މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގެ އދ. އަތޮޅުގެ ސެމީ ފައިނަލް ފަހު ޖާގަތައް މަހިބަދޫ އާއި ފެންފުށި އަދި ހަންޏާމީދޫން ޔަގީންކުރި އިރު، މ. ދިއްގަރުވެސް އަތޮޅު ސެމީން ޖާގަ ހޯދައިފިއެވެ.
މުބާރާތުގެ މެޗުތައް ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދާ އިރު، ރޭ ވަނީ އދ. އަތޮޅުގެ ދެ ގްރޫޕުވެސް ފަހު މެޗުތައް ކުޅެ، މ. އަތޮޅު ގްރޫޕްތަކުގެ ދެ މެޗުވެސް ކުޅެފައެވެ. އދ. އަތޮޅު ގްރޫޕް އެކެއްގައި ރޭ ކުޅުނު އެންމެ ފަހު މެޗުގައި މަހިބަދޫ އާއި އޮމަދޫ 2-2 އިން އެއްވަރުވި އިރު، އެ ނަތީޖާއާއެކު އޮމަދޫ ކަޓައި، އެ އަތޮޅުގެ ދެވަނަ ޖާގަ ޔަގީންވީ ފެންފުއްޓަށެވެ. މަހިބަދޫ އެއްވަނައިގައި އަތޮޅު ސެމީއަށް ދިޔަ އިރު، ރޭގެ މެޗުގައި މަހިބަދޫގެ ގޯލުތައް ޖެހީ އާދަމް ފަހުމާނާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. އޮމަދޫގެ ގޯލުތައް ޖެހީ މޫސާ އަރީފާއި އަހުމަދު އަހުސަނެވެ.
ރޭގެ މެޗުތަކަށް ނުކުތް އިރުވެސް މާމިގިލިން އަތޮޅު ސެމީގެ ޖާގައެއް ޔަގީންކޮށްފައި އޮތް އިރު، ހަންޏާމީދޫ ނުކުތީ އަމިއްލަ ބާރުގައި އަތޮޅު ސެމީ ޔަގީން ކުރުމަށެވެ. މާމިގިއްޔާއި ހަންޏާމީދޫ ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، މާމިގިލީގެ ގޯލުތައް ރޭގެ މެޗުގައި ޖެހީ އިބްރާހިމް ރިޒުހާން (ރިޒްކޯ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ)އެވެ. ހަންޏާމީދޫގެ ދެ ގޯލު ޖެހީ މުހައްމަދު ޖައިލަމް (އޮގީ) އެވެ.
ރޭ ކުޅުނު މ. އަތޮޅު ގްރޫޕް އެކެއްގެ މެޗު ފޯރިގަދަކޮށް ފެނުނު އިރު، ދިއްގަރުން ކުޅުނު ފުރަތަމަ މެޗުން އަތޮޅު ސެމީ ޔަގީން މުލަކު ކައިރިން ހޯދި 1-0 ހަނި މޮޅަކުންނެވެ. ރޭގެ މެޗުގައި ދިއްގަރުގެ ގޯލު ޖަހައިދިނީ އެޓީމަށް މިފަހަރު ކުޅެމުންދާ ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. މެޗުގައި އިތުރު ގިނަ ހަމަލާތަކެއްވެސް ދިއްގަރުން އުފެއްދި އިރު، މުލަކުގެ ގޯލު ބެލެހެއްޓި މިފްދާދު އަހުމަދު ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ.
މ. އަތޮޅު ގްރޫޕް ދޭއްގައި މުލިން 5-2 އިން ކޮޅުފުށި ބަލިކުރި އިރު، މުލީގެ ގޯލުތައް ޖެހީ ސާހު އަހުމަދާއި މުހައްމަދު އިދާން، ހަސަން ސަމްހާން އަދި ހަސަން އަޝްރަފެވެ. ސާހު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ކޮޅުފުށިން ގޯލު ޖެހީ މޫސާ ޒާހިރު އާއި އަބްދުﷲ ސުޖާއު (ސުޖާ) އެވެ. މ. އަތޮޅު ގްރޫޕް ދޭއްގެ ސެމީގެ ޖާގަތައް ޔަގީންވާނީ މާދަމާރޭ މުއްޔާއި މަޑުއްވަރީ ކުޅޭ މެޗަށް ފަހުއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މި ފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުން 102 ޓީމަކުން ބައިވެރިވެފައިވާ އިރު، މި ފަހަރު މުބާރާތުގައި 242 މެޗު ކުޅޭނެއެވެ. މި އަހަރުގެވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
16:00 ގދ. ހޯޑެއްދޫ - ގދ. ގައްދޫ (ގްރައުންޑް 1)
16:00 ގދ.ވާދޫ - ގދ. މަޑަވެލި (ގްރައުންޑް 2)
17:00 ށ. ކަނޑިތީމު - ށ. ފީވަށް (ގްރައުންޑް 1)
17:00 ށ. ފޯކައިދޫ - ށ. ބިލެތްފަހި (ގްރައުންޑް 2)
20:00 ރ. އިންނަމާދޫ - ރ. މީދު (ގްރައުންޑް 1)
20:00 ރ. ދުވާފަރު - ރ. އަލިފުށި (ގްރައުންޑް 2)
21:00 ފ. މަގޫދޫ - ފ. ދަރަނބޫދޫ (ގްރައުންޑް 1)
21:00 ފ. ނިލަންދޫ - ފ. ބިލެތްދޫ (ގްރައުންޑް 2)
22:00 ތ. ގާދިއްފުށި - ތ. ހިރިލަންދޫ (ގްރައުންޑް 1)
22:00 ތ. ވޭމަންޑޫ - ތ. އޮމަދޫ (ގްރައުންޑް 2)
23:00 ތ. ކިނބިދޫ - ތ. ބުރުނި (ގްރައުންޑް 1)
23:00 ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ (ގްރައުންޑް 2)
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް