް އެތައްހާސް ބައެކެވެ. ގިނަބަޔަކު މަރުވީ ބިންހެލުމާ ގުޅިގެން ކަނޑުގައި އުފެދުނު ބިޔަ ސުނާމީ އެރުމުގެ ސަބަބުންނެވެ. މި ސުނާމީގެ އަސަރު ދިހަބާރަ ގައުމަށް ފޯރިއެވެ. މި ސުނާމީ ބައެއް ހިސާބުތަކަށް އެރީ ސަތޭކަފޫޓުގެ އުސްމިނުގައެވެ. ދަތުރުކުރީ ގަޑިއަކު 700 ކިލޯމީޓަރުގެ ބާރުމިނުގައެވެ. ޖެޓް ސްޕީޑްގައެވެ.
ކެރީބިއަންގެ ޖަޒީރާ ގައުމެއް ކަމަށްވާ ހެއިޓީއަށް 2010 ވަނަ އަހަރުގެ ޖެނުއަރީ ބާރަވަނަ ދުވަހު ރިކްޓަރ މިންގަނޑުން 7 ގެ ބާރުމިނުގައި އައި ހެލުމަކީ މަރުވި މީހުންގެ އަދަދަށް ބަލާއިރު ލިސްޓުގެ ތިންވަނައެވެ. މަދުވެގެން ދެލައްކަ މީހުން މަރުވިއެވެ. މި ހެލުމުގައި ހެއިޓީގެ ވެރިރަށް ޕޯޓް ޕްރިންސް ވަނީ މުޅިން ސުންނާފަތިވެފައެވެ. ގައުމުގެ މުޅި އޮނިގަނޑު ކަހަލަ ގޮތަކަށް ވަނީ ވީރާނާވެފައެވެ. މިކަމުން އަރައިނުގަނެވިގެން އުޅެނިކޮށް ދެން ފެތުރުނީ ކޮލެރާއެވެ. ކޮލެރާއަކީ ބިންހެލުމާ ގުޅިގެން ހެއިޓީގައި އަމަން ގާއިމްކުރުމަށް އދ. ގެ ފަރާތުން ފޮނުވި ސުލްހައިގެ ލަޝްކަރުގައި ހިމެނުނު ނޭޕާލުގެ ފައުޖުން އެއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ގެންދިޔަ ވަބާއެކެވެ. މިވަބާގައި އެކަނިވެސް ދިހަހާސް މީހުން މަރުވި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ޖަޕާނަށް 1923 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު މެންދުރު ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި ހެލުމުގައި އެއްލައްކަ ސާޅީސްދެހާސް މީހުންވަނީ މަރުވެފައެވެ. މިއީ ލިސްޓުގެ ހަތަރުވަނަ ކާރިސާއެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯވެސް މުޅިން ސުންނާފަތިވިއެވެ. ތުރުކުމަނިސްތާނަށް 1948 ވަނަ އަހަރުގެ އޮކްޓޫބަރު ފަސްވަނަ ދުވަހު ރިކްޓަރ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި ހެލުމުގައި މަރުވިކަމަށް އެނގިފައިވަނީ އެއްލައްކަ ދިހަހާސް މީހުންނެވެ. މިއީ އެންމެ ގެއްލުން ބޮޑު ފަސްވަނަ ކާރިސާއެވެ. ލިސްޓުގެ ހަވަނަ ލިބެނީ 2008 ވަނަ އަހަރުގެ މެއި މަހުގެ ބާރަވަނަ ދުވަހު ޗައިނާގެ ސިޗުއާނަށް ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި ހެލުމަށެވެ. މަދުވެގެން އަށްޑިހަ ހަތްހާސް މީހުން މަރުވިއެވެ.
އިންޑިޔާ އާއި ޕާކިސްތާނުގެ އުތުރުން ކަޝްމީރަށް 2005 ވަނަ އަހަރުގެ އޮކްޓޫބަރު އަށް ވަނަ ދުވަހު ރިކްޓަރ މިންގަނޑުން 7.6 ގެ ބާރުމިނުގައި އައި ހެލުމަކީ މިޒާތުގެ ހަތްވަނަ ގުދުރަތީ ކާރިސާއެވެ. ތަފާސްހިސާބުން އެނގޭގޮތުގައި މަދުވެގެން ހަތްދިހަ ތިންހާސް މީހުން މަރުވިއެވެ. އެންމެ ގިނަބަޔަކު މަރުވީ ޕާކިސްތާނުންނެވެ. އެގައުމުގެ އުތުރުގެ ސަރަހައްދުތަކުން އިތުރު 3.5 މިލިޔަން މީހުން ހާލުގައިޖެހި ވިއްސިވިހާލިވިއެވެ. ޗައިނާއަކީ އަބަދުވެސް ވަރުގަދަ ހެލުންތައް އަންނަ ގައުމަކަށްވާއިރު ލިސްޓުގެ އަށް ވަނަ ލިބެނީ 1932 ވަނަ އަހަރު ޑިސެމްބަރު 26 ވަނަ ދުވަހު ޗައިނާގެ ހުޅަނގުއުތުރުގެ ގަންސޫ ޕްރޮވިންސަށް ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި ހެލުމަށެވެ. މަދުވެގެން ހަތްދިހަހާސް މީހުން މަރުވިކަމަށް ރިކޯޑް ކުރެވިފައިވެއެވެ.
ދެކުނު އެމެރިކާގެ ގައުމެއްކަމަށްވާ ޕެރޫއަށް 1970 ވަނަ އަހަރުގެ މެއިމަހުގެ 31 ވަނަ ދުވަހު ރިކްޓަރ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި ހެލުމަކީ ފާއިތުވި ސަތޭކަ އަހަރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު މަރުވި ނުވަވަނަ ކާރިސާއެވެ. ޕެރޫގެ ހުޅަނގުބިތުން ޕެސިފިކް ކަނޑުގެ އައްސޭރީގައިވާ ގިނަ ސަރަހައްދުތައް ފުނޑުފުނޑުވިއެވެ. ހުއަރާޒޭ ކިޔުނު ސަހަރު ކިސަޑާއި ވެލީގެ ތެރޭގައި މުޅިން ފޮރުވުނެވެ. މަރުވިކަމަށް ރިކޯޑު ކުރެވިފައިވާ މީހުންގެ އަދަދަކީ ފަސްދޮޅަސް ހަތްހާހެވެ. މިއީ މިގަރުނުގައި ޕެރޫއަށް އައި އެންމެ ގެއްލުން ބޮޑު ހެލުން ކަމަށްވިއަސް އެސަރަހައްދަކީ ފާއިތުވެގެން ގޮސްފައިވާ ތަނުގައި އަދި މިއަށްވުރެވެސް ބާރުގަދަ ހެލުންތައް އައިސްފައިވާ ސަރަހައްދެކެވެ. ޕެރޫ އާއި ޗިލީ ހިމެނޭގޮތުންނެވެ. ދެކުނު އެމެރިކާގެ ހުޅަނގުބިތުގެ އައްސޭރިޔަކީ ބިންހެލުންތައް އާއްމުގޮތެއްގައި އަންނަ މަޝްހޫރު ރިންގް އޮފް ފަޔަރ ފެށޭ ހިސާބެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ