އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތު ރައްދުވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލު ކޮށްފިއެވެ.
ކުރިމިނަލް ކޯޓުގައި މި އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ހަތަރު ހެއްކެއްގެ ހެކިބަސް ނެގިއެވެ.
އެއީ އައިޖީއެމްއެޗްގެ އިމަޖެންސީ މެޑިކަލް އެސިސްޓެންޓަކާއި ލަމްހާއާއެކު މަސައްކަތްކުރި ނަރުހެއްގެ އިތުރުން އީއާރްގައި މަސައްކަތްކުރި ނަރުހަކާއި މާވިންގެ މަންމަ (މާރިކް) އާއެކު މަސައްކަތްކުރާ ފަރާތެކެވެ.
އެ ދުވަހުގެ އަޑުއެހުމުގައި ފަސް ވަނަ ހެކިވެރިއަކުވެސް ހާޒިރު ކުރިއެވެ. ފަސްވަނައަށް ހާޒިރުކުރީ ފިލިޕީންސްގެ ރައްޔިތެކެވެ. ނަމަވެސް އިނގިރޭސި ބަސް ތަރުޖަމާކުރުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން އެ ހެކިވެރިޔާގެ ހެކިބަސް ނެގިފައިނުވާތީ އެ ދުވަހުގެ އަޑުއެހުން ނިންމާލީއެވެ.
މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާ ދެކޮޅަށް ވަނީ 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅައިފައެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.
ޚަބަރު
ޚަބަރު
ޚަބަރު